24 Dec 2013, 14:44
ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭން ފެށި ދެވަނަ ކުންފުނި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ރީބްރޭންޑްކޮށް "އުރީދޫ" މޯލްޑިވްސްއަށް ބަދަލުކުރުމަށް ފަހު ރާއްޖޭގައި ހުޅުވި ފުރަތަމަ އެކްސްޕީރިއެންސް ސެންޓަރު މާލޭގައި މިއަދު ހުޅުވައިފި އެވެ.
މަޖީދީމަގުގައި ކުރިން ވެސް ވަތަނިއްޔާގެ ފިހާރަ ހުރި ހ. ޝަބްނަމް ބިލްޑިންގްގެ ތިރީގައި ހުޅުވާފައިވާ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުން އުރީދޫގެ ގިނަ ހިދުމަތްތަކެއް ތަޖުރިބާކުރެވެން ހުންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ. ކުރިންވެސް އެކްސްޕީރިއެންސް ސެންޓަރުން ދެމުން އައި ހިދުމަތްތައް ފުޅާކުރުމަށް ފަހު އަލުން ހުޅުވާފައިވާ އިރު ފިހާރައިގެ ލޭއައުޓަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
"ވަތަނިއްޔާ"ގެ ނަން "އުރީދޫ"އަށް ބަދަލުކޮށް ރީބްރޭންޑްކޮށްފައި ވަނީ އެކުންފުނިން ރޭ ކުރުބާ ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާރޫން ޝަހުލް ހަމީދު ވިދާޅުވީ އުރީދޫ އަށް ބަދަލުވުމާ އެކު އެކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަވެ، ފުޅާވެގެންދާނެ ކަމަށެވެ.