އަޑިއަޅާލާފައިވާ މަޝްހޫރު މޮބައިލްފޯނު ކުންފުނި ބްލެކްބެރީ އުފެއްދި އެކަކު ކަމަށްވާ މައިކަލް ލަޒާރިޑިސް، އޭނާއަތުގައި އޮތް ބްލެކް ބެރީގެ ހިއްސާތަކުގެ ތެރެއިން 26 މިލިއަން ޑޮލަރުގެ ހިއްސާ (3.5 މިލިއަން ހިއްސާ) ވިއްކާލައިފިއެވެ.

މިކަން އެނގުނީ ކަމާބެހެ ފަރާތްތަކަށް ބްލެކް ބެރީއިން އިއްޔެ (އަންގާރަ ދުވަހު) ހުށެހެޅި ލިޔެކިޔުންތަކަކުންނެވެ. މިހާރު ލަޒާރިޑިސްގެ އަތުގައި އޮތީ ބެލްކް ބެރީގެ 5 އިންސައްތަ އަށް ވުރެ ކުޑަ އަދަދެއްގެހިއްސާއެވެ. އަދި މިއީ އަޑި އަޅާލާފައިވާ ކުންފުނި އެއްކޮށް ބަނގުރޫޓުވެއްޖެނަމަ ލަޒާރިޑިސްއަށް ލިބޭނެ ގެއްލުން ކުޑަކުރުމުގެ ގޮތުން އެނާ ކުރި ކަމެއް ކަމަށް ނޫސްތަކުން ދަނީ ސިފަކުރަމުންނެވެ.

ލަޒާރިޑިސް އެނާގެ ހިއްސާތައް ވިއްކާލާފައި މި ވަނީ މިއަހަރުގެ ތިން ވަނަ ކުއާޓާގައި ބްލެކްބެރީ އިން 4.4 ބިލިއަން ޑޮލަރުގެ ގެއްލުމެއް އިއުލާނު ކުރިތާ މާ ގިނަދުވަސްތަކެއް ނުވަނީހެވެ. މި އިއުލާނު ވެގެން ދިޔައީ ކުންފުނި މިހާރު އޮތް ހާލަތު ވަރަށް ރަނގަޅަށް ސިފަވެގެން ދިޔަ އިއުލާނަކަށެވެ. އައިފޯނާއި އެންޑްރޮއިޑް ޑިވައިސްތަކުން ބާޒާރުގައި ހޯދާފައިވާ ކުރިއެރުމާ، ބްލެކް ބޭރީއަށް މި ކުންފުނިތަކާ އެއް ހަމައެއްގައި ހިފަހައްޓާ ނުލެވުމުން އުފެދިގެން ދިޔަ ފަރަގު ހަނދާނަށް ގެނަސްދިން އިއުލާނަކަށެވެ.

ހިއްސާކޮޅު ވިއްކާލުމުގެ ކުރިން ލަޒާރިޑިސް އަތުގައި އޮތީ ބްލެކް ބެރީގެ 5.7 އިންސައްތަ ހިއްސާއެވެ.

ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތަކުރުމަށްޓަކައި އެކުންފުނި ގަތުމަށް ހިޔާލު ކުރާކަމަށް ލަޒާރިޑިސް އާއި އެނާޔާ އެއްކޮށް އެ ކުންފުނި އުފެއްދި ޑަގްލަސް ފްރެގިން މިދިޔަ އޮކްޓޯބަރު މަހު ވަނީ ބުނެފައެވެ. ނަމަވެސް ނޮވެމްބަރު މަހު ބްލެކްބެރީއިން ބުނީ އެ ކުންފުނި ވިކެން ބޭނުން ނުވާކަމަށެވެ.