24 Dec 2013, 17:14
ބޮލީވުޑްގެ އެންމެ މަގުބޫލް އެއް ތަރި ދީޕިކާ ޕަދުކޯން އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
ސަންއާ ވާހަކަދެއްކި އެއާޕޯޓްގެ ރެޕަކު ބުނީ ދީޕިކާ ރާއްޖެ އައީ އިއްޔެ މެންދުރު އިންޑިއަން އެއާލައިންސްގެ ފްލައިޓުންނެވެ. އަދި އޭނާ ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރަނީ އިންޑިއާގެ މަޝްހޫރު ހޮޓެލް ޗެއިން ތާޖު ގްރޫޕުން ހިންގާ ތާޖް އެގްޒޯޓިކާ މޯލްޑިވްސްގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"އެރައިވަލް ހޯލުގެ ބޭރުގައި ތިބި މީހުންނަށް އޭނާ ފެނުމުން ނޭނގުނު. ނަމަވެސް މާފަހުން އެނގުމުން ބައެއް މީހުން އެކަމާދެރަވެގެން އުޅުނު،" އެތަނުގައި ހުރި މީހަކު ބުންޏެވެ.
ދީޕިކާގެ މަޝްހޫރު ފލްމުތަކުގެ ތެރޭގައި، "ރޭސް 2" އާއި "ޗެންނާނީ އެކްސްޕެރެސް" އާއި "ޔޭ ޖަވާނީހޭ ދިވާނީ" އަދި "ރާމް ލީލާ" ފާހަގަކޮށްލެވެ އެވެ.
ދީޕިކާ ގެ ބައްޕަ އަކީ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިއެއް ކަމަށްވާ ޕްރަކާޝް ޕަޑްކޯން އެވެ. ދީޕިކާގެ ޓީނޭޖް ގައި ގައުމީ ފެންވަރުގައި ބެޑްމިންޓަން ކުޅެފައިވެ އެވެ. ދީޕިކާގެ ފުރަތަމަ ފިލްމަކީ ކަންނަޑާ ފިލްމެއް ކަމަށްވާ "އައިޝްވާރްޔާ" އެވެ. އެ ފިލްމު ނުކުމެފައި ވަނީ 2006 ވަނަ އަހަރު އެވެ.
އުމުރުން 21 އަހަރުގައި ހިންދީ ފިލްމު އިންޓަސްޓްރީއަށް ނުކުތް، ދީޕިއާ މަޝްހޫރުވީ 2007 ވަނަ އަހަރު ނުކުތް "އޯމް ޝާންތީ އޯންމް" އިންނެވެ. އޭނާއަކީ އިންޑީއާގެ ޒުވާން ފިލްމީ ތަރިންގެ ތެރެއިން މިހާރު އެންމެ މަގްބޫލް އަދި އެންމެ ކާމިޔާބު ބަތަލާ އެވެ.