ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ ތަސްދީގުކުރައްވައިފިއެވެ.

ތަސްދީގުކުރެއްވުމާ ގުޅިގެން، އެ ގާނޫނު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަކީ، ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ރާއްޖޭގެ ޖަލުތައް ހިންގުމުގައި ގެންގުޅޭނެ އުސޫލުތައް ކަނޑައެޅުމާއި، ޖަލުތަކުގައި ހުންނަންވާ ފެންވަރު ކަނޑައަޅައި ހިފެހެއްޓުމާއި، ޖަލުގައި މީހުން ބަންދުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު ގެ ދަށުން ރާއްޖޭގައި އެއްވެސް މީހަކު ބަންދުކޮށްފައި ބަހައްޓަން ޖެހިއްޖެނަމަ އެފަދަ ފަރާތްތައް ބަންދުގައި ބައިތިއްބާނެ އުސޫލުތަކާއި ތަންތަން ކަނޑައަޅާފައިވާ ގާނޫނެކެވެ.

އެ ގާނޫނުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގުސަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމެއް ކަމުގައި ހެދުމާއި، "މޯލްޑިވްސް ކަރެކްޝަނަލް ސާވިސް" ގެ ނަމުގައި ވަކި ޚިދުމަތެއް އުފައްދައި، އެ ސާވިސް ހިންގަމުން ގެންދާނެ އުސޫލުތައް ކަނޑައެޅުމާއި، ގައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ގާއިމުކުރުމާއި، ގައިދީންނަށް ތަފާތު އެކި ރޮނގުރޮނގުން ތަމްރީނުދީ، އެކިއެކި ހުނަރު ދަސްކޮށްދިނުމާއި، ގައިދީން ކުށްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށް ބާރުއެޅުމާއި، ޝަރީއަތުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ހުކުމް ތަންފީޒުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގާނޫނަކުން ބާރު ލިބިގެން ތަހުގީގުކުރާ އިދާރާތަކުން ތަހުގީގު މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި މީހުން ބަންދުގައި ބައިތިއްބާނެ ތަންތަނާއި އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ތަސްދީގުކުރެއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ބަންޑާރަނައިބު އެރުވި ލަފާފުޅުގައި ބިލުގައި ހުރި 13 މައްސަލައެއް ވަރަށް ތަފްސީލުކޮށް ފާހަގަކުރައްވާފައިވެއެވެ. އެ ބިލާ ގުޅޭގޮތުން ފާހަގަކުރެވުނު ގިނަ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ރިއާޔަތްކުރައްވާފައިނުވާކަންވެސް ބަންޑާރަނައިބު ފާހަގަކުރައްވާފައިވެއެވެ.

އިސްވެދެންނެވި ކަންކަމާއި، ބިލުގައި ޤާނޫނީ އަދި އުސޫލީ މައްސަލަތަކާއި، ތަންފީޒުކުރުމުގައި ދަތިތައް ދިމާވާނެ ކަންކަން ހުރިނަމަވެސް، މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިމިވަނީ ހަތަރުވަނަ ފަހަރަށް ކަމަށްވެފައި، ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާގުން ކަމަށްވާތީ، އެކަމަށް ރިއާޔަތްކުރައްވައި ބިލު ތަސްދީގުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.