25 Dec 2013, 12:01
ވިލިމާލޭ ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ފަތަންދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އެމްއެންޑީއެފްގެ މާލެ އޭރިއާ އާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އާއި ގުޅިގެން އިއްޔެ ފެށި ޕްރޮގްރާމްގައި ކުޑަކުދިންގެ ހިޔާގެ 40 ކުއްޖެއް ބައިވެރިވެ އެވެ.
ޖެނުއަރީ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ހަ އަހަރާއި 18 އަހަރާއި ދެމެދު އުމުރުފުރައިގެ ކުދިންނެވެ.
އެމްއެންޑީއެފުން ބުނީ ވިލިމާލޭގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށުގައި ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލެ އޭރިއާގެ ކަމުގެ ތަޖުރިބާއާއި ފަންނު ލިބިފައިވާ ސިފައިން ކަމަށެވެ. އަދި އެ ޕްރޮގްރާމް ކުރިއަށްދާއިރު ފަތަން ދަސްކޮށްދޭ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަރާތުން ފަސްޓްއެއިޑް ޕޮއިންޓެއް ވެސް ވަނީ ޤާއިމުކޮށްފަ އެވެ.