އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީއިން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ބަޖެޓް ބަހުސް މަރުހަލާގައި އެބަޖެޓަށް ބޮޑެތި ފާޑުކިޔުންތަކެއް އެމްޑީޕީގެ މެމްބަރުން ކިޔަން ފަށައިފި އެވެ.

މިއަދު ހެނދުނު ބަހުސް ފަށާފައިވާ 17.77 ބިލިއަން ރުފިޔާ ބަޖެޓް ބަހުސް މަރުހަލާ ކުރިއަށް ދަނިކޮށް އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ނިޒާމީ ނުކުތާގެ އޮޔެވަރުގައި ބަހުސް މަރުހަލާ ޖައްސާފަ އެވެ. އެގޮތުން ބަހުސް އަށް ބޮޑެތި ފާޅުކިޔުންތަކެއް އެމެމްބަރުން ވަނީ ކިޔާފަ އެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ މީގެ ކުރިން ބަޖެޓް ފާސްކުރާ އިރު އިދިކޮޅު ޕާޓީގެ މެމްބަރުންގެ ދާއިރާތަކުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިނގުމުގެ ފުރުސަތު ދެއްވާ ކަމަށާއި ނަމަވެސް މިފަހަރު އެފުރުސަތު ނުދެއްވާ ކަމަށެވެ. އަދި އެގޮތަށް ބަޖެޓް ފާސް ނުކުރެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ ބަޖެޓް ކޮމެޓީ އިން މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އުސޫލްތަކާއި ހިލާފަށް ކަމަށާއި އެގޮތުން އެ ކޮމެޓީގައި އިދިކޮޅު ފަރާތްތަކަށް ކަންކަން ހުށައެޅުމުގެ ފުރުސަތު ނުދެއްވާ ކަމަށެވެ. އަދި އެކޮމެޓިގެ ކަންކަން ނިންމާފައި ވަނީ މުގައްރިރަށް ފެންނަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންގެ ވާހަކަތަކަށް ރައްދުދެއްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު(ކާނަލް) ވިދާޅުވީ ބަޖެޓް ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ދިޔައީ އުސޫލްތަކާ އެއްގޮތަށް މެމްބަރުންނަށް ފުރުސަތު ދެއްވައިގެން ކަމަށެވެ.

ނިޒާމީ ނުކުތާގެ އޮއެވަރުގައި ޖެހިފައިވަނިކޮށް މަޖިލިސް ވަނީ 11:00 ޖަހަންދެން މެދުކަނޑާލާފަ އެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ފާސް ކުރުމަށް ޓަކައި ވޯޓަށް އެހެން އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.