24 Dec 2013, 21:56
ރާއްޖޭގެ ޝަރުއީ ނިޒާމާ ގުޅޭގޮތުން ގެނެސްދިން ރިޕޯޓަކާ ގުޅިގެން ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީނާއި ނިވްސް ހެޑް، އިބްރާހީމް ވަހީދު (އަސްވާޑު) ގެ މައްޗަށް ދައުވާ ކުރަން ނުފެންނަ ކަމަށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ފުލުހުން ހުށަހެޅި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ޔާމީނާއި އަސްވާޑުގެ މައްޗަށް ދައުވާ ކުރަން ނުފެންނަ ކަމަށް ނިންމާފައި ވަނީ މިއަދު ކަމަށެވެ.
"އިބްރާހީމް ވަހީދު އާއި އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރަން ނުފެންނަ ކަމަށް ނިންމައި ފުލުހުންނަށް އަންގާފައި ވަނީ މިއަދު،" ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ރާއްޖެ ޓީވީންގެނެސްދިން އެ ރިޕޯޓުގެ މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަނުން އެކަމުގައި އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރަން ނުފެންނަ ކަމަށް ނިންމީ ކަމަށެވެ.
ޝަރުއީ ނިޒާމާ ގުޅޭގޮތުން ރާއްޖެ ޓީވީން ގެނެސްދިން ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައި ވަނީ ސުޕްރީމް ކޯޓުންނެވެ.
އެ މައްސަލައިގެ ތަހުގީގަށް ޔާމީނާއި އަސްވާޑު މީގެކުރިން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ޔާމީން ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ އަސްވާޑުގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގެ ބައެއް މައުލޫމާތު އޮޅުންފިލުވުމަށް ކަމަށާއި އޭނާގެ މައްޗަށް ފުލުހުން އެއްވެސް ތުހުމަތެއް ކޮށްފައިނުވާ ކަމަށެވެ.
ފުލުސް އޮފީހަށް ހާޒިރުކުރެއްވުމުން އަސްވާޑު ވަނީ ހަނުހުރުމުގެ ބަޔާނެއް ދެއްވާފަ އެވެ.
ފުލުހުން ސުވާލުކުރުމުން އަސްވާޑު ވިދާޅުވެފައި ވަނީ އެބާވަތުގެ މައްސަލަތައް ފުލުހުންނަށް ތަހުގީގު ކުރެވޭނެކަމަށް ނުދެކޭ ކަމަށާއި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވަނީ ބްރޯޑުކާސްޓިން ކޮމިޝަނަށް ކަމަށެވެ.
"ސަދޫމް ބާގައިގެ މީހުންގެ" ޝަރީއަތް ކުރި ގޮތް ދައްކުވައިދޭ ވީޑިއޯތަކެއް ހިމަނައިގެން ރާއްޖޭގެ ޝަރުއީ ނިޒާމަށް ފާޑުކިޔާފައިވާ އެ ރިޕޯޓުގައި، ސަމޫދު ބާގައިގެ މީހުން ޝަރީއަތް ކުރި ގޮތާއި ރާއްޖޭގެ ޝަރުއީ ނިޒާމާ އެއްވެސް ތަފާތެއް ނެތް ކަމަށް ބުނެފައި ވެއެވެ.