އާރކްޓިކް ސަރަހައްދުގައި ގްރީންޕީސް ޖަމާއަތުގެ ފަރާތުން ބޭއްވި އިހުތިޖާޖަކާ ގުޅިގެން ރަޝިއާގައި ޖިނާއީ ދައުވާއާ ކުރިމަތިލާން ޖެހިފައި ވާ 30 މީހުންގެ ތެރެއިން ފުރަތަމަ މީހާއާ ދެކޮޅު ދައުވާ ދޫކޮށްލާން ރަޝިއާގެ އޮފިޝަލުން ނިންމައިފިއެވެ.

ރަޝިއާ އޮފިޝަލުންގެ ނިންމުމާ ވިދިގެން، ވޭލްސްގެ ނިއުޕޯޓަށް ނިސްބަތް ވާ އެންތަނީ ޕެރެޓް ބުނީ "ވަރަށް ބޮޑު ހަމަޖެހުމެއް ލިބިއްޖެ" ކަމަށެވެ.

އެންތަނީ ޕެރެޓާ އެކު، އާރކްޓިކް ރަޝިއާގެ ސަރަހައްދުގައި އިހުތިޖާޖުތަކެއް ކުރުމުގައި ގްރީންޕީސް ޖަމާއަތުގެ މުހައްރިކުންގެ އިތުރު 27 މީހުންނާއި، ދެ ނޫސްވެރީން ބައިވެރި ވީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެ އިހުތިޖާޖުތަކުގެ ބޭނުމަކީ އެ ސަރަހައްދުގެ ކަނޑުގައި ހުރި ތެޔޮ ނަގާ ތަނެއްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ދެކޮޅު ހަދައި އެތަނުގެ މަސައްކަތްތަކަށް ހުރަސް އެޅުމެވެ.

އިހުތިޖާޖުގައި ބައިވެރި ވި އެންމެންގެ މައްޗަށް ވެސް ދައުވާ ކުރެވުނީ ގާނޫނާ ޚިލާފަށް ދުއްޕާން ކުރުމާއި، ގަދަބާރު ދައްކައިގެން ބޭނުން ކަންކަން ހާސިލު ކުރާން މަސައްކަތް ކުރުމުގައި މީހުންނަށް އުނދަގޫ ކުރުމާއި މީސްމީހުންގެ ނުވަތަ އާއްމު މުދަލަށް ގެއްލުން ދިނުން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް އެ ހުރިހާ އެންމެން ވެސް މިހާރު ތިބީ ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލެވިފައެވެ.

ޕެރެޓްގެ އިތުރުން، ގްރީންޕީސްގެ އެހެން މުހައްރިކުންނަށާއި، އެމީހުންނާ އެކު ހައްޔަރު ކުރެވުނު ދެ ނޫސްވެރީންނަށް ވެސް މާފު ދޭން ރަޝިއާގެ އޮފިޝަލުން ވަނީ ނިންމައިފައެވެ. އެއީ އަންނަ ފެބުރުވަރީ މަހު ރަޝިއާގައި އޮންނަ އޮލިމްޕިކް ވިންޓަރ ގޭމްސް ކުޅިވަރު އީދާ ދިމާކޮށް، ގިނަ އަދަދެއްގެ ކުށްވެރީންނާއި ތުހުމަތު ކުރެވިފައި ތިބި މީހުންނަށް މާފު ދިނުމަށް ޓަކައި ރަޝިއާގައި ފާސް ކުރެވުނު ގާނޫނެއްގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން މިނިވަން ކުރެވިފައި ވަނީ ސިޔާސީ ސަބަބުތަކާއި، ދެންވެސް ނުރައްކައުތެރި ޖަރީމާތައް ކަމުގައި ނުހިމެނޭ ކަންކަމުގައި ޖަލަށް ލެވި، ނުވަތަ ތުހުމަތު ކުރެވިފައި ތިބި މީހުންނެވެ. އެގޮތުން މިނިވަން ކުރެވިފައި ވާ މީހުންގެ ތެރޭގައި ރައީސް ލަޑިމިއަރ ޕުޓިންގެ ވެރިކަމާ ދެކޮޅަށް ވަރުގަދަޔަށް ފާޑު ކިޔާ މަހުޖަނު މިޚާއިލް ޚޮދޮރްކޮވްސްކީ ވެސް ހިމެނެއެވެ. އޭނާ މިނިވަން ކުރެވުނީ ޖަލުގައި 10 އަހަރު ހޭދަ ކުރި ފަހުންނެވެ.

ގްރީންޕީސް ޖަމާއަތުން މިއަދު ބުނި ގޮތުގައި، "އާރކްޓިކް 30"ގެ ނަމުން މަޝްހޫރު ވެފައި ވާ 30 މީހުންގެ ތެރެއިން ޕެރެޓަށް ދައުވާ ދޫކޮށްލިކަމުގެ ނޯޓިސް ލިބިފައި ވާ އިރު، ބާކީ ތިބި މީހުންނަށް ވެސް ވަރަށް އަވަހަށް އެ ނޯޓިސް ލިބޭނެއެވެ.

އުމުރުން 32 އަހަރުގެ ޕެރެޓް މިއަދު ބީބީސީއާ ވާހަކަ ދައްކަމުން ބުނީ ތަހައްމަލު ކުރާން ޖެހުނު ކަންކަމާ އެކު ވެސް، އިހުތިޖާޖުގެ ގޮތުގައި ކުރެވުނު މަސައްކަތާ މެދު ފަޚުރުވެރި ވާ ކަމަށެވެ.

"އަހަރެމެންގެ ނަޒަރުން ބަލާ އިރު، އަހަރެމެން އެއްވެސް ކުށެއް ކޮށްފައެއް ނޯންނާނެ. އާރކްޓިކް ސަރަހައްދުގައި ޖަރީމާ ހިންގާ ހަމައެކަނި ފަރާތަކީ އެތަނުގައި ތެޔޮދަނޑުތަކާއި ތެޔޮނަގާ ތަންތަން ބިނާ ކުރާ، ތެލުގެ ސިނާއަތުގެ ކުންފުނިތައް. ދައުވާތަކުން ސަލާމަތް ވުމުން އަހަރެމެން ހިތްހަމަޖެހޭ، އެކަމަކު އަހަރެމެން މިތިބީ އުފަލަކުން ނޫން. އާރކްޓިކުގައި އަދިވެސް އެ ޖަރީމާތައް ކުރިޔަށް ދަނީ، މިއީ އަހަރެމެން އެންމެން ވެސް ވަރަށް ކަންބޮޑު ވާ ކަމެއް." ޕެރެޓް ބުންޏެވެ.

ގްރީންޕީސްގެ މުހައްރިކުންގެ ތެރެއިން 26 މީހުންނަކީ ރަޝިއާއިން ބޭރުގެ 16 ގައުމެއްގެ ރައްޔިތުންނެވެ. އެމީހުންނަށް ރަޝިއާއިން ބޭރު ވެވޭނީ ދައުވާތައް ދޫކޮށްލުމުގެ ކަންކަން ރަސްމީ ގޮތުން ނިމުމުންނެވެ.

"އާރކްޓިކް 30"ގެ ނަމުން ފަހުން މަޝްހޫރު ވި މުހައްރިކުން އާރކްޓިކް ސަރަހައްދަށް، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ދިޔައީ ރަޝިއާގެ ސަރުކާރުން ހިންގާ ހަކަތަ ކުންފުނި ގެޒްޕްރޮމްގެ ތެޔޮނަގާ ތަނެއްގައި ހިނގާ އޮޕަރޭޝަންތަކާ ދެކޮޅަށް ހަރަކާތްތެރި ވުމުގެ މަގުސަދުގައެވެ. އެމީހުންގެ އިހުތިޖާޖުތަކަށް ރަޝިއާގެ ކޯސްޓް ގާޑުން ހުރަސް އަޅައިފައި ވެއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ތެޔޮ ނަގާ ތަނުގެ ޑެކަށް އަރާން މަސައްކަތް ކުރާން ފެށުމުން، ކޯސްޓް ގާޑުގެ ބޯޓުތަކުން ވަނީ އިންޒާރުގެ ބަޑި ޖަހައި، އެމީހުން ދަތުރު ކުރި ގްރީންޕީސްގެ ބޯޓު ހިފަހައްޓައި، ހުރިހާ މުހައްރިކުން ހައްޔަރު ކޮށްފައެވެ.

ގްރީންޕީސްގެ މުހައްރިކުންނާ ދެކޮޅަށް ރަޝިއާ އޮފިޝަލުން ފުރަތަމަ ކުރި ތުހުމަތަކީ ކަނޑުފޭރުމުގެ ތުހުމަތެވެ. ނަމަވެސް ޔޫރަޕާއި ދުނިޔޭގެ ގައުމުތަކުގެ ފާޑުކިޔުންތަކާއި ޑިޕްލޮމެޓިކް ފިއްތުންތަކުގެ ތެރޭގައި، ރަޝިއާގެ އޮފިޝަލުން ވަނީ އެ ތުހުމަތު ދޫކޮށްލައި، އެއަށްވުރެ އާދައިގެ ދައުވާތަކެއް ފެންމަތި ކޮށްފައެވެ.