24 Dec 2013, 23:46
ކްރިސްމަހަކީ ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހުގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ކްރިސްޓިއަނުން ފާހަގަކުރާ ދުވަހެކެވެ.
ކްރިސްޓިއަނުން ފާހަގަކުރާ ދުވަހެކޭ ދެންނެވިޔަސް، ހަގީގަތުގައި ހުރިހާ ކްރިސްޓިއަނުން ކްރިސްމަސް ފާހަގައެއް ނުކުރެއެވެ. ޢީސާ ޢަލައިހިއްސަލާމް ގެންނެވި ދީނަށް ޒަމާނާއެކު ވަދެފައިހުރި ބިދުއަތަކާ ދެކޮޅުހަދާ "ޕިޔުރިޓޭން" ކްރިސްޓިއަނުންނަކީ ކްރިސްމަސް ފާހަގަކުރުމާ އަބަދުވެސް ދެކޮޅުހަދާ ބައެކެވެ.
ނަމަވެސް ޕިޔުރިޓޭނުންނަކީ ދުނިޔޭގެ 2.1 ބިލިއަން ކްރިސްޓިއަނުންގެ ބިޔަ އާބާދީގެ ބަޔަކުން ބައެއް ކަމުގައި ވެސް ނުހިމެނޭހައި މަދު އަދަދެއްގެ މީހުންކޮޅެއް ކަމަށް ވާތީ، އެ މީހުންގެ ފިކުރަކީ ކްރިސްޓިއަން ދުނިޔޭގައި ސަމާލުކަމެއް ދެވޭ އެއްޗެއް ނޫނެވެ. ޕިޔުރިޓޭނުންގެ ދެކޮޅުހެދުންތަކާއެކުވެސް، ކްރިސްމަސް ފާހަގަކުރުމުގެ ހަފުލާތައް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިސްޓިއަން ދުނިޔޭގެ ދިގަށާއި ހުރަހަށް ފެތުރިފައި އޮވެއެވެ. 21 ވަނަ ގަރުނުގެ ދުނިޔެއަށް އައި ބަދަލުތަކާއެކު ކްރިސްމަސް ފާހަގަކުރުން، ނުވަތަ ކޮންމެވެސް ސިފައެއްގައި އެ މުނާސަބާގެ އަސަރުތައް ފެނިގެން ދިޔުމަކީ ދިވެހި ރާއްޖެ ފަދަ އިސްލާމީ މުޖުތަމަޢުތަކުގައިވެސް އާއްމުކަމަކަށް ވަނީ ވެފައެވެ.
މާތްރަސްކަލާނގެ ކަލާމްފުޅު ކަމަށް ކްރިސްޓިއަނުން ގަބޫލުކުރާ "ބައިބަލް" ގެ ނިއު ޓެސްޓަމެންޓުގެ ދެ ފޮތެއްގައި ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގެންނެވި ހާދިސާ ވަރަށް ތަފްސީލުކޮށް ކިޔައިދެވިފައި ވެއެވެ. ނަމަވެސް މި ދެ ރިވާޔަތުންކުރެ އެއްވެސް ރިވާޔަތެއްގައި އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވި ދުވަހަކީ ކޮބައިކަން ބަޔާންކޮށްފައެއް ނުވެއެވެ. އެ ދެ ރިވާޔަތުގެ ތަފްސީލުތަކަށް ބަލައިލުމުން އެނގޭ އެއް ކަމަކީ ޢީސާ ޢަލައިހިއްސަލާމް އުފަންވެވަޑައިގެންނެވީ ފިނި މޫސުމެއްގައި ނޫން ކަމާއި އެއީ ޚަރީފު މޫސުމުގެ ރެއެއް ކަމެވެ. އެހެންކަމުން ބައިބަލުގެ ހެކިބަހަށް ރިޢާޔަތްކުރާނަމަ މަޖުބޫރުވަނީ ޢީސާ ޢަލައިހިއްސަލާމްގެ މީލާދަކީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށް ބުނެވޭ ބުނުންތައް މުޅީން އެއްފަރާތްކޮށްލާންށެވެ.
މީގެ އިތުރުން މިޒަމާނުގެ އިލްމީ އަދި ތާރީޚީ ދިރާސާތަކުން ފުރިހަމަޔަށް ސާބިތުކުރެވޭގޮތުގައި ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގެންނެވީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަކު ނޫނެވެ. ޤަދީމީ ކްރިސްޓިއަން މުއައްރިޚުންނާއި އިލްމުވެރީންގެ އެކިއެކި ފޮތްތަކަށް ބަލައިލުމުން ފެންނަނީ ޢީސާ ޢަލައިހިއްސަލާމްގެ މީލާދު ކަމުގައި ބުނެވޭ އެތައް ދުވަހެއް އޮންނަ ކަމެވެ. ޚުދު ކެތަލިކް އެންސައިކްލޮޕީޑިއާގައި ބަޔާންކުރެވިފައިވާ ގޮތުގައި ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަސް ކަމުގައި ކްރިސްޓިއަން ޢިލްމުވެރީންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު ލިޔުއްވައިފައިވާ ދުވަހެއް ނެތް މަހެއް އަހަރުގެ ތެރޭގައި ނުވެއެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ޢިލްމުވެރިއަކު އެ ދުވަހަކީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށް ވިދާޅުވެފައެއް ނުވެއެވެ.
ފާހަގަކޮށްލާން ޖެހޭ އަނެއް ކަމަކީ ޢީސާ ޢަލައިހިއްސަލާމްގެ ޢީދުމީލާދުގެ ގޮތުގައި ފާހަގަކުރެވޭ މުނާސަބަތެއް ތައާރަފުވި ދުވަސްވަރެވެ. ނިއު އެޑްވެންޓް ކެތަލިކް އެންސައިކްލޮޕީޑިއާގައި ބަޔާންކޮށްފައިވާ ފަދައިން އެކަލޭގެފާނުގެ ޢީދުމީލާދު ފާހަގަކުރުމަކީ ކްރިސްޓިއަން ދީނުގެ ފުރަތަމަ ދައުރުތަކުގައި ކުރެވުނުކަމެއް ނޫނެވެ. މި މުނާސަބާ ފާހަގަކުރާން ފެށުނީއެކަލޭގެފާނުގެ ހަޔާތްޕުޅުގެ 200 ވަރަކަށް އަހަރު ފަހުން،މިޞުރުގެ އެލެގްޒެންޑްރިއާ ނުވަތަ އިސްކަންދަރިއްޔާގައެވެ. ޢީސާ ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މުނާސަބާއެއް ފާހަގަކުރެވޭކަމުގެ ވާހަކަ އެ ލިޔުމަކުން ފެންނާން އޮތް އެންމެ މުސްކުޅި ލިޔުމަކީ މި ދެންނެވި ދުވަސްވަރު އިސްކަންދަރިއްޔާގެ ބޮޑު ފާދިރީއެއްގެ ގޮތުގައި ހުންނެވި ކްލެމެންޓް އޮފް އެލެގްޒެންޑްރިއާ ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ. އެ ލިޔުއްވުމުން އެނގޭ އަނެއް ކަމަކީ ޢީސާ ޢަލައިހިއްސަލާމްގެ ޢީދު މީލާދުގެ ގޮތުގައި އިސްކަންދަރިއްޔާގެ ކްރިސްޓިއަނުން ފާހަގަކުރި ދުވަހަކީ ޑިސެމްބަރު މަހުގެ 25 ނޫންކަމާއި، އެ ދުވަހަކީ މެއި މަހުގެ 20 ވަނަ ދުވަސް ކަމެވެ.
ރޯމުގައި ކްރިސްމަސް ފާހަގަކުރުން ފެށުނީ ޢީސާ ޢަލައިހިއްސަލާމްގެ 336 ވަރަކަށް އަހަރު ފަހުންނެވެ. އިރުމަތީ އޮރތޮޑޮކްސް ކްރިސްޓިއަނުންގެ ތެރެއަށް ކްރިސްމަސްގެ ސަގާފަތު ފެތުރިގެން ދިޔައީ 380 މ. ހައިތަނުގައެވެ. އެންމެ ފުރަތަމަ މި މުނާސަބަތު ފާހަގަކުރެވެން ފެށުނުއިރު އެ މުނާސަބަތަށް ކެތަލިކް ބޮޑު ފައްޅިން ދިން ނަމަކީ "ފެސްޓް އޮފް ނޭޓިވިޓީ" މިއެވެ. "ކްރިސްމަސް" މި ނަމަކީ މާ ފަހުގެ ދައުރެއްގައި، މީލާދީން 1038 ހައިތަނުގައި، މުސްކުޅި އިނގިރޭސި ބަހުން އުފެދިގެން އައި ނަމެކެވެ.
ވިންޓަރ ސޮލްސްޓިހާއި ސެޓަރންއޭލިއާ
ދެން ކުރަން ޖެހޭ ސުވާލަކީ ތާރީޚީ އަދި ދީނީ އެއްވެސް ބިންގަލެއް ނެތީސް، ޢީސާ ޢަލައިހިއްސަލާމްގެ މީލާދުގެ ތާރީޚަކީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށް ރޯމުގެ ބޮޑު ފައްޅިއާއި ކްރިސްޓިއަން ދުނިޔޭގެ އިލްމުވެރީންނާއި ލީޑަރުންގެ މަޖިލިސްތަކުން ހަމަޖެއްސީ، އަދި ގަބޫލުކުރީ ކީއްވެގެންހެއްޔޭ، މި ސުވާލެވެ.
އަޅުގަނޑުމެން އެންމެންވެސް ދަންނަ ފަދައިން ކްރިސްޓިއަން ދީން އެ ބިމެއްގައި ފާޅުވެ ފެތުރިގެން ދިޔަ ބިމުގައި ވެރިކަން ކުރަމުން ގެންދިޔައީ އެއިރު ދުނިޔޭގެ އެންމެ ބޮޑު އެއް ޝެހެންޝާހިއްޔާގެ ގޮތުގައި އޮތް ރޯމަން ދައުލަތެވެ. ރޯމަނުންނަކީ ޒަމާނުއްސުރެ ޕޭގެން ނުވަތަ ވަޘަނީ އަގީދާތަކެއް ގެންގުޅުނު ބަޔެކެވެ. އެމީހުންގެ ދީނުގައި ގަބޫލު ކުރެވެނީ އެންމެ އިލާހެއް ނޫނެވެ. އެބައިމީހުންގެ އަގީދާތަކުގައި އެތައް ކަލާނގެއަކަށް ޖާގަލިބިފައި އޮވެއެވެ. އެކަލާނގެތަކުގެ ތެރޭގައި މަރުވެގޮސްފައިވާ އިންސާނުންގެ އިތުރަށް ގަސްގަހާގެއްސާއި ތަރިތަކާއި އިރުހަނދު ފަދަ ތަބީއީ އެތަކެއް ޖިސްމަކާއި،ބައެއް ކަހަލަ ގުދުރަތީ ބާރުތަކެއް ހިމެނެއެވެ. ވަޘަނީ ރޯމަނުންގެ ތެރޭގައި ވަރަށް ކުރީއްސުރެ ފާހަގަކުރެވެމުން އައި އެއް އީދަކީ "ސެޓަރންއޭލިއާ" ގެ ނަމުން ނަންދެވިފައި އޮތް ޢީދެކެވެ. ހަތް ދުވަހުގެ މުއްދަތަށް ދެމިގެންދާ މި އީދަކީ ރޯމަނުންގެ ދަނޑުވެރިކަމުގެ ކަލާނގެ ސެޓަރން ގެ ޝަރަފުގައި ފާހަގަކުރެވުނުއީދެކެވެ. އެ އީދު އެކަމަކާ ގުޅުވޭ އެންމެ މުހިއްމު ކަމަކީ ވިންޓަރ ސޮލްސްޓިސް އެވެ.
ފަލަކީ އިލްމުގެ މާހިރުން ވިދާޅުވެދެއްވާގޮތުގައި ވިންޓަރ ސޮލްސްޓިހަކީ، އެންމެ ސީދާސާދާ ޢިބާރާތުން ދަންނަވާ ނަމަ، އަހަރުގެ ތެރޭގައި ދުނިޔެއަށް އިރުގެ އަލިކަން އެންމެ ކުޑަކޮށް ލިބޭ ދަނޑިވަޅަށް ކިޔާ ނަމެކެވެ. މި ދަނޑިވަޅު އައުމަށްފަހު ދެން މަޑުމަޑުން އަނެއްކާވެސް ރޭތައް ކުރުވެ، ދުވަސްތައް ދިގުވުމުގެ ދައުރު ފެށެއެވެ. އާދެ، އިރުގެ އަލިކަން ދުނިޔެއަށް ލިބޭ މިންވަރު އިތުރުވެ، ރޭގަނޑުގެ އަނދިރީގެ ވަގުތު ކުރު ވުމުގެ ދައުރެއް ފެށެއެވެ. އެހެންކަމުން ރޯމަން ވަޘަނީންނާއި އަދި ގަދީމީ ޒަމާނުގެ އެހެން ވަޘަނީ ހަޒާރަތްތަކުގައި ވިންޓަރ ސޮލްސްޓިހާ ގުޅުވައިގެން ބާއްވާ ހަފުލާތަކުން ރަމްޒުކޮށްދޭ އެންމެ މުހިއްމު ކަމަކީ އަނދިރީގެ މައްޗަށް އައްޔަށް ނަސްރު ލިބުމެވެ. އަލުން އުފަންވުމެވެ. ގިނަ ހަޒާރަތްތަކެއްގައި މި ދަނޑިވަޅަކީ އިރުގެ ކަލާނގެ އަލުން އުފަންވާ ދަނޑިވަޅު ކަމަށް، ނުވަތަ އިރުގެ ކަލާނގެ އުފަން ދުވަސް ކަމަށް ބަލައި އެ ގޮތުގެ މަތީން އެ މުނާސަބާ ފާހަގަކޮށްފައި ވެއެވެ.
ރޯމަނުންގެ ތެރޭގައި ސެޓަރންއޭލިއާ ފާހަގަކުރެވޭން ފެށީ ޑިސެމްބަރު 17 ވަނަ ދުވަހު އޮންނަ އެއް ދުވަހުގެ ހަފުލާއެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން އެ ހަފުލާގެ ދުވަސްތަކުގެ ޢަދަދު ހަތްދުވަހަށް އިތުރު ވިއެވެ.އެ ހަފުލާ ދިގުކޮށްލުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ އެ ހަފުލާގެ ތެރެއަށް ޑިސެމްބަރު މަހުގެ 25 ވަނަ ދުވަސް އިތުރުކޮށްލުމެވެ. އެހެނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ރޯމަނުންގެ ޖޫލިއަން ކަލަންޑަރުގައި އޮންނަ ގޮތުން އާއްމުގޮތެއްގައި ވިންޓަރ ސޮލްސްޓިސްވެސް އަންނަ ދުވަހެވެ. ހަމައެއާއެކު ޑިސެމްބަރު މަހުގެ 25 ގައި ރޯމަނުން ފާހަގަ ކުރި އެހެން މުނާސަބާއެއްވެސް އޮތެވެ. އެއީ ގަދީމީ ފާރިސީންގެ ތެރެއިން އެމީހުންގެ ތެރެއަށް އައިސްފައިވާ މުނާސަބާއެކެވެ. މި މުނާސަބާގައި ފާހަގަކުރެވެނީ އިރުގެ ކަލާނގެ މިޘްރާގެ އުފަންދުވަހެވެ. މިއީވެސް ވިންޓަރ ސޮލްސްޓިސްއާ ގުޅުން ހުރި ޙަފުލާއެކެވެ. މި ސަބަބުތަކާހުރެ ރޯމަނުންގެ ތެރޭގައި ސެޓަރންއޭލިއާގެ އެންމެ މުހިއްމު އަދި އެންމެ ބޮޑު ދުވަހަކަށް ފަހުން ވެގެންދިޔައީ ވެސް ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހެވެ.
ސެޓަރންއޭލިއާ އީދުގެ މުނާސަބަތުގެ ތެރޭގައި އާއްމުކޮށް ކުރެވެމުން އައި ކަންތައްތަކަކީ ސަރުކާރުގެ އިދާރާތައް ބަންދުކޮށް، ވިޔަފާރިއާއި ދެންވެސް އެފަދަ މަސައްކަތްތައް ހުއްޓައި، އުފާފާޅުކުރުމާއި ނާޗަރަންގީގެ ހަފުލާތައް ބޭއްވުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ހަދިޔާބަދިޔާ ބަދަލުކުރުމާއި، އަޅުންނަށްވެސް ހިސާބެއްގެ މިނިވަންކަމެއް ދިނުން ފަދަ ކަންތައްތަކެވެ. ނަމަވެސް މި މުނާސަބާއާ ދިމާކޮށް ރޯމަނުންގެ މުޖުތަމަޢުގައި ނުބައި ފާހިޝް އެތައް އަމަލުތަކެއްވެސް އާއްމުވެގެން ދެއެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި ރޭދަމާ ދިމާކޮށް ހެސްކިޔައިފައި ރާބުއިމާއި، ޖުވާކުޅުމާއި، އުނުފޭރާމެއް ނެތި މަގުތަކުގައި ހިނގުމާއި، އަދި ޖަމާއަތް ހަދައިގެން ޒިނޭގެ މަޖިލިސްތައް ނުވަތަ "އޯރގީ"ތައް ބޭއްވުން ހިމެނެއެވެ. އަދި މި މުނާސަބާގެ އެންމެ ފަހު ދުވަސް، އާދެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާ ދިމާކޮށް ސެޓަރން ކަލާނގެއަށް އިންސާނުން ޤުރުބާންކުރުމުގެ ޖަރީމާވެސް ހިންގިފައި ވެއެވެ.
ރޯމަނުންނަށްވުރެ ކުރީގެ ވަރަށް ގިނަ ގަދީމީ ޝިރުކު ހަޒާރަތްތަކުގައިވެސް ޑިސެމްބަރު މަހުގެ 25 ވަނަ ދުވަސް ފާހަގަކުރެވުނީ "އިރުގެ ކަލާނގެ" ރައްކައު ވި ދުވަހުގެ ގޮތުގައެވެ. މިޞްރުގެ އިޒީސްއާއި ހޮރުސްއާއި ޔޫނާނީންގެ ޑައިނީސިއަސް ފަދަ ކަލާނގެތައް އުފަންވި ދުވަހުގެ ގޮތުގައި އެ ހަޒާރަތްތަކުގައިވެސް ޑިސެމްބަރު 25 ފާހަގަކުރެވިފައި ވެއެވެ. މީގެ އިތުރަށް ބާބިލުގެ ހަޒާރަތުގައި މި ދުވަހަކީ އިރުގެ ކަލާނގެއާއި ނިމްރޮޑްގެ އުފަންދުވަހުގެ ގޮތުގައި ފާހަގަކުރެވުނު ދުވަހެކެވެ. ބުނެވޭގޮތުގައި ނިމްރޮޑް ކައިވަނިކުރީ އޭނާގެ މަންމަ ސެމިރާމިސްއާއެވެ. ނަމަވެސް ނުވަގުތެއްގައި ނިމްރޮޑް މަރުވިއެވެ. ދެން ސެމިރާމިސް ހެދި ގޮތަކީ އޭނާގެ ދަރިފުޅު، އަދި ފިރިމީހާ އަލުން ގަހެއްގެ ސިފައިގައި ދުނިޔެއަށް އައިސް އެ ގަހުގައި އޭނާއަށްޓަކައި ހަދިޔާތައް ބަހައްޓައިފައިވާ ކަމަށް ބުނެ ވާހަކަ ފެތުރީއެވެ. މި ވާހަކަ ބާބިލީންގެ ދީނީ ޚުރާފާތުތަކުގެ ތެރެއަށް ވަދެގެން ދިޔައެވެ. ފަހުގެ ދައުރުތަކުގައި ކްރިސްމަސް ގަހުގައި ހަދިޔާ ބެހެއްޓުމުގެ އާދަ ތަޢާރަފުވީ މި ފުލޯކު ވާހަކައިގެ ތެރެއިން ކަމަށް ބެލެވެއެވެ.
ކްރިސްޓިއަނުންގެ ތެރެއަށް މި ދުވަސް އައި ކަމަށް ބެލެވެނީ، ރޯމާއި މެޑިޓަރޭނިއަން ސަރަހައްދުގައި ކްރިސްޓިއަން ދީން ފެތުރުނު އިރު، ރޯމުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައި އޮތް ވަޘަނީ ދީނީ ސަގާފަތެއް ކަމަށް ވާ މިޘްރާނިއްޔަތުގެ ތެރެއިންނެވެ. އިސްވެ ދެންނެވުނު ފަދައިން، މިޘްރާނިއްޔަތަކީ ގަދީމީ ފާރިސީންގެ ތެރޭގައި އުފެދުނު ވަޘަނީ، ޝިރްކީ ދީނެކެވެ. އެ ދީނުގައި އޮންނަ ގޮތުން އިރުގެ ކަލާނގެ މިޘްރާ އިންސާނެއްގެ ސިފައިގައި ދުނިޔޭގައި އުޅުނެވެ. އަދި ވަރަށް ބޮޑެތި އަނިޔާތައް ތަހައްމަލު ކޮށް، އިންސާނިއްޔަތަށް ޓަކައި ގުރުބާން ވެގެން މަރު ވެގެން ދެއެވެ. ދުނިޔޭގައި އުޅުނު އިރު، މިޘްރާ އޭނާގެ މުއުޖިޒާތްތަކުގެ ގޮތުގައި އިންސާނުންނަށް "ވައިން" އަދި ޕާން ހަދިޔާ ކުރި ކަމަށް ވެސް މިޘްރާނިއްޔަތުގެ ތައުލީމުގައި ބުނެއެވެ. މިޘްރާގެ އުނގަންނައިދިނުންތަކުގައި އެންމެ ބަރަކާތްތެރި ދުވަހަކީ އާދީއްތަ ދުވަހެވެ. އެންމެ ބަރަކާތްތެރި ތާރީޚަކީ 25 ޑިސެންބަރެވެ. އެއީ ވިންޓަރ ސޮލްޓިހުގެ ދުވަހަށް ވުމާ އެކު، އެއީ މިޘްރާގެ އުފަން ދުވަސް ކަމަށް ވާތީއެވެ. ރޯމުގައި ކްރިސްޓިއަން ދީން ފެތުރިގެން ދިޔަ އިރު، މިޘްރާނިއްޔަތަކީ ރޯމުގެ ބިޔަ އަންބަރާތޫރިއްޔާގައި، ޚާއްސަކޮށް އިޓަލީގެ ސަރަހައްދުތަކުގައި، ބޮޑު މަގުބޫލުކަމެއް ލިބިފައި އޮތް ސަގާފަތެކެވެ. ވުމާއެކު، އާއްމުންގެ ތެރެއަށް ކްރިސްޓިއަން ދީން ފެތުރިގެން ދިޔަ އިރު، ދީނީ ބޮޑުން ގެންދިޔައީ މިޘްރާނިއްޔަތުގެ ތައުލީމުގެ ބައިތައް ވެސް ކްރިސްޓިއަން ތައުލީމުގެ ތެރެއަށް ވައްދަމުންނެވެ. އެގޮތުން، ޢީސާ ޢަލައިހިއްސަލާމްގެ މުއުޖިޒާތްތަކުގެ ތެރެއަށް ވެސް "ވައިން" އާއި ޕާނުގެ ހަދިޔާތަކުގެ ވާހަކަތައް އައީއެވެ. އަދި އެންމެ ބަރަކާތްތެރި ދުވަހަކީ އާދީއްތަ ދުވަސް ކަމުގެ ފިކުރު ވެސް ކްރިސްޓިއަން ދީނަށް ވަނީއެވެ.
ހިތްތައް ފަތަޙަކުރުމުގެ އުކުޅެއް
ޢީސާ ޢަލައިހިއްސަލާމްގެ އީދުމީލާދުގެ މުނާސަބާ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ފާހަގަކުރަން ރޯމަން ކެތަލިކް ބޮޑު ފައްޅީން ހަމަޖެއްސީ ސެޓަރންއޭލިއާ އާއި މިޘްރާގެ އުފަން ދުވަހުގެ މުނާސަބަތުގައި ކްރިސްޓިއަން ކުލައެއް ޖެއްސުމުގެ ގޮތުންނެވެ. މީލާދީން 330 ގެ އަހަރުތަކުގެ ތެރޭގައި ރޯމުގެ ފައްޅީގެ އިސް ބޭފުޅުން މި މުނާސަބާ ކްރިސްޓިއަން އީދަކަށް ބަދަލުކޮށްލެއްވުމުގެ މަގުސަދަކީ ރޯމުގެ ވަޘަނީ ރައްޔިތުންގެ ހިތްތައް ފަތަޙަކޮށް، ކްރިސްޓިއަން ދީނަކީ އެމީހުންގެ ވަޘަނީ އަގީދާތަކާ މުޅީން މުލުން ލުހެ އެއްލައިލާން އައި ދީނެއް ނޫންކަމުގެ ޔަގީންކަން އެ މީހުންނަށް ދެއްވުމެވެ. ވަޘަނީ ރޯމަނުންގެ ދީނީ އަގީދާތަކާއި ސަގާފަތުގެ ހެދުން އަޅުވައިފައި ކްރިސްޓިއަން ދީން އެ މީހުންނަށް "ވިއްކެވުމެވެ". އެހެންކަމުން ރޯމުގެ ރައްޔިތުން އެ މީހުންގެ ރަސްގެފާނު ކޮންސްޓަންޓީން އައުޒަމްގެ އަމުރުފުޅަށް ކްރިސްޓިއަން ދީނަށް ވަނުމަށްފަހުވެސް އެމީހުންގެ މުސްކުޅި އީދު ފާހަގަކުރީއެވެ. އެ އީދުގެ ނަންބޯޑު ބަދަލުކޮށްގެންނެވެ. "ސެޓަރންއޭލިއާ" ނުވަތަ މިޘްރާގެ އުފަން ދުވަހުގެ ބަދަލުގައި "ޢީސާގެފާނުގެ ޢީދުމީލާދު" ގެ ނަންބޯޑު އަޅުވައިގެންނެވެ.
މެދުޒަމާނުގެ ދުވަސްވަރު
އެނގިވަޑައިގަންނަވާނެ ފަދައިން ޔޫރަޕް ކްރިސްޓިއަން ދީނަށް އެނބުރުނީއްސުރެ ޔޫރަޕްގެ ކްރިސްޓިއަނުންގެ ރުޅިވެރިކަމާއި ނަފްރަތުގެ ލަޓިބުރީން އެންމެ ބޮޑު އަނިޔާއެއް ލިބުނު އެއް ބަޔަކީ ޔޫރަޕުގެ ގައުމުތަކުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި އުޅުނު ޔަހޫދީންނެވެ. 1466 ވަނަ އަހަރާ ހަމަޔަށް އައިއިރު ކްރިސްމަސް ހަފުލާ ވެފައި އޮތީ ކްރިސްޓިއަނުންނަށް އީދަކަށް ވާ ފަދައިން ޔަހޫދީންނަށް ކުރިމަތި ވާ މުސީބާތަކަށެވެ.
އެދުވަސްވަރު ރޯމް ފަދަ ޝަހަރުތަކުގައި ކްރިސްމަސް ދުވަހު އޮންނަ ކުޅިވަރުތަކުގެ ތެރެއިން އެއް ކަމަކީ ޔަހޫދީންގެ ތެރެއިން ހޮވައިލެވޭ ބަޔަކު އުނުފޭރާމެއް ނެތި ޝަހަރުގެ ބޮޑެތި މަގުތަކުގައި ދުއްވުމެވެ. މި ދުއްވުމަށް އެމީހުން ނެރެވެނީ ޅިސްޖެހެންދެން ކާންދީފައެވެ. އެއީ ކައިގެން ބަރުހެލިވެފައިތިބެ ދުވާން ޖެހުމުން އެ މީހުންނަށް އިތުރު ވޭނާއި އުނދަގޫތައް ތަހައްމަލުކުރާން ޖެހޭނެތީވެ ކުރާ ކަމެކެވެ. 1466 ވަނަ އަހަރުގެ ކްރިސްމަސް ކުޅިވަރުތަކުގެ ތެރޭގައި މި ދުވުން ފެށުނުއިރު އެއިރު ވެޓިކަންގެ ބޮޑު ފައްޅީގެ އިސް ފާދިރީއެއްގެ ގޮތުގައި ހުންނެވި ޕޯޕް ޕޯލް ދެވަނަ، ފައްޅީގެ ޖަވާހިރު ޖެހި ބެލްކަނީގައި ކުޅިބައްލަވާން ހުންނެވިއެވެ. ޔަހޫދީންގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީންގެ އެތައް ބަޔަކު ކްރިސްޓިއަނުންގެ އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ތެރޭގައި ހަފުސްވެ، ބަރަހަނާހާލުގައި ރޯމުގެ މަގުތަކަށް ނެރެވުނު މަންޒަރު ބައްލަވަން އޭނާ ހުންނެވީ ފިސާރިއަށް ހިނިފުޅު ވަޑުވައިގެން އަތްތިލަބަޑި ޖައްސަވަޖައްސަވައެވެ.
މި ވަހުޝީ އާދަ އެތައް އަހަރެއް ވަންދެން ދެމިގެން އައުމަށްފަހު، 1866 ވަނަ އަހަރު ރޯމުގެ ޔަހޫދީން އެއިރު ޕޯޕްގެ މަޤާމުގައި ހުންނެވި ގްރެގަރީއަށް ޝަކުވާ ދަންނަވައި އެކަން ހުއްޓައިލައްވާތޯ އިލްތިމާސްކުރިއެވެ.ނަމަވެސް އެމީހުންނަށް ޕޯޕް ދެއވި ޖަވާބަކީ"ދީނީ ކަންކަމުގައި ބިދުއަތަކެއް ނުގެންގުޅެވޭނެ ކަމަށާއި، ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ނުހުއްޓޭނެ" ކަމުގެ ބަސްފުޅެވެ. މި ހަރަކާތް ހުއްޓުނީ އޭގެ އަހަރުތަކެއް ފަހުންނެވެ.
ކުރީންވެސް ދެންނެވިފައި ވާނޭ ފަދައިން ކްރިސްމަސް ފާހަގަކުރުމާ ދެކޮޅަށް އެކި ޒަމާންތަކުގައި ޕިޔުރިޓޭން ކްރިސްޓިއަނުން އެކިކަހަލަ މަސައްކަތްތައް ކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 16 ވަނަ ޤަރުނުގައި ގެނެވުނު ޕްރޮޓެސްޓެންޓް އިސްލާހުތަކުގެ ތެރޭގައި ކްރިސްމަސް ފާހަގަކުރުން ނިމުމަކަށް ގެންނަން ކުރެވުނު މަސައްކަތެވެ. 17 ވަނަ ޤަރުނުގެ ތެރޭގައި އިނގިރޭސި ވިލާތާއި، އުތުރު އެމެރިކާގެ އިނގިރޭސި ކޮލޮނީތަކުގެ ތެރެއިން މެސަޗޫސެޓްސް ފަދަ އެތައް ހިސާބުތަކެއްގައި، ކްރިސްމަސް ފާހަގަކުރުން ހުއްޓައިވެސްލެވުނެވެ. ނަމަވެސް ފަހުން އަނެއްކާވެސް އެ އާދަ އާއްމުވެގެން ދިޔައީއެވެ.
ކްރިސްމަހާ ގުޅުވައިގެން ކުރެވޭ ކަންތައްތައް
ގަހަށް އަޅުކަންކުރުމާއި، ސެޓަރންއޭލިއާފަދަ މުނާސަބަތުތަކާ ގުޅުވައިގެން ޝަހަރުތަކުގެ ބޮޑެތި މައިދާންތަކާއި އިމާރާތްތަކާއި ގެދޮރުފަދަ ތަންތަނުގައި ބައެއް ވައްތަރު ވައްތަރުގެ ގަސް ބެހެއްޓުމަކީ ވަޘަނީ ރޯމަނުންވެސް ކުރި ކަމެކެވެ. މަޝްހޫރު ކްރިސްމަސް ގަހުގެ ސަގާފަތުގެ އަސްލު ގުޅިފައިވަނީ މި ދެންނެވި ގަދީމީ ސަގާފަތާއެވެ.
ކްރިސްމަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއަށް ކްރިސްމަސް ގަސް ތައާރަފު ކުރެވުނީ ޖަރުމަނުގައި، 17 ވަނަ ގަރުނުގެ ތެރޭގައެވެ. ފުލޯކުވާހަކަތަކުގައި ކިޔޭގޮތުން މި ކަމެއް ފެށުނީ ޕްރޮޓެސްޓެންޓް ހަރަކާތުގެ ބާނީ މާރޓިން ލޫދަރ އާ ހިސާބުންނެވެ. އެ ވާހަކަތަކުގައި ބުނެވޭގޮތުން ކްރިސްމަސް ދުވަހެއްގެ ކުރީ ދުވަހު މާރޓިން ލޫދަރ ޖަންގަލީގެ ތެރޭގައި ހިންގަވަނިކޮށް އޭނާއަށް ފެނިވަޑައިގަތީ ފާރ ގަހެއްގެ އޮފިތަކާއި ފަތްތަކުގެ ތެރެއިން ހެނދުނުގެ އިރުގެ ދޯދިތައް ފާއްދާލައިފައި ހުރި މަންޒަރެވެ. އެ މަންޒަރުގެ ސަބަބުން އޭނާގެ ހިތްޕުޅުގައި ކަލާނގެ ކުޅަދުންވަންތަކަމުގެ ޝުޢޫރުތައް ކެކިއުތުރިގެން ދިޔައެވެ. އެހެންވެ އޭނާ ހެއްދެވި ގޮތަކީ އެ ގަސް ކަނޑުއްވައިގެން ގެންނަވައި އޭނާގެ ގެކޮޅުގެ ތެރޭގައި ބެހެއްޓެވީއެވެ. ދެން އޭނާއަށް ތަބާވާ މީހުންވެސް ކްރިސްމަހާ ދިމާކޮށް އެކަން ކުރަން ފެށީއެވެ.
ޖަރުމަނުގައި ކްރިސްމަސް ގަހުގެ ސަގާފަތް ފެތުރިގެން ދިޔަތާ އަހަރުތަކެއްގެ ފަހުން، 1841 ވަނަ އަހަރު ޖަރުމަނުގެ ޕްރިންސް އަލްބަރޓް، އޭނާގެ އަނބިކަނބަލުން އަދި އިނގިރޭސި ވިލާތުގެ ރާނީ ވިކްޓޯރިއާއަށް ކްރިސްމަސް ހަދިޔާއަކަށް ކްރިސްމަސް ގަހެއް ދެއްވިއެވެ. ބުނެވޭގޮތުގައި އިނގިރޭސި ވިލާތަށް ކްރިސްމަސް ގަސް ތަޢާރަފުވީ މި ހިސާބުންނެވެ. އެއަށްފަހު ކްރިސްމަސް ގަހުގެ ސަގާފަތް އިނގިރޭސި ވިލާތުގައިވެސް ވަރަށް ބާރަށް ފެތުރިގެން ދިޔައެވެ. މާގިނަ ދުވަސްތަކެއް ނުވެ މި ސަގާފަތް ޔޫރަޕުގެ އެހެނިހެން ސަރަޙައްދުތަކާއި އުތުރު އެމެރިކާގައިވެސް އާއްމުވެގެން ދިޔައެވެ.
ކްރިސްމަހާ ގުޅުވައިގެން ކުރެވޭ އަނެއް ކަމަކީ މިސްލްޓޯ ގަސްދޮށުގައި ތިބެ ދޮންދިނުމެވެ. ތާރީޚުން ސާބިތުވާގޮތުގައި މިއީވެސް ޤަދީމީ ޒަމާނުގައި ޔޫރަޕުގެ ވަޡަނީ ހަޒާރަތްތަކުގެ ތެރޭގައި އޮތް އާދައެއްގެ ތެރެއިން އުފަންވެގެން އައި ކަމެކެވެ. ގަދީމީ ޒަމާނުގައި އުތުރު ޔޫރަޕުގެ މީސްތަކުން އާއްމުކޮށް ޤަބޫލުކުރި ގޮތުގައި މިސްލްޓޯ ގަހަކީ ނޯރސް މީހުންގެ ލޯބީގެ ކަލާނގެ ކަމުގައިވާ ފްރެޔާގެ ރަމްޒެކެވެ. މިސްލްޓޯއަކީ ހަމަޖެހުމާއި، ރައްކާތެރިކަމާއި، އަދި ދަރިމައިވުންފަދަ އެތައް ހެޔޮކަމެއް ފްރެޔާގެ ބަރަކާތް މެދުވެރިކޮށް އިންސާނުންނަށް ލިއްބައިދޭ ގަހެއް ކަމަށް އެމީހުން ދެކެއެވެ. އެހެންކަމުން މިސްލްޓޯ ގަހެއްގެ ދޮށުގައި ތިބެ ދޮންދިނުމަކީ ލޯބީގެ ގުޅުންތައް ފެށުމުގައްޔާއި، ފްރެޔާ ކަލާނގެއަށްޓަކައި ފާހަގަކުރެވޭ ދުވަސްތަކުގައިއެމީހުން ކުރި ކަމެކެވެ. މި އާދަވެސް ފަހުގެ ދައުރުތަކުގައި ކްރިސްޓިއަނުންގެ މެދުގައި ފެތުރި، ކްރިސްމަސް ދުވަހު އެކަން ކުރަން ފެށުނީއެވެ.
ދެން އޮތީ ސާންތާ ކްލޯޒްގެ ވާހަކައެވެ. "ސާންތާ ކްލޯޒް" މި ބަހަކީ ޑަޗް ބަހެއް ކަމަށްވާ "ސިންޓަރކްލާސް" އިން އުފެދިފައިވާ ބަހެކެވެ. ސާންތާ ކްލޯޒްގެ ވާހަކަ އެންމެ ފުރަތަމަ ކިޔެން ފެށުނީ ވަރަށް ކުރީގެ ދައުރެއްގައި އުޅުއްވި ކްރިސްޓިއަން ފާދިރީއެއް ކަމުގައިވާ ސެއިންޓް ނިކޮލަސްއަށް ނިސްބަތްކޮށެވެ. ފުރަތަމަ ކިޔުނު ވާހަކަތަކުގައި އޭނާ ސިފަކުރެވިފައިވަނީ ވައިގެ ތެރޭގައި އުދުހޭ އަހެއްގެ މައްޗަށް ސަވާރުވެގެން އިންނަ އިސްކޮޅުން ދިގު ހައިބަތްތެރި ދީނީ ޝަޚްސެއްގެ ގޮތުގައެވެ. އޭނާއާއެކު އަބަދުވެސް ހިޔަންޏެއްހެން ހުންނަނީ އޭނާގެ ބްލެކް ޕީޓަރެވެ ކިޔުނު އެލްފެވެ. ބްލެކް ޕީޓަރުގެ ކަމަކީ ބަސްނާހާ ކުޑަކުދީންނަށް އަދަބުދިނުމެވެ. މި ކަހަލަ ގޮތަކަށް ކިޔެމުން ދިޔަ ވާހަކަ އުތުރު އެމެރިކާއަށް ވާސިލުވީ 18 ވަނަ ޤަރުނުގެ ތެރޭގައި ނިއު ޔޯރކަށް ހިޖުރަކުރި ޑަޗް މީހުންގެ ފަރާތުންނެވެ. ދުވަސްތަކެއް ފާއިތުވެގެން ދިޔުމަށްފަހު ސާންތާ ކްލޯޒްގެ ސިފަ ބަދަލުވެ، އޭނާއަކީ ނިކަން ފަލަކޮށް ހުންނަ، ކުޑަކުދީން އުފާވާ ކަހަލަ "ތިއްތި" ގޮތަކަށް ހެދުން އަޅާފައި ހުންނަ، އުފާވެރި ޝަޚްސަކަށް ބަދަލުވެގެން ދިޔައެވެ. އޭނާއާއެކު ކުޑަކުދީންނަށް އަދަބު ދޭން އަންނަ "ކަޅު" ޕީޓަރ ގެއްލި، އޭނާގެ ވަޒީފާއަކީ ކުޑަކުދީންނަށް ހަދިޔާ ދިނުން ކަމަށް ވެގެން ދިޔައެވެ. ކުޑަކުދީންނާ މެދު އޯގާވެރިވުމާއި، ކުޑަކުދީންނާ މުއާމަލާތު ކުރުމުގައި ބޮޑެތި މީހުންނާ މެދު އަމަލު ކުރާ ގޮތަށް ކަން ކުރުމަކީ ގޯހެއް ކަމުގެ ވިސްނުމަކީ ވެސް މުސްލިމުންގެ ތެރެއިން، ދިހަ އެގާރަ ވަނަ ގަރުނު ހައިތަނުގައި ޔޫރަޕަށް ލިބުނު ފިލާވަޅެކެވެ. އެ ފިލާވަޅަށް ފަހު، މަޑުމަޑުން އައި ބަދަލުތަކުގެ ތެރޭގައި، ބްލެކް ޕީޓަރު ބޭރު ކޮށްލެވުނީއެވެ.
ބާޠިލުގެ ހިޔަނި
މި ދެންނެވި ކަހަލަ ޚުރާފީ އަދި ބާޠިލް އަސްލުތަކެއްގެ މައްޗަށް ބިނާވެފައިވާ "ކްރިސްމަސް" ސަގާފަތަކީ ކްރިސްޓިއަން ފައްޅީން ބުނެދޭގޮތުގައި ޢީސާ އަލައިހިއްސަލާމްގެ ޢީދުމީލާދުގެ ބަރަކާތްތެރި މުނާސަބާގެ ޒިކުރާގައި ފާހަގަކުރެވޭ ދުވަހެކެވެ.
ޢީސާ ޢަލައިހިއްސަލާމްގެ އީދުމީލާދުގެ ގޮތުގައި ފާހަގަ ކުރެވޭ ދުވަހަކީ ކޮންމެހެން އެކަލޭގެފާނު އުފަން ވެވަޑައިގަތް ދުވަސް ކަމަށް ތާރީޚީ ގޮތުން ނުވުމަކީ މާކަ ބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް ގަދީމީ ވަޘަނީ އަދި ޝިރްކީ ދީންތަކާއި ސަގާފަތްތަކުގެ މީހުން، އިރަކީ ކަލެއް ކަމަށް ބަލައި، ދުނިޔެއަށް އަލިކަން ފޯރު ކޮށްދެނީ އެ "ކަލާނގެ" ކަމަށް ބަލައި، އެ "ކަލާނގެ" އަށް ޚާއްސަ ކޮށްގެން ފާހަގަ ކޮށް އުޅުނު ދުވަހެއް އެއީ ޢީސާ ޢަލައިހިއްސަލާމްގެ އީދުމީލާދު ކަމަށް ބުނެ ފާހަގަ ކުރުމާ މެދު، ޚުދު ޢީސާ ޢަލައިހިއްސަލާމް ރުހިވަޑައިގަންނަވާނެތޯ، މިއީ ކުރުން ރަނގަޅު ސުވާލެކެވެ. އެކަލޭގެފާނަކީ ﷲ ގެ ތެދުވެރި، މަތިވެރި ރަސޫލެކެވެ. އެހެންކަމުން ﷲ އަށް ޝިރުކު ކުރާ ބައެއްގެ ރަމްޒުތަކާއި ސަގާފަތްތައް އެކަލޭގެފާނާ ގުޅުވިގެން ދިޔުމަކީ އެކަލޭގެފާނު އެދިވަޑައިގަންނަވާނެ ގޮތް ތޯ، މިއީ ކުރާން ޖެހޭ ސުވާލެކެވެ. މި ނަޒަރުން ވިސްނާ އިރު ވެސް، ޢީސާ ޢަލައިހިއްސަލާމްގެ ހަގީގީ މެސެޖަށް ތެދުވެރި ބަޔަކު، ކްރިސްމަސް ސަގާފަތާ ދުރުހެލި ވާން ޖެހެއެވެ.
މުސްލިމުންނަކީ ޢީސާ ޢަލައިހިއްސަލާމަށް ތެދުވެރި، އެކަލޭގެފާނަށް ހަގީގީ މާނައިގައި އީމާން ވާ ބައެކެވެ. އެހެންކަމުން، އަހުލުކިތާބީންގެ ބައެއް ކަމަށް ވާ ކްރިސްޓިއަނުންނަށް މުސްލިމުން އިހުތިރާމު ކުރި ނަމަވެސް، ވަޘަނީ އަދި ޝިރްކީ އާދަކާދަތަކާއި ރަމްޒުތައް އެކަލޭގެފާނާ ގުޅުވައިގެން ބަޔަކު ކުރާ ކަމެއްގައި މުސްލިމުން އެއްވެސް ސިފައެއްގައި ބައިވެރި ވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ކްރިސްމަހާ ގުޅުވައިގެން، ކްރިސްޓިއަނުންނަށް މަރުހަބާ ކިޔުން ފަދަ ކަންކަމަކީ ވެސް މިގޮތުން ބަލާއިރު، ކުރުން ރަނގަޅު ކަންކަމެއް ނޫނެވެ.ކްރިސްމަހުގެ ސަގާފަތަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ކަނޑައެޅިގެން ހުރި ބާތިލެވެ. ހައްގާއި ބާތިލުގެ ތަފާތު ވަކިކުރަން ބޭނުންވާ ކޮންމެ މީހަކުވެސް މިހިރަމިހިރަ ކަންކަމާ މެދު ވިސްނައި ފިކުރުކުރާން ވީއެވެ.