25 Dec 2013, 10:25
ދިވެހިރާއްޖޭގައި ތަރައްގީ އާއި އާބާދީ އެއްފަސް ކުރާން ޖެހޭ ވާހަކަ ދެކެވޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ.
ދުއިސައްތަ ރަށުގައި އުމްރާނީ ވަސީލަތްތައް ގާއިމު ކޮށް، އެ ހުރިހާ ވަސީލަތްތަކެއް އަހަރުން އަހަރަށް މަރާމާތުކޮށް ބަލަހައްޓައި، އެ ހުރިހާ ރަށެއްގައި އާއްމު ޚިދުމަތުގެ އޮނިގަނޑުތައް ބިނާ ކޮށް، އެ އޮނިގަނޑުތަކަށް ވެސް ރިކަރަންޓް ޚަރަދުގެ ގޮތުގައި ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ހޭދަ ކުރުމަކީ އިގުތިސާދީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް އެންމެން ވެސް އެއްބަސް ވެއެވެ.
ނަމަވެސް ގައުމުގެ ނުހަނު ކުޑަ އާބާދީ ދުއިސައްތަ ރަށަށް ބަހައިލައިގެން، އޭގެ ސަބަބުން ދިމާވާ ދަތިތަކާއި ކުރާން ޖެހޭ އިސްރާފީ ޚަރަދުތަކުގެ ވާހަކަތަކުގެ "ނުނިމޭ ލަވަ" ކިޔައިލަކިޔައިލައި ތިއްބަސް މައްސަލަ ހައްލެއް ނުވާނެއެވެ. މައްސަލަ ހައްލު ވާނީ އަމަލީ ގޮތުން އަޅާން ޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. ހިންގާން ޖެހޭ ސިޔާސަތުތައް ހިންގައިގެންނެވެ.
ދިވެހިރާއްޖޭގައިއާބާދީ 500 އަށް ނާރާ ވިއްސަކަށް ރަށް އެބައޮތެވެ. އިތުރު ހަތްދިހަ ފަސް ވަރަކަށް ރަށުގެ އާބާދީ 500 އަށް ވުރެ ގިނަ ނަމަވެސް، 1000 އަކަށް ނާރައެވެ. ބައެއް ރަށްރަށުގައި، އަހަރަކު އެތައް ލައްކަ ރުފިޔާއެއް ހޭދަ ކޮށްގެން ހިންގާ މަދަރުސާގައި ކިޔަވާން ތިބެނީ ޖުމުލަ ދިހަ ބާރަ ފަނަރަ ވަރަކަށް ކުދީންނެވެ. ބައެއް ރަށްރަށުގައި ބޮޑު މުސާރަ ދީފައި ޑޮކްޓަރަކު ބެހެއްޓީމާ، އޭނާގެ ޚިދުމަތް ހޯދަނީ އަހަރަކު ހަތް ދޮޅަސް މީހުންނެވެ. ބާކީ ދުވަސްތަކުގައި ޑޮކްޓަރު އިންނާން ޖެހެނީ ހުސްއަތާއެވެ. ކުދިކުދި ރަށްރަށުގައި އެހެން ތިބެ، ކިޔެވި އެއްޗެހި ވެސް ހަނދާން ނެތިދާނެތީ، އެރަށްރަށުގައި މަސައްކަތް ކުރާން ޑޮކްޓަރުން ބޭނުމެއް ވެސް ނުވެއެވެ. ބޭނުމެއް ނުވެސް ވާނެތާއެވެ!
އަޅުގަނޑުގެ ނަޒަރުގައި، ދުރު މުސްތަގުބަލަކަށް ހެދޭ ޕްލޭނެއްގެ ދަށުން، ދިވެހިރާއްޖޭގެ އާބާދީ ބަހައިލާން ވީ 24 ވަރަކަށް ރަށަށެވެ. ހުޅުމާލޭގެ އިތުރުން ހއ. ހޯރަފުށްޓާއި، ހދ. ހަނިމާދޫ އާއި، ނ. މާފަރާއި، ދ. ކުޑަހުވަދޫ އާއި، ލ. އިސްދޫ އާއި ގަމާއި، ގއ. ގެމަނަފުށްޓާއި ސ. އަތޮޅު ހިތަދޫ އާއި ހުޅުމީދޫ ފަދަ ރަށްރަށަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ފުޅާކޮށް، އެންމެ ދިގުކޮށް ހިއްކައިގެން ބިން ބޮޑު ކުރެވޭ ގޮތަށް އޮތް ރަށްރަށެވެ. މިއިން ކޮންމެ ތަނަކީ ހިއްކައިލަނިކޮށް އެއްވެސް ދަތިކަމެއް ނެތި މަދުވެގެން ދޮޅުލައްކައެއްހައި މީހުން އާބާދު ކުރެވިދާނެ ތަނެކެވެ. ހުޅުމާލެ ޕްލޭން ކުރި ގޮތަށް، މިތަންތަން ވެސް ޕްލޭން ކޮށްގެން، ތަރައްގީ ކޮށް، ބޮޑެތި ޝަހަރުތަކަކަށް ހެދުމުގެ މަސައްކަތް މިހާރުން މިހާރަށް ނުފަށާންވީ ކީއްވެތޯއެވެ؟ "އަތްނުލައި" ބާއްވާ ފެހި ސަރަހައްދުތަކާއި، ބަގީޗާތަކާއި، ޕާކުތަކާއި، ޝަހަރުތެރެ ޒީނަތްތެރި ކުރާ އެހެނިހެން ބިނާތައް ހިމެނޭ ގޮތަށް މިތަންތަން ތަރައްގީ ނުކުރާންވީ ކީއްވެތޯއެވެ؟
ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ވެސް އަމާޒުކުރާންވީ މި ދެންނެވި ތަންތަނަށެވެ. ވައިގެ ބަނދަރުތަކާއި، ސާފު ބޯފެން އުފައްދާ ނިޒާމާއި، ނަރުދަމާގެ ނިޒާމާއި، ތާރު އަޅައިގެން ހަދާ މަގުތަކާއި، ކާރުޚާނާތަކާއި، ވިޔަފާރި މޯލްތަކާއި، ގައުމީ ފެންވަރުގެ ހަސްފަތާލުތަކާއި، ރަނގަޅު ފެންވަރުގެ ސްކޫލްތަކާއި ކޮލެޖުތަކާއި، ބޮޑެތި ކުތުބުޚާނާތަކާއި، ކުޅިވަރު މަރުކަޒުތަކާއި، މީހުން ދިރިއުޅޭ ފެންވަރު ރަނގަޅު ކޮންޑޮމީނިއަމްތައް ފަދަ ވަސީލަތްތައް ހިމެނޭ ގޮތުން ތަރައްގީ ކުރާން ވީ މިތަންތަނެވެ. މިގޮތުން ބާރަ ވަރަކަށް ޝަހަރު ތަރައްގީ ކުރާ އިރު، ސަގާފީ ދިވެހި ރަށްފުށުގެ މާހައުލު ފެންނާނެ ރަށެއް ކޮންމެ ޝަހަރެއްގެ ކައިރީގައި ބޭއްވިދާނެއެވެ. މާލެ ކައިރީގައި ވިލިމާލެ އޮންނަ ގޮތަށެވެ.
ބައެއް މިސާލުތަކަށް ވިސްނައިލަމާތޯއެވެ؟
ދިވެހިރާއްޖޭގެ ޝަރްޢީ ދާއިރާގެ ޚިދުމަތް މިހާރު ދެނީ 200 އަށް ވުރެ ގިނަ ކޯޓުގެ ބޭނުން ކޮށްގެންނެވެ. ރާއްޖޭގެ އާބާދީސައުވީހަކަށް ރަށަށް އެއްފަސް ކުރެވިއްޖެ ނަމަ، ގިނަވެގެން 50 ވަރަކަށް ކޯޓުން ޖުޑީޝަރީގެ ޚިދުމަތް ދެވޭނެއެވެ. އެއިރުން ބަޖެޓުގެ ރިކަރަންޓް ޚަރަދުގެ ތެރެއިން އެ ސަލާމަތް ކުރެވެނީ ކިތައް، ކިތައް މިލިއަންތޯއެވެ؟ވިސްނައިލައްވާށެވެ!
މި ދިޔަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ފުލުހުންގެ އިސް ވެރީންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، އެއިރުގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖޭގައި ޤާއިމު ކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ ބަޖެޓުގެ ދަތިކަމާއި މުއައްޒަފުން މަދުވުން ކަމަށެވެ. އެއީ ރަނގަޅު ވާހަކައެކެވެ. އެ ވާހަކަޔާ ވިދިގެން އަޅުގަނޑުމެން ވިސްނާން ޖެހެނީ،200 ރަށުގައި ފުލުހުންގެ ޚިދުމަތުގެ އުމްރާނީ އޮނިގަނޑު ގާއިމު ކޮށް، އެ ހުރިހާ ތަނެއްގައި ފުލުހުންގެ އިދާރީ މުއައްޒަފުން ބައިތިއްބައި، ފުލުހުންގެ މަސައްކަތަށް ބޭނުންވާ ނުހަނު އަގުބޮޑު ވަސީލަތްތައް ހޯދައި އެ ތަކެތި އައުކޮށް އާބާތުރަ ފިލުވުމަށް ޓަކައި ކުރާން ޖެހޭ ކަންކަން ބަރާބަރަށް ކޮށް، އަދި ރަށުތެރެއަށް ނުކުމެ ޚިދުމަތް ފޯރުކޮށްދޭނޭ ފުލުހުންގެ ޔުނިޓުތައް ބައިތިއްބައިގެން މަސައްކަތް ކުރުމަކީ އިގްތިސާދީ ގޮތުން ބަލާއިރުގައުމަށް ފައިދާ ހުރި ގޮތް ތޯ މި ސުވާލާ މެދުގައެވެ.
ހަމަ މިދިޔަ17 ނޮވެންބަރުގައި، އިލެކްޝަންސް ކޮމިޝަނުން އިއުލާނެއް ކުރެއްވިއެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ އިއުލާނެކެވެ. އެ އިއުލާނުގައި އޮތް ގޮތުން، ލޯކަލް ކައުންސިލުތަކަށް ކުރިޔަށް އޮތް ދައުރަށް ޖުމުލަ 1118 މެންބަރުން އިންތިޚާބު ކުރާން ޖެހެއެވެ. ކައުންސިލަރުންނަށް ދޭން ޖެހޭ މުސާރަ އާއި އޭގެ ސަބަބުން ބަޖެޓަށް އަރާ ތާށީގެ ވާހަކައަކީ ވެސް އައު ވާހަކައެއް ނޫނެވެ. ވީމާ އެ ވާހަކަ ބާއްވާނީއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ސައުވީހަކަށް ރަށަށް މަދު ކުރެވިއްޖެ ނަމަ، ކޮންމެ ކައުންސިލެއްގައި 7 މެންބަރުން ތިބި ނަމަވެސް، ޖުމުލަ ތިބޭނީ 168 ކައުންސިލަރުންނެވެ. އެއިރުން ބަޖެޓުގެ ރިކަރަންޓް ޚަރަދުތައް ކުޑަ ކުރެވިގެން ދާނެ މިންވަރު އަންދާޒާ ކޮށްލައްވާށެވެ.
ދެހާސް ސާދަ ވަނަ އަހަރަށް ހުށަހެޅުނު ބަޖެޓު ފުރަތަމަ ހާމަ ކުރެވުނު އިރު، އަތޮޅުތަކުގެ އިދާރީ ކަންކަމާއި ތަރައްގީގެ ހަރަކާތްތަކަށް އެ ބަޖެޓުގައި ކަނޑައެޅިފައި އޮތީ ގާތްގަނޑަކަށް 695 މިލިއަން ރުފިޔާއެވެ. ނިސްބީ ގޮތެއްގައި ބަލާ ނަމަ، މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ގާތްގަނޑަކަށް3.4 މިލިއަން ރުފިޔާއެވެ. މި އަދަދުން ބަލާ ނަމަ، ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި، ސަރުކާރުގެ ބަޖެޓުން ކޮންމެ ރަށަކަށް ލިބޭނީ 36 މިލިއަނެއްހައި ރުފިޔާއެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ސައުވީހަށް މަދު ކޮށްލައިފި ނަމަ، ބަޖެޓު މިހާރު ހުރި މިންވަރުން ކޮންމެ ރަށަކަށް އަހަރަކު 29 މިލިއަނެއްހައި ރުފިޔާ، އަދި ދިހަ އަހަރުގެ މުއްދަތެއްގައި ކޮންމެ ރަށަކަށް 300 މިލިއަން ރުފިޔާ ޖެހޭނެއެވެ.
ދިވެހި ސަރުކާރުގެމާލީ ހިސާބުކިތާބުގެރެކޯޑުތަކުގެ އެއިރާއި މިހާރަށް ބެލިޔަސް، އެންމެ އަޅައިގަންނަ އެއް ކަމަކީ އެކިއެކި ކަންކަމުގައި އަތޮޅުތެރޭގައި، އެއް ރަށުން އަނެއް ރަށަށް ކުރާން ޖެހޭ ދަތުރުފަތުރަށް ހިނގާ ޚަރަދުގެ ބޮޑުކަމެވެ. ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން، ޝަރްޢީ ދާއިރާގެ ކޯޓުތަކާއި، އަދި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީސް ފަދަ މިނިވަން މުއައްސަސާތަކުގެ އަހަރީ ޚަރަދުތަކުގެ ހިސާބު ބައްލަވައިލައްވާށެވެ. ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އިދާރާތަކުގެ ޚިދުމަތް ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ޓަކައި، އަދި އެ ތަންތަނުގެ ގާނޫނީ ޒިންމާތައް އަދާ ކުރުމަށް ޓަކައި ކޮންމެހެން ކުރާން ޖެހޭ ދަތުރުތަކަށް ކުރާ ޚަރަދުތައް ގުނެނީ އެތައް ސަތޭކަ މިލިއަނުން ނުވަތަ ބިލިއަނުންނެވެ. މި ބޮޑު ޚަރަދުން ސަލާމަތް ވެވޭނޭ އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ އާބާދީ އެއްފަސް ކުރުމެވެ. ވީއިރު، މާކަނޑުން ވަކި ވެފައި ވާ 200 ރަށަށް އެންމެ ތިން ލައްކައެއް ހައި މީހުން ބަހައިލައިގެން، މި ބޭކާރު ޚަރަދުތައް ކޮށްލަކޮށްލައި ތިބޭން ވީ ކޮން މޮޅެއް ލިބޭނެތީ ބާވައެވެ!
ރާއްޖޭގެ ރަށްތައް ފެރީ ނިޒާމަކުން ގުޅައިލައި، ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއް ގާއިމު ކުރާ ވާހަކަ ސިޔާސީ ބޭފުޅުން ދައްކަވައެވެ. އަޅުގަނޑު ދަންނަވާނީ ކިތަންމެ ވަރުގަދަ ފެރީ ނިޒާމެއް ގާއިމު ކުރި ނަމަވެސް އޭގެ ސަބަބުން މައްސަލަ ހައްލެއް ނުވާނެ ކަމަށެވެ. އެ ފެރީ ނިޒާމު ދަމަހައްޓައި، އޭގެ ބޭނުން ކުރުމަށް ޓަކައި ކުރާން ޖެހޭ ޚަރަދުތައް ކޮބައިތޯ އެވެ؟ އަނެއްކާ، ވިއްސާރަ ދުއްޕާން ރެއެއްގެ ދަންވަރު ކުއްލިއަކަށް ހާލު ބޮޑު ވާ މާބަނޑުމީހާ ގޮވައިގެން، ހުޅި ލައިލައި އޮންނަ ކަނޑު ހުރަސް ކޮށްފައި ޖެހިގެން އޮންނަ "ސިޓީ"ގެ ހަސްފަތާލަށް ދާން ޖެހުމުން، ދެންވެސް ފެރީ ނިޒާމުގެ މޮޅު ވާހަކަ ދެއްކޭނެތޯއެވެ؟ފެރީ ނިޒާމަކީ ހައްލެއް ނޫނެވެ. އެއީ ބިލާހީ، އަވާމެންދުރީ ހައްލެކެވެ.
މާހިރުން ވިދާޅުވާ ގޮތުގައި އިގްތިސާދީ ގޮތުން ތަނެއް ކުރި އަރާނީ އެ ތަނެއްގައި އެކަށީގެންވާ ވަރުގެ އާބާދީއެއް އޮވެގެންނެވެ. ރަނގަޅު އާބާދީއެއް ނެތް ތަނެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރު ކޮށްދެވޭނީ މާލީ ގޮތުން ބޮޑު ގެއްލުމާ އެކުގައެވެ. އެކަން ރާއްޖެއިން އެބަ ފެނެއެވެ. 05 ޖޫން 2013 ގައި ސަން އޮންލައިނުގައި ޝާއިއު ކުރި ޚަބަރެއްގައި ބުނެފައި ވަނީ، ސްޓެލްކޯއިން އަތޮޅުތެރޭގައި ހިންގާ އިންޖީނުގެތަކުން، އެ ކުންފުންޏަށް 2011 ވަނަ އަހަރު 17.8 މިލިއަން ރުފިޔާ، އަދި2012 ވަނަ އަހަރު26 މިލިއަން ރުފިޔާގެ ގެއްލުން ވި ކަމަށެވެ. މި ދެންނެވި އަދަދުތަކަށް ބަލައިގެން ހަދާ ހިސާބުތަކުން ދައްކާ ގޮތުގައި، ކުރިޔަށް އޮތް ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ސްޓެލްކޯއަށް އަތޮޅުތެރެއިން 300ވަރަކަށް މިލިއަން ރުފިޔާގެ ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ އެއްހާސް ނުވަތަ ދޮޅުހާސް މީހަކަށް އިންޖީނުގެއެއް އަޅައިގެން ޚިދުމަތް ދޭން އުޅޭހައި ޒަމާނަކު، ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެގޮތުގައި ބަނގުރޫޓު ނުވެ ސްޓެލްކޯއަށް ހިފަހައްޓައިލެވޭނީ ކިތައް އަހަރު ވާންދެން ތޯއެވެ؟މި ގެއްލުމުން ސްޓެލްކޯ ސަލާމަތް ވާނެ ހަމައެކަނި ގޮތަކީ އާބާދީ އެއްފަސް ކޮށް، ކޮންމެ އިންޖީނުގެއެއްގެ ޚިދުމަތް ހޯދާ އާބާދީ ބޮޑު ކުރުމެވެ.
އާބާދީ އެއްފަސް ކުރުމާ ދެކޮޅަށް ގިނަ ޒުވާބުތަކެއް ނެރެވެއެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު، އުފަންރަށް ދޫކޮށްލާން ބޭނުން ނުވާ ކަމަށެވެ. މިކަމާ މެދު އަޅުގަނޑު ކުރާނެ އެއް ސުވާލަކީ، ސިއްހީ ޚިދުމަތާއި ތައުލީމާއި ވަޒީފާގެ ފުރުސަތުތައް މާލޭގައި އޮތީތީ، މާލެ އައިސް، ލިބޭހައި އާމުދަނީއެއް މާލޭގެ ބިންވެރީންގެ ޖީބުތަކަށް ލައިދީގެންރަށްފުށުގެ ރައްޔިތުން އެ އުޅެނީ ކީއްވެގެންތޯ، މިއެވެ. މި ނުކުތާއާ ގުޅިގެން ފާހަގަ ކުރާން ޖެހޭ އަނެއް ކަމަކީ އާބާދީ އެއްފަސް ކުރުމުގެ މަފްހޫމު މާކެޓު ކުރެވޭ ގޮތުގެ މައްސަލައެވެ. އެއްފަސް ކުރުމުގެ ޚިޔާލު ރަނގަޅަށް ރައްޔިތުންނަށް ވިއްކޭ ތަނެއް ނުފެނެއެވެ. އެ ޚިޔާލަށް ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯދާން މަސައްކަތް ކުރެވޭ ތަނެއް ނުފެނެއެވެ.
ހަމައެހެންމެ، އެއްފަސް ކުރުމުގެ ކަންކަން ގެންދާ ގޮތުން ވެސް، އެކަމަށް އާއްމުންގެ ތަރުހީބު ކުޑަ ވާ ގޮތް މެދުވެރި ވާނެއެވެ. މިސާލަކަށް ދަންނަވާ ނަމަ،"ފްލެޓްތަކޭ" ކިޔައިގެން ހުޅުމާލޭގައި މިހާރު ހަދައިފައި އެ ހުންނަ، ވައްޓަފާޅިއެއް ފައްނުވެރިކަމެއް ނެތް، ކޮންކްރީޓް ބްލޮކުތަކަށް ބައްލަވާށެވެ!ބޭރުގެ ގައުމުތަކުގައި ހަދައިފައި އެ ހުންނަ ކޮންޑޮމީނިއަމްތައް ހުންނަނީ ވަށާފާރު ލައި، ރައްކައުތެރި ކުރެވިފައި ހުންނަ ސަރަހައްދެއްގެ ތެރޭގައެވެ. ތަނުގެ ތެރެއަށް ވަދެވެނީ ވަކި ދޮރޯށްޓަކުން، ސެކިއުރިޓީ ޗެކް ކުރެވިގެންނެވެ. ކޮންޑޮމީނިއަމުގެ ތެރޭގައި ބަގީޗާ، ފަތާފެންގަނޑު، ދުވެލައި ކަސްރަތު ކޮށްލާނެ ސަރަހައްދާއި ޖިމް، ބެޑްމިންޓަނާއި ކެރަމާއި ބިލިއާޑު ފަދަ އެތެރެވެށި ކުޅިވަރުތައް ކުޅޭ ތަންތަން، ޓެނިސް ކޯޓު، ޕްރީ ސްކޫލް، ޕާކު ކުރާ ސަރަހައްދު، ކުޑަކުދީން ކުޅޭ ޕާކު ފަދަ ތަންތަން ހުރެއެވެ. ކުޑަވަރުގެ މިސްކިތާއި، ލައިބްރަރީ އާއި ސްޓަޑީ ފަދަ ތަންތަނަކީ ވެސް މިފަދަ މަފްހޫމަކަށް ތަރައްގީ ކުރާ ކޮންޑޮމީނިއަމެއްގައި ހިމެނިދާނެ ވަސީލަތްތަކެވެ. މިފަދަ ގޮތަކަށް ކޮންޑޮމީނިއަމްތައް ހަދައި، އާއްމުންގެ ލެއިން ދިޔަ ފެލުން ކަމަށް ނުވާ ފަދަ އަގުތަކެއްގައި ވިއްކާ ނަމަ، އެތަންތަނަށް މީހުން ދާނީ ހިތްހަމަޖެހުމާ އެކުގައެވެ.
ދިވެހިރާއްޖޭގެ އާބާދީ އެއްފަސް ކުރުމަކީ ވަރަށް ބޮޑު ޚަރަދު ހިނގާނެ، އަދި އެކަމެއް ކުރާން ފަށައިގަތުމާ އެކުވަރަށް ބޮޑެތި ތަހައްދީތަކާ ކުރިމަތި ވާނެ ކަމެއްކަން އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. ނަމަވެސް، އިންސާނާއަށް ދެއްވި ބުއްދީގެ ނިއުމަތް ބޭނުން ކޮށްގެން، ހިންމަތާއި ހިތްވަރާ އެކު މަސައްކަތް ކުރާ މީހުން އެއޮތް ދުރުގައި ހުންނަ ހަނދަށް ފާޑުފާޑުގެ ރޮބޮޓުތައް ވެސް އެތިބަގެން ފޮނުވަނީ ނޫންތޯއެވެ؟ ގައިމުވެސް، އަޅުގަނޑު މި ދައްކަނީ ނުވާނެ ވަރުގެ، ނުކުރެވޭނެ ވަރުގެ ކަމެއްގެ ވާހަކައެއް ނޫނެވެ.
އާބާދީ އެއްފަސް ކުރުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ކުރެވޭނީ ދިގު މުއްދަތެއްގެ ތެރޭގައެވެ. ފިޔަވަހިތަކަކަށް ބަހައިލައިގެން ހިންގޭ މަޝްރޫއެއްގެ ގޮތުގައެވެ. އެ މަޝްރޫއުގެ އިބްތިދާއީ ފިޔަވައްސަކަށް ވާން ޖެހޭނީ ރާއްޖޭގައި ދާއިމީ ގޮތެއްގައި މީހުން އުޅޭނެ ރަށްރަށް ކަނޑައަޅައި، ހުޅުމާލެ ޕްލޭން ކޮށް ކުރެހި ގޮތަށް އެތަންތަން ވެސް ޕްލޭން ކޮށް ކުރެހުމުގެ މަސައްކަތެވެ. އެއަށްފަހު، ފުރަތަމަ ފަސް އަހަރުގެ ފިޔަވަހީގެ ލަނޑުދަނޑިއަކީ 500 އަށް ވުރެ ކުޑަ އާބާދީތައް، ތަރައްގީ ކުރާން ކަނޑައެޅޭ ތަންތަނަށް ގެންދިޔުން ކަމަށް ހެދިދާނެއެވެ. ދެވަނަ ފަސް އަހަރުގެ ލަނޑުދަނޑިއަކީ އާބާދީ 1000 އަށް ވުރެ މަދު ރަށްތައް ހުސް ކުރުން ކަމަށް ހެދިދާނެއެވެ. މިކަމަށް ހިނގާ ޚަރަދު ކިތަންމެ ބޮޑު ވިޔަސް، ދިގުމުއްދަތަށް ހިސާބު ހަދާ ނަމަ، މާލީ ގޮތުން ވެސް ލިބޭނީ ފައިދާއެވެ.
ރާއްޖޭގެ ތަރައްގީ ގައިމު ކުރުމަށް ޓަކައި، އާބާދީ އެއްފަސް ކުރެވޭނީ ހުރިހާ ސިޔާސީ ލީޑަރުންނާއި ޕާޓީތައް އެއްގަލަކަށް އަރައިގެންނެވެ. އެހެން ހުރިހައި ކަމެއްގައި އެއް ބަޔަކު އަނެއް ބަޔަކަށް ކަނޑިބަޑި ނޫން ޖަވާބެއް ނުދިނަސް، މި ކަމުގައި އެންމެން އެއް ސިޔާސަތެއް ގެންގުޅެގެންނެވެ. އެއިރަކު ވެރިކަމުގައި ތިބޭ ބަޔަކު، އާބާދީ އެއްފަސްކުރާން އުޅުމުން، އިދިކޮޅު މީހުން ނުކުމެ މުޅި ތަނުގައި އަޑުގަދަ ކޮށްލައި، ދިވެހި ރައްޔިތުން ގަދަބާރުން ރަށުން ނެރެ ބިކަ ކުރަނީއޭ، އިންސާނީ ހައްގުތައް އުލު ބައިންދައިފިއޭ، ކިޔައިގެން ވެރިކަމާ ދެކޮޅު ސިޔާސީ ހަތިޔާރަކަށް މި މައްސަލަ ނަގައިފި ނަމަ، ވެރިކަން ކުރާ ބަޔަކަށް ނުހަނު ބޮޑު ގެއްލުން ލިބިދާނެއެވެ. ބެލެވޭގޮތުގައި ސިޔާސީ ބޭފުޅުން މިކަމާ ނުއުޅުއްވަނީ ވެސް މި ސަބަބަށް ޓަކައެވެ. މިކަމާ މެދު އަޅުގަނޑު ސިޔާސީ ބޭފުޅުންނަށް އެއް ވާހަކައެއް ދަންނަވައިލާނަމެވެ. ދުއިސައްތަ ރަށަށް ބެހިފައި އޮތް ދިވެހި އާބާދީ، ސައުވީހަކަށް ރަށަށް ކުޑަ ކުރައްވައިފި ނަމަ، ތިޔަ ބޭފުޅުން ކެންޕޭނަށް ކުރައްވާން ޖެހިވަޑައިގަންނަވާ ޚަރަދު އެތައް ގުނައެއް ކުޑަ ވާނެއެވެ. ގަދަވަޔާއި ވިއްސާރައިގައި ނުވަތަ ގަދަ ހޫނުގައި ކުރައްވާން ޖެހޭ ދިގު ދަތުރުތައް އެތައް ތަނެއް މަދުވެގެން ދާނެއެވެ. ގައުމާއި ރައްޔިތުންނަށް ޓަކައި ނޫންނަމަ، މި ސަބަބަށް ޓަކައި ވެސް މިކަން ކޮށްދެއްވާށެވެ.