25 Dec 2013, 15:50
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހަތަރު ގާނޫނަކަށް އިސްލާހު ގެންނަން ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ޕީޕީއެމްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.
އާމްދަނީ އިތުރުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ އެއާޕޯޓަކުން ފުރާ ބިދޭސީންގެ އަތުން ނަގާ 18 ޑޮލަރު 25 ޑޮލަރަށް ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފަ އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. އަދި ޓޫރިސްޓް ރިސޯޓްތަކުން ނަގާ އެނދު ކުލި އަންނަ އަހަރުން ފެށިގެން އުވިގެން ދާތީ، ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަން ވެސް އޭނާ ހުށަހަޅުއްވާފައިވެ އެވެ.
ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާގެ ހިދުމަތުން ނަގާ ޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރަން ވެސް ހުށަހަޅައިފަ އެވެ. ޖީއެސްޓީ އަށް ބަދަލު ގެންނަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގު ހަސަން އެވެ. އަދި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް އަމީން ވެސް ހުށަހަޅާފައިވެ އެވެ.
ސަރުކާރުން ދާދިފަހުން ވަނީ ވައިގެ ދަތުރުފަތުރުން ދިވެހިން އަތުން ޖީއެސްޓީ ނަގާ މިންވަރު ހަ ޕަސެންޓަށް ކުޑަކުރަން މަޖިލީހަށް ހުށަހަޅަން ވެސް ނިންމައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެތެރޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުން ވިއްކާ މުދަލާއިދޭ ހިދުމަތުން ނަގާ ޓެކްސް، ޓޫރިސްޓުންނެކޭ އެއްފަދައިން ދިވެހިންގެ އަތުންވެސް ނެގެނީ، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ޓެކްސް ނެގޭ ރޭޓުން ކަމަށްވާތީ، އެކަން އިސްލާޙުކޮށް، އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުން ޓެކްސް ނެގޭ ރޭޓުން ދިވެހިންގެ އަތުން އެ ޓެކްސް ނެގޭނެ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، މުވާސަލާތީ ވަސީލަތްތަކުން މުދަލާއި ހިދުމަތުން ޓެކްސް ނެގުން ތައާރަފުކުރުމަށް ޓަކައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަމަށެވެ.
ސަރުކާރުން އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ ރާއްޖޭގެ އެއާޕޯޓަކުން ފުރާ ފަސިންޖަރުންގެ އަތުން މިހާރު ނަގަމުން ގެންދާ 18 ޑޮލަރުގެ ބަދަލުގައި، އެއަދަދު 25 ޑޮލަރަށް އިތުރުކުރުމަށް ޓަކައި، ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖް ނެގުމާ ބެހޭ ގާނޫނަށް ގެންނަ އިސްލާޙާއި ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމަށް އިތުރުކުރެވޭ މުއްދަތާ ގުޅިގެން އެތަންތަނަށް ދައްކަންޖެހޭ ފީއާ ބެހޭގޮތުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ގެންނަ އިސްލާހު އަދި ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ނަގާ ބެޑް ޓެކްސް މިއަހަރުގެ ޑިސެންބަރު މަހުގެ 31ގެ ނިޔަލަށް ނިމުމަކަށް އަންނާނެ ކަމަށް، އެ ގާނޫނުގައި ބަޔާންކުރާތީ، އެ މުއްދަތު 2014 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށް، ބެޑް ޓެކްސް ނެގެމުންދާނެ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، އެ ގާނޫނުގެ ދަށުން ނަގާ ބެޑް ޓެކްސް ނެގުމާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިދޭ ބާރުތައް ބަޔާންކުރާ އިސްލާޙެވެ.