ލަންކާގެ މާތަރަ ސްކޫލްގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި ދެކޮޅަށް އިއްޔެ ކުޅުނު އެކުވެރިކަމުގެ މެޗު 2-0 ލަނޑުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓީމުން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ހަވީރު ޓާފް ދަނޑުގައި ކުޅުނު އެ މެޗުގައި އެފްއޭއެމްގެ ޓީމުން މާތަރަ ކޮޅަށް ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ އަހުމަދު އިޝާން އެވެ.

އިއްޔެ ކުޅުނު އެފްއޭއެމް ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ.

އިއްޔެ މެޗުގައި އެފްއޭއެމް ޓީމުގެ ކޯޗަކީ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗު އިބްރާހީމް ހަލީމް (ޖަޑާ) އެވެ.

ލަންކާ ޓީމާއި ދެކޮޅަށް މިއަދު ހަވީރުވެސް ޓާފް ދަނޑުގައި މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.