24 Dec 2013, 15:01
ހުޅުމާލޭގައި މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް އިކޮނަމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މަޝްރޫއާ ބެހޭ ތަފުސީލް ދެއްވުމަށް މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހުޅުމާލޭގައި އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލެއް ތަރައްގީކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ. އަދި އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ފެބްރުއަރީ ދިހަ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ކުރިޔަށް ގެންދިއުމަށް ހުޅުވާލަނީ އަމިއްލައަށް ޑިޒައިންކޮށް ފައިނޭންސް ހޯދައިގެން ތަރައްގީކޮށް ހިންގާ އުސޫލުން ކަމަށެވެ. އަދި އެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ސަރުކާރާ އެކު 35 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ 337 އެނދުގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތަކަށް ސަރުކާރުގެ އިކުއިޓީގެ ގޮތުގައި ހުޅުމާލެއިން ބިމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލް ހިންގާ ފަރާތަކަށް ޕްރައިވެޓް ޕޭޝަންޓުންނާއި އިންޝުއަރެންސް އާއި ބޭސް ވިއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ބޭރުން ވެސް ފަރުވާ ހޯދަން އަންނަ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުން. މި ޕްރޮޖެކްޓް ނިންމާލެވިއްޖެ ނަމަ ރާއްޖެ އިން ބޭރަށް ފަރުވާ ހޯދަންދާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ހުންނަ 337 އެނދުގެ ތެރެއިން ބޭނުންކުރާނީ 309 އެނދު ކަމަށެވެ. ބާކީ އެނދުތައް ހާއްސަކުރާނީ އައިސީޔޫއަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ އައިޖީއެމްއެޗަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުން. މިތަން އަޅުގަނޑުމެން ތަރައްގީކުރަން ބޭނުން ވަނީ ތަފާތު އެކި ބަލިތަކަށް ފަރުވާދެވޭ ފެންވަރު މަލްޓި ސްޕެޝަލިޓީ އަދި ސުޕަ ސްޕެޝަލިޓީ ފެންވަރަށް ތަރައްގީކުރަން. އޭރުން ދިވެހިންގެ އިތުރުން ބޭރު މީހުންގެ މެދުގައި މަގުބޫލް ތަނަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރަން،" ޑރ. ޝަކީލާ ވިދާޅުވި އެވެ.
ހުޅުމާލޭގައި ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލެއް އެޅުމުގެ ހިޔާލު 2004 ވަނަ އަހަރު ސަރުކާރުން ގެންގުޅުއްވި އެވެ. އަދި އޭގެ ފަހުން 2009 ވަނަ އަހަރު އެކަމާ ބެހޭ ގޮތުން ނޭޝަނަލް ޕްލޭނިން ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު އެ މަޝްރޫއު ކުރިޔަށް ގެންދަން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން މިއަހަރު ނިންމައި ބީލަމަށް ވެސް ހުޅުވާލި އެވެ. ނަމަވެސް އެކަމަށް އޭރު އެންމެ ފަރާތަކުން ކުރިމަތިލުން އެ ބިޑް ކެންސަލްކޮށް އަލުން ސަރުކާރުން ބީލަމަށް ހުޅުވާލި އެވެ.
އިކޮނަމިކް މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް ކުރިން ކުރިމަތިލާނެ ބަޔަކު ނުވި ނަމަވެސް މިހާރު އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ. އަދި މިފަހަރު މި މަޝްރޫއު ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ އެ ތަނުގައި ހަދާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށެވެ.