24 Dec 2013, 17:18
ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓް ކުރިން ހިންގަމުން އައި އިންޑިއާގެ ޖީއެމްއާރު އިންފްރާސްޓްރަކްޗާ އިން އިސްތަންބުލްގެ ސަބީހާ ގުކްޗެން އިންޓަނޭޝަނަލް އެއާޕޯޓްގައިވާ އެ ކުންފުނީގެ 40 ޕަސަންޓް ހިއްސާ 225 މިލިއަން ޔޫރޯ އަށް ވިއްކާލައިފި އެވެ.
ސަބީހާ ގުކްޗެން އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރުން ހިންގަމުން އައީ، އެކުންފުންޏާއި މެލޭޝިޔާގެ މެލޭޝިޔާ އެއާޕޯޓް ހޯލްޑިންގްސް އަދި ތުރުކީގެ ލިމަކް ކޮންސްޓްރަކްޝަން ގުޅިގެން އުފައްދާފައިވާ ކުންފުންޏެއް މެދުވެރިކޮށެވެ. އެއީ ޖީއެމްއާރަށް 40 ޕަސަންޓް، ލިމަކް ކޮންސްޓްރަކްޝަންއަށް 40 ޕަސަންޓް އަދި މެލޭޝިޔާ އެއާޕޯޓް ހޯލްޑިންގްސް އަށް 20 ޕަސަންޓް ހިއްސާވާ ގޮތަށެވެ.
ފައިނޭންޝަލް އެކްސްޕްރެސް އިން ބުނީ ޖީއެމްއާރުގެ ހިއްސާ ގަނެފައި ވަނީ މެލޭޝިޔާ އެއާޕޯޓް ހޯލްޑިންގްސްގެ ކުންފުންޏަކުން ކަމަށާއި މެލޭޝިޔާ އެއާޕޯޓް ހޯލްޑިންގްސްއަށް މިފުރުސަތު ލިބުނީ ޖީއެމްއާރާ އެކު ވެފައިވާ ޕާޓްނާޝިޕް އެގްރިމަންޓުގެ ދަށުން ލިބޭ "ރައިޓް އޮފް ފަސްޓް ރެފިއުސަލް" ނުވަތަ ފުރަތަމަ ނޫނެކޭ ބުނުމުގެ ހައްގުގެ ދަށުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖީއެމްއާރުން މިމަހުގެ ތިން ވަނަ ދުވަހު މަސައްކަތް ކޮށްފައި ވަނީ އެހެން އިންވެސްޓަރަކަށް ހުރިހާ ހިއްސާއެއް ވިއްކާލުމަށެވެ. ނަމަވެސް އެހެން ބަޔަކަށް ވިއްކާލުމަށް ނިންމުމުގެ ކުރިން މެލޭޝިޔާ އެއާޕޯޓް ހޯލްޑިންގްސް އަށް "ރައިޓް އޮފް ފަސްޓް ރެފިއުސަލް"ގެ ދަށުން ހިއްސާ ގަތުމުގެ ފުރުސަތު ނުވަތަ ނޫނެކޭ ބުނުމުގެ ފުރުސަތު ދޭން ޖެހެ އެވެ.
މެލޭޝިޔާ އެއާޕޯޓްސް ހޯލްޑިންގްސް އިން ބުނީ އެ ފުރުސަތު ލިބުމުން އެކުންފުނީގެ ބައެއް ކަމަށްވާ އެމްއޭއެމްއެސްސީ އަށް ޖީއެމްއާރުގެ 40 ޕަސަންޓް ހިއްސާ ގަންނަން ނިންމީ ކަމަށެވެ.
އަދި އިއްޔެ ހިއްސާ ގަތުމުގެ ކަންތައްތައް ނިންމާފައިވާ ކަމަށް މެލޭޝިޔާ އެއާޕޯޓްސްއިން ބުނެ އެވެ.
ސަބީހާ އެއާޕޯޓާ ޖީއެމްއާރުގެ ކޮންސޯޓިއަމް އިން ހަވާލުވެފައި ވަނީ 2008 ވަނަ އަހަރު އެވެ. އަދި 2030ގެ ނިޔަލަށް މިއެއާޕޯޓް ހިންގުމުގެ ހައްގު ކޮންސޯޓިއަމަށް ލިބިދީފައިވެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ ޖީއެމްއާރުގެ ހިއްސާތައް ވިއްކާލާފައި ވަނީ ބޮޑުވަމުންދާ އެކުންފުނީގެ ދަރަނިތަކުން ބައެއް ދެއްކުމުގެ ގޮތުން ކަމަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ޖީއެމްއާރާ އެކު ދިވެހި ސަރުކާރުން ހަދާފައިވާ އެގްރިމަންޓް ވަނީ އުވާލާފަ އެވެ.
ރާއްޖޭގެ އެއާޕޯޓް ޖީއެމްއާރަށް ގެއްލުމަށް ފަހު އިސްތަންބުލް އެއާޕޯޓްގެ ހިއްސާ ވިއްކާލުމުން ޖީއެމްއާރުން މިހާރު ހިންގަމުން އަންނަނީ ދެ އެއާޕޯޓެކެވެ. އެއީ ދިއްލީ އެއާޕޯޓާއި ހައިދަރު އާބާދު އެއާޕޯޓެވެ.