މިދުވަސްވަރަކީ އާއްމު ގޮތެއްގައި ޑެންގީ ހުން ފެތުރުން އިތުރުވާ ދުވަސްވަރަކަށް ވުމުން، އެކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެދިއްޖެ އެވެ.

އެއެޖެންސީއިން މިއަދު ނެރެފާއިވާ "ހެލްތު އެލާޓް" ގައި ބުނެފައި ވަނީ ރައްކާތެރިވުމުގެ ޕްރޮގްރާމްތައް ފަރުދީ ފެންވަރުގައި އަދި ކައުންސިލްތަކާއި ޖަމިއްޔާތައް ގުޅިގެން ހިންގުމަށް އެދޭ ކަމަށެވެ.

މިގޮތުން މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ސާފުކޮށް ފެން ހަރުލާ ގޮތަށް ގޯތި ތެރޭގައި އެއްޗެހި ނުބެހެއްޓުމަށާއި ޑަސްބިން ފަދަ ތަކެތީގައި ފެން އެޅޭ ގޮތަށް ހުންނަ ނަމަ މަތިނިވާ ކުރުމަށް އެއެޖެންސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ސާފު ތާހިރުކަމަށް ހާއްސަ ސަމާލުކަމެއްދީ ގައި ނިވާވާ ފަދަ ހެދުން ލާ ނުވަތަ މޮސްކިޓޯ ރެޕެލަންޓް ބޭނުންކުރުމަށް ވެސް އެއެޖެންސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދުވަސްވަރު އަރިދަފުސް ރޯގާ އިތުރުވަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ އިތުރުވާ ނަމަ ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިކަން ހޯދުމަށް އެއެޖެންސީގެ ހެލްތު އެލާޓްގައި އެދިފައިވެ އެވެ.