ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ހަތް ބޭފުޅަކަށް އިއްޔެ ދެއްވައިފި އެވެ.

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ދެއްވާފައިވާ ބޭފުޅުންނަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު މާލޭ ދަފްތަރު 1188 ޝުއައިބު އަބްދުއްރަހުމާނާއި ށ. ފޯކައިދޫ އާރާމްގޭ ފާތިމަތު ސާމިރާ އާއި މ.މުހައްމަދީއާބާދު ހުސައިން އަބްދުﷲ ސައީދާއި ސ. ހުޅުދޫ ލައިނޫފަރުމާގޭ އަބްދުﷲ ވާރިސް އާއި މ.އަރީކާ މުހައްމަދު އަސީލް ހަސަންގެ އިތުރުން ހއ. އިހަވަންދޫ އަންބަރީގޭ އަބްދުލްމާނިއު ހުސައިން އަދި ގދ. ގައްދޫ ބޯޅަދަނޑުގޭ އަބްދުﷲ ނަސީރު މުހައްމަދެވެ.


އެޓާނީ ޖެނެރަލްގެ އޮފީހުގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެބޭފުޅުންނަށް ގާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު އެވެ. އެ ރަސްމިއްޔާތުގައި ބަންޑާރަ ނާއިބް މުހައްމަދު އަނިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ހަތް ބޭފުޅުން ގާނޫނީ ވަކީލު ކަމުގެ ހުވާކުރެއްވުމުން މިހާތަނަށް ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ބޭފުޅުންގެ އަދަދަކީ 703 ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.