10 Dec 2010, 16:57
9:57- އުފާ ފާޅު ކުރުމަށް ޑީއާރުޕީން މިރޭ ކުރިޔަށް ގެންދާ ލޮރީ ބުރަށް ޖުމްހޫރީ މައިދާން ސަރަހައްދަށް ނުވެއްދުމުން ލޮރީ ބުރުގެ ބައިވެރިންނާ ދެމުން ހަމަނުޖެހުންތައް ހިނގަމުން އެބަދެ އެވެ.
9:59- އާޓިފިޝަލް ބީޗް ކައިރިން ފެށި ލޮރީ ބުރުގެ ބައިވެރިން ބުނަމުން ދަނީ އެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ނުދީފިނަމަ ފުލުހުންގެ ސަފުތައް ރޫޅައިލައި އެތެރެއަށް ވަންނާނެ ކަމަށެވެ. ފުލުހުންނާ ލޮރީ ބުރުގެ ބައިވެރިންނާ ދެމެދު ޒުވާބުތައް ދަނީ މިހާރު ވެސް ހިނގަމުންނެވެ. ނަމަވެސް މުލިއާގެއަށް ދެވޭނެ ހުރިހާ މަގެއް ފުލުހުންގެ ސަފުތަކުން ވަނީ ބަންދުކޮށްލާފައެވެ.
10:2- ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބައެއް މެންބަރުން ކަމަށްވާ މަހުލޫފާއި އިލްހާމް ގެންދަނީ ފުލުހުންނާ ވާހަކަ ދައްކަމުންނެވެ. އެމީހުން ފުލުހުންނަށް ހުށަހަޅަމުންދަނީ އެ ސަރަހައްދު ހުރަސްކޮށް އެނބުރި އާޓިފިޝަލް ބީޗަށް ދިއުމަށް ކަމަށެވެ.
10:6- ފުލުހުންގެ ސަފުތައް ފަހަތަށް ޖައްސައި އެތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން އެބަދެ އެވެ. ފުލުހުންގެ ސްޓާފޯސް މިހާރު މަސައްކަތް ކުރަމުންދަނީ ލޮރީ ބުރުގެ ބައިވެރިން ފަހަތަށް ޖައްސާއި ރޫޅައިލުމަށެވެ.
10:8- ތަން ނުދީފިނަމަ ލޮރީ ބުރު މުޒާހަރާއަކަށް ބަދަލު ކުރާނެ ކަމަށް ބުނެ ލޮރީ ބުރުގެ ބައިވެރިން އަޑު ހަރުކޮށް ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން އެބަދެ އެވެ.
10:18- ސުލްހަވެރި ކަމާއެކު ކުރިޔަށްދާން މަސައްކަތް ކުރުމުން ފުލުހުން ފުރުސަތު ނުދިން ކަމަށާއި މިހާރު ބޭނުން ވަނީ މުލީއާގެއާ ދިމާއަށް މިސާރާބު ޖަހަން ކަމަށް ވެސް ގޮވަމުން އެބަދެ އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ވެސް ވަނީ ފުލުހުންނާއި ޑީއާރްޕީގެ ސަޕޯޓަރުންނާ ދެމެދު ވަރުގަ ކުރިމަތިލުމެއް ހިނގާފައެވެ.
10:26- ޑީއާރްޕީގެ ސަޕޯޓަރުން އެއްވެފައިވާ ސަރަހައްދުގައި އެމްޑީޕީގެ ބައެއް އެކްޓިވިސްޓން ވެސް މިހާރު ގޮސް އެބަތިއްބެވެ. އެ ސަރަހައްދުގައި ހުރި ސަންގެ ރިޕޯޓަރު މައުލޫމާތު ދޭ ގޮތުގައި އެމްޑީޕީގެ އެކްޓިވިސްޓުން ތިބި ކަމުގައި ވިޔަސް އެއްވެސް ވަރަކަށް ހަމުނުޖެހުމެއް ހިންގަން މަސައްކަތެއް ނުކުރެ އެވެ.
10:46- ރަސްމީކޮށް ލޮރީ ބުރި މުޒާހަރާއަކަށް ބަދަލުވީ ކަމަށް އިއުލާނުކޮށްފި އެވެ. ޑީއާރްޕީގެ ލޯރި ބުރުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން މިހާރު އަންގަމުން ދަނީ އެ ސަރަހައްދު ދޫކޮށް މުލީއާގެއާ ދިމާއަށް މިސްރާބު ޖެހުމަށެވެ. މިހާރު އެ ސަރަހައްދު ދޫކޮށް މުލީއާގެއާ ދިމާއަށް ވަނީ މިސްރާބު ޖަހައިފި އެވެ. ފުލުހުން އެ މީހުންނަށް ހުރަސް އަޅާ މަންޒަރެއް ނުފެނެ އެވެ. އެދިމާއަށް ދަތުރު ކުރަމުންދަނީ ލޮރީތަކާ ވެސް އެކު އެވެ.
10:50- އެންމެ ފަހުން ޑީއާރްޕީން ބޭއްވި "އުނބަށްޖެހި މުޒާހަރާ"ގައި ފުލުހުންނާ މީޑިއާ ދެމެދު ކުރިމަތިލުން ހިނގައި ނޫސް ވެރިންނަށް އަނިޔާތައް ލިބުނު ނަމަވެސް މިރޭ ފުލުހުން ނޫސްވެރިންނަށް ވަރަށް ބޮޑަށް އެއްބާރުލުން ދޭ ކަމަށް ކަމަށް ނޫސްވެރިން ދަނީ ބުނަމުންނެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އެމީހުން މުލީއާގެ ކައިރިއަށް ދާނީ ލިލީ މަގުން މުލީއާގެއާ ދިމާއަށް ކަމަށެވެ.
11:03- ރުހުން ނުލިބުނު ވަޒީރުންނަށް ހަދާފައިވާ ލަވަތައް ޖަހަމުން މަޖީދީ މަގުން މިހާރު ތިބީ ރަށްދެބައި މަގާ ހަމައިގައެވެ. މުޒާހަރާގެ މިސްރާބު ހުރި ގޮތުން ހަމަނުޖެހުންތައް ހިނގައި ކުރިމަތިލުންތަކެއް އަތުވެދާނެ ކަމަށް އެ ސަރަހައްދުގައި ހުރި ސަން ނޫސްވެރިޔާ ބުނެ އެވެ.
11:13- މުޒާހަރާގެ ބައިވެރިންގެ ތެރެއިން މީހަކު ފުލުހުން ދާދި ދެންމެއަކު ހައްޔަރުކޮށްފި އެވެ.
11:14- ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ މަޑުމަޑުން ކުރިޔަށް ޖެހެމުންނެވެ.
11:26- މިހާރު ސޯސަން މަގުން ހަމަނުޖެހުންތައް ބޮޑުވެ ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ. ސަރުކާރަށް ތާއީދު ކުރާ ބަޔަކު ލޮރީއަކަށް ހަމަލާ ދިނުމުގެ ސަބުން ވަނީ ބޮޑު އަރައިރުމެއް އުފެދިފައެވެ. ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އިސްވެ ތިބި މުޒަހާރާގެ ބައިވެރިން މިހާރު މަސައްކަތް ކުރަމުންދަނީ މަޖީދިއްޔާ ކައިރިން މެދުޒިޔާރަތް މަގަށް ވަނުމަށެވެ.
11:35- ފުލުހުން ޝީލްޑްތަކާއި މާސްކްތައް އަޅައި ތައްޔާރީ ހާލަތަކަށް އަތުވެއްޖެ އެވެ. ބާރުގެ ބޭނުން ކޮށް މުޒަހާރާ ރޫޅައިލަން ފުލުހުން މަސައްކަތް ކުރާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.
11:42- މުޒާހަރާގެ ބައިވެރިން ހައްތާ ދަނީ ގިނަވަމުންނެވެ. ފުލުހުން ތައްޔާރީ ހާލަތުގައި ތިބިނަމަވެސް މުޒާހަރާ ރޫޅައިލާނެ ކަމުގެ އެއްވެސް އިންޒާރެއް އަދި ނުދެ އެވެ.
23:55- އެކި ދިމަ ދިމާއިން މަސައްކަތްކޮށްގެން ވެސް މުޒާހަރާގެ ބައިވެރިންނަށް މުލިއާގެއާ ދިމާއަށް ދެވޭވަރެއް ނުވެއެވެ. ނަމަވެސް ހުއްޓައި ނުލައި އަދި ވެސް ޝުއޫރުތައް ފާޅު ކުރަމުން އެކި ދިމަދިމާއިން ކުރިއެރޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. ރުހުންނެތް ވަޒީރުން މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމެވި ނިންމުމާ ގުޅިގެން އުފާ ފާޅު ކުރުމަށް ޑީއާރްޕީ މިރޭ ބޭއްވި ލޯރި ބުރުގައިގިނަ ހަމަނުޖެހުންތަކާ އެކު މުޒާހަރާއަކަށް ބަދަލުވުމަށް ފަހު މިހާރު ތިބީ ޑީއާރްޕީ އޮފީސް ކުރިމަތީގަ އެވެ. ނަމަވެސް މުޒާހަރާ ހުއްޓައިލިކަން އަދިއެއް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ބައެއް ފަރާތްކުން އެ ސަރަހައްދު ދޫކޮށް މިހާރު ދަނީ ދަމުންނެވެ.
00:13- މިހާރު މުޒާހަރާ ނިންމާލައިފި އެވެ.