25 Dec 2013, 12:38
މާދަމާ ފެށުމަށް ހަމަޖެހިފައިވާ ފަސް ވަނަ ގައުމީ ބީޗް ވޮލީ މުބާރާތުގައި ޖުމްލަ 19 ޓީމް ބައިވެރިވެފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ވޮލީ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ސަންއާ ވާހަކަ ދައްކަމުން ވިދާޅުވީ، މުބާރާތުގެ މެޗްތައް މިއަހަރު ވެސް ކުޅުމަށް ހަމަޖެހިފައި ހެންވޭރު ކޮޅުގައި އޮންނަ އޮންނަ ދޮންގަނޑު ބީޗްވޮލީ ކޯޓުގައި ކަމަށާއި މުބާރާތުގައި ބައިވެރިވާ 19 ޓީމުގެ ތެރެއިން 12 ޓީމް ވާދަކުރަނީ ފިރިހެން ޑިވިޒަންގެ ބައިގައި ކަމަށެވެ. އަދި ބާކީ ހަތް ޓީމް ވާދަކުރަނީ އަންހެން ޑިވިޒަންގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އިންޑިވިޖުއަލް ބަޔާއި ޓީމު އިވެންޓް ހިމެނޭ ގޮތަށް. އިންޑިވިޖުއަލް ބައިގައި 24 ފިރެހެން ޕެއާ ހިމެނޭ. އަދި 12 އަންހެން ޕެއާ ހިމެނޭ. " އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ އަހަރު ކުރިޔަށް ދިޔަ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ކްލަބް ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ. އަދި މިދިޔަ އަހަރު މުބާރާތުގެ އިންޑިވިޖުއަލް ބައިގެ ޗެމްޕިއަންކަން ހޯދީ އިސްމާއިލް ސާޖިދު އާއި އަޝްފާޤް އާދަމްގެ ޕެއާ އެވެ. އަދި މިދިޔަ އަހަރު މުބާރާތުގެ އަންހެން ޑިވިޜަންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ އައިޝަތު ނާޒިމާ އާއި ޔުމްނާ އަބްދުލްއަޒީޒު އެވެ.