ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފަސް މިނިސްޓްރީއެއްގެ މިނިސްޓަރުގެ ނައިބު ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި އެވެ.

މިނިސްޓަރު އޮފް ހެލްތް އެންޑް ޖެންޑަރގެ ނައިބު ކަމުގެ މަޤާމަށް ގއ. ގެމަނަފުށި އޯކިޑްމާގޭ އާދަމް ޛާލިފު އެވެ. އޭނާ މިހާތަނަށް ހުންނެވީ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު ކަމުގެ މަޤާމުގަ އެވެ.
މިނިސްޓަރު އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަޤާމަށް ހއ. ވަށަފަރު ބޮޑުގޭ ޙުސައިން ޙަނީފު ހަމަޖެއްސެވި އިރު މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމުގެ މަޤާމަށް މާފަންނު މުލި އިކްރާމް ޙަސަން ވަނީ ހަމަޖައްސަވައިފަ އެވެ.

މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބު ކަމުގެ މަޤާމަށް ހިތަދޫ މުދިންގޭ އަޠްހަރު ޙަލީމު ހަމަޖެއްސެވި އިރު މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަޤާމަށް ހދ. ވައިކަރަދޫ ޖޭޒްމީން ޙުސައިން ޒާމިރު މިއަދު ވަނީ ހަމަޖައްސަވައިފަ އެވެ.