އާ އަހަރާ ދިމާކޮށް އިންޑީއާގެ މަޝްހޫރު ފިލްމީ ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް "ޓްރިބިއުޓް"ކޮށް ރާއްޖޭގެ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ ހުށަހަޅައިދިން ނެށުންތަކުގެ ވީޑިއޯއަށް ސޯޝަލް މީޑިއާގައި ފާޑުކިޔައި ޖޯކު ޖަހަމުންދަނިކޮށް، ޕްރިޔަންކާ އެ ވީޑިއޯ ބަލައިގެންފި އެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ސުނީތާގެ ވީޑިއޯއަށް ޕްރިޔަކަންއާ ރިއެކްޓު ކުރީ ޓްވިޓާގަ އެވެ. ޕްރިޔަންކާ މިރޭ ކުރި ޓްވީޓުގައި ބުނެފައި ވަނީ "ވަރަށް ގަޔާވެއްޖެ" ކަމަށެވެ.



ޔޫޓިއުބްގައި ސުނީތާގެ އެ ވީޑިއޯ އާންމު ކުރިތާ ފަސް ދުވަހުގެ ތެރޭގައި ވަނީ 13،000 ވުރެ ގިނަ މީހުން އެ ވީޑިއޯ ބަލާފައިވެ އެވެ. ސުނީތާގެ ވީޑިއޯގެ ލިންކާއެކު ޕްރިޔަންކާ މިރޭ ޓްވީޓެއް ކުރުމުން ދެ ގަޑިއިރު ތެރޭ ހާހަކަށް ވުރެ ގިނަ މީހުން އެ ވީޑިއޯ ބަލާފައިވެ އެވެ. މިހާރު އެ ވީޑިއޯ ބެލި މީހުންގެ އަދަދު 15،000 ގާތް ކުރެ އެވެ.

"އަ ޓްރިބިއުޓް ޓް ޕްރިޔަންކާ ޗޯޕްރާ ބައި ސުނީތާ އަލީ މޯލްޑިވްސް"ގެ ނަމުގައި އެ ވީޑިއޯ ޔޫޓިއުބްގައި އާންމު ކުރި ދުވަހު ބެލީ އެންމެ 500 މީހުންނެވެ. އެ ވީޑިއޯ ޔޫޑިއުބްގައި އާންމު ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ސުނީތާގެ ވީޑިއޯގައި ޕްރިޔަންކާގެ ހެދުންތައް ފަރުމާކޮށްފައިވާ ގޮތަށް ހެދުން އަޅައި ޕްރިޔަންކާ ނަށާ ގޮތަށް ނެށުންތައް ސުނީތާ ދައްކާލާފަ އެވެ. ޕްރިޔަންކާގެ އަޑުން ރެކޯޑްކޮށްފައިވާ އަލްބަމް "އިން މައި ސިޓީ" އަދި "އެގްޒޯކްޓިކް"ގެ ލަވަތަކަށް ސުނީތާ ނަށާފައިވެ އެވެ.

ސުނީތާއަށް ތައުރީފު ރައްދުވާ ގޮތަށް، ޕްރިޔަންކާ މިރޭ ޓްވީޓު ކުރުމުން ސުނީތާގެ ވީޑިއޯއަކަށް ޖޯކު ޖެހި މީހުންގެ އަނގަމަތީގައި އަތް އަޅުން ފަދަ އެވެ. މިހާރު އަނެއްކާވެސް ސޯޝަލް މީޑިއާގައި "އެބުރެނީ" ސުނީތާއަށް ތައުރީފުގެ ބަސްތަކެވެ.