25 Dec 2013, 11:25
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީ އިން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ބަޖެޓް ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ފާޑުކިޔުންތަކުގެ ސަބަބުން ލީޑަރުންގެ ވާހަކަތަކަށް މަޖިލިސް ޖަލްސާ މެދުކަނޑާލައިފި އެވެ.
މިއަދު 11:00ގައި ހުސްވަގުތުކޮޅަށް ފަހު ޖަލްސާ ފެށިއިރު ވެސް އެމްޑީޕީގެ މެމްބަރުން ދިޔައީ ބަޖެޓަށް ފާޑުކިޔަމުންނެވެ. އަދި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުން ވާހަކަ ދެއްކުމަށް ބާރަ ޖަހަންދެން މަޖިލިސް މެދުކަނޑާލީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑާ އަދި އެމްޑީޕީގެ ޕާލަމެމްޓްރީ ގްރޫޕުގެ ލީޑާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމާ ގުޅިގެނެވެ.
މިއަދު ބަހުސް ފަށާފައިވާ 17.77 ބިލިއަން ރުފިޔާ ބަޖެޓް ބަހުސް މަރުހަލާ ކުރިއަށް ދަނިކޮށް އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ނިޒާމީ ނުކުތާގެ އޮއިވަރުގައި ބަހުސު ޖައްސާފަ އެވެ. އެގޮތުން ބަހުސަށް ބޮޑެތި ފާޅުކިޔުންތަކެއް އެ މެމްބަރުން ވަނީ ކިޔާފަ އެވެ.
އެގޮތުން ބަޖެޓް ކޮމެޓީގައި ހިމެނިވަޑައިގެންނަވާ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ ބަޖެޓް ކޮމެޓީ އިން މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އުސޫލްތަކާ ހިލާފަށް ކަމަށާއި އެގޮތުން އެ ކޮމެޓީގައި އިދިކޮޅު ފަރާތްތަކަށް ކަންކަން ހުށައެޅުމުގެ ފުރުސަތު ނުދެއްވާ ކަމަށެވެ. އަދި އެކޮމެޓިގެ ކަންކަން ނިންމާފައި ވަނީ މުގައްރިރަށް ފެންނަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް މެމްބަރުންގެ ވާހަކަތަކަށް ރައްދުދެއްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު(ކާނަލް) ވިދާޅުވީ ބަޖެޓް ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ދިޔައީ އުސޫލްތަކާ އެއްގޮތަށް މެމްބަރުންނަށް ފުރުސަތު ދެއްވައިގެން ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ފާސް ކުރުމަށް ޓަކައި ވޯޓަށް އެހެން އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.