10 Dec 2010, 15:38
ކާބޯތަކެތީގައި ލޮނުމަދުކުރަން މަޖްބޫރުކުރުވާ ގަވައިދެއް ހަދައި ޤައުމީ ފެންވަރުގައި އެ ގަވައިދު ތަންފީޒުކުރުމަށް އޮސްޓްރޭލިޔާގައި ކުރި ސިއްޙީ ދިރާސާއަކުން އެޤައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ. މި ދިރާސާ ބުނާގޮތުން ކާބޯތަކެތި ތައްޔާރުކުރާއިރު ސިއްޙީ ގޮތުން ލޮނު ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ލޮނު ބޭނުންކުރުމަކީ ސްޓްރޯކާއި ހިތާއި ނާރުތަކުގެ ބަލިތަކަށް، ޚާއްސަކޮށް ލޭމައްޗަށް ދިޔުމަށް މަގުފަހިވާ ކަމެކެވެ. މިފަދަ ބަލިތަކުގެ ސަބަބުން އޮސްޓްރޭލިޔާގެ ރައްޔިތުންގެ ސިއްޙަތަށް ނުރައްކާވެފައިވާ ކަމަށާއި މިނުރައްކާ ކުޑަކުރުމަށް އޮތް މައިގަނޑު ޙައްލަކީ މިއީ ކަމަށްވެސް މިދިރާސާ ބުނެއެވެ. މިދިރާސާ މިދިޔަ ހަފްތާގައިވަނީ ހިތުގެ ބަލިތަކާބެހޭ އިނގިރޭސިވިލާތުގެ ޚާއްސަ މަޖައްލާއެއްގައިވެސް ޝާއިޢުކޮށްފައެވެ.
މިދިރާސާ އޮސްޓްރޭލިޔާ ސަރުކާރަށް އިލްތިމާސްކޮށްފައިވަނީ ކާބޯތަކެތީގައި ސިއްޙީ ގޮތުން ލޮނު ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ލޮނުބޭނުން ނުކުރުމަށް ކާބޯތަކެތި ތައްޔާރުކުރާ ކުންފުނިތަކަށާއި ރެސްޓޯރެންޓް ތަކަށް މަޖްބުރުކުރުވާ މެކޭނިޒަމެއް ޤާއިމްކުރުމަށެވެ. ކާބޯތަކެތީގައި ލޮނުހުންނަންޖެހޭ މިންވަރު ކަނޑައެޅުން ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށް ދޫކޮށްލުމުގެ ބަދަލުގައި ލޮނު ހުންނަންޖެހޭ މިންވަރު ޤައުމީ ފެންވަރުގައި ކަނޑައަޅައި އެކަން ތަންފީޒުކުރުމަށެވެ. މިގޮތަށް ކަންތައް ކުރެވިއްޖެނަމަ އޮސްޓްރޭލިޔާގެ އެތަށް މިލިޔަން ރައްޔިތުންނެއް ސްޓްރޯކާއި ހިތާއި ނާރުތަކުގެ ބަލިތަކުން ސަލާމަތްކުރެވޭނެ ކަމަށާ މިބަލިތަކުގެ ސަބަބުން އޮސްޓްރޭލިޔާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ކޮންމެ އަހަރަކު މަރުވަމުންދާކަން މިދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މިދިރާސާއިން ހާމަވާގޮތުގައި އޮސްޓްރޭލިޔާގެ 94 ޕަސެންޓް ފިރިހެނުންނާއި 64 ޕަސެންޓް އަންހެނުން ސިއްޙީގޮތުން ނުރައްކާ މިންވަރަށް ލޮނުބޭނުންކުރެއެވެ. އެމެރިކާގައި ކުރި ދިރާސާއަކުން ހާމަވާގޮތުގައި އެމެރިކާގައިވެސް ކޮންމެ ދިހަ މީހެއްގެ ތެރެއިން ނުވަމީހަކު ސިއްޙީގޮތުން ނުރައްކާވާ މިންވަރަށް ލޮނު ބޭނުންކުރެއެވެ. އަދި ލޮނު އިތުރަށް ބޭނުންކުރުމުގެ ސަބަބުން ކޮންމެއަހަރަކު އެތަށް މިލިޔަން ބަޔަކަށް ސްޓްރޯކާއި ހިތްހުއްޓުމާއި ލޭގެ ޕްރެޝަރ މަތިވުންފަދަ ނާރުތަކުގެ ބަލިތައްޖެހެއެވެ.