24 Dec 2013, 14:22
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި "ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދު" އަށް އަމަލުކުރަން ފަށާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ރަށް ރަށުގައި އާބާދީ އިތުރުވުމާއި އިގްތިސާދު ކުރިއެރުމާއި ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ ސަބަބުން އުފެދޭ ކުނީގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ އިރު ރަށް ރަށުގައި އުފެދޭ ކުނި އެކަށީގެންވާ ރަނގަޅު ގޮތުގައި ނައްތާލެވެމުން ނުދާ ކަމަށެވެ.
އެގޮތުން ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ރައްކާތެރި ގޮތުގައި ކުނި ގެންގުޅުމަށް ބާރުއެޅުމަށާއި ކަމާ ބެހޭ މުއައްސަސާތަކަށް ގާނޫނީ ބާރު ހޯދައިދިނުމަށް ޓަކައި މިހާރު ގެޒެޓްކޮށްފައިވާ "ކުނިމެނޭޖްކުރުމާ ބެހޭ ޤަވާއިދު" އަށް އަމަލުކުރަން ފަށާޏޭ ކަމަށް އެ މިނިސްޓަރީން ބުންޏެވެ.
"މިގަވާއިދުގެ ދަށުން ނިވާނުކޮށް ކުނި އެއްތަނުން އަނެއްތަނަށް އުފުލުމާއި، އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކުންނާއި އެފަރާތްތަކުގެ ދަށުން މަސައްކަތް ކުރާ ފަރާތްތަކުން، ގަވާއިދުގެ ދަށުން ކުނި އަޅަން ހުއްދަ ދީފައިވާ ތަނަކަށް މެނުވީ ކުނިއެޅުން ފަދަ ކަންތައްތައް މަނާކުރެވޭނެ،" މިނިސްޓްރީން އާއްމުކުރި 100 ދުވަހުގެ މަގުޗާޓުގައި ބުނެފައިވެ އެވެ.
ކުނި މެނޭޖްކުރުމުގެ ގަވާއިދަށް އަމަލުކުރުމަށް މަގު ޗާޓުގައި ކަނޑއަޅާފައިވާ އިރު، މާލެ ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލަތައް ހައްލުކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް، ތިލަފުށިން ދުންއަރާ ގޮތަށް ކުނި އެންދުން ހުއްޓާލުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން އުތުރުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން ގާއިމްކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ބޮޑު ބައެއް ފުރިހަމަކޮށް، އުތުރާއި ދެކުނަށް ބޭނުންވާ އާލާތްތައް ސަޕްލައިކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި މުޅިން އަލަށް އުތުރުގެ 13 ރަށެއްގައި ކުނި ކޮށިތަކުގެ އަމަލީ މަސައްކަތުގެ ބޮޑުބައެއް ފުރިހަމަކުރުމަށް ވެސް 100 ދުވަހުގެ މަގުޗާޓުގައި ހިމަނާފައިވެ އެވެ.
ރައްޔިތުންގެ އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތިމާވެއްޓާއި ހަކަތައާ ގުޅޭ މުހިންމު ޕްރޮޖެކްޓްތަކެއް ވެސް އެންވަޔަރަމަންޓް މިނިސްޓްރީގެ 100 ދުވަހުގެ މަގުޗާޓުގައި ފެށުމަށް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ބޭރުގެ ލޯން އެހީއާއި ހިލޭ އެހީގެ އިތުރުން ބަޖެޓުން ވެސް ހަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫތައް ވެސް ހިމެނެ އެވެ.
އެގޮތުން މިހާރު އިއާދަ ކުރުވަނިވި ހަކަތައާ ބެހޭ ޕްރޮޖެކްޓްތައް ކުރިޔަށް ގެންދާ ރަށްރަށުގައި އާއި އިތުރު ރަށްރަށުގައި މަޝްރޫގެ ބައެއް ކުރިޔަށް ގެންދިއުމަށް 139 މިލިޔަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވާ އިރު ބޭރުގެ ލޯން އެހީގައި 11 ރަށެއްގައި ނަރުދަމާ އާއި ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަކަތައިގެ ދާއިރާ އިން މާލެ އާއި ހުޅުމާލޭގައި އަވިން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް 100 ދުވަހުގެ މަގުޗާޓުގައި ނިންމާފައިވާ އިރު ފަހިއަލި ޕްރޮގްރާމްގެ ދަށުން ދޫކުރާ ލެޑް ހޮޅިބުރި އާއްމުންނަށް ދޫކުރަން ވެސް ނިންމާފައިވެ އެވެ. އަދި ހަކަތައިގެ ދުރު ރާސްތާގެ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ވެސް ވަނީ އެ މަގުޗާޓުގައި ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި މިނިސްޓްރީގެ 100 ދުވަހުގެ ތެރޭގައި ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވެ އެވެ. އަދި ބ. އަތޮޅު ބަޔޯސްފިޔާ ރިޒާވް މޮޑެލް ރާއްޖޭގެ އިތުރު އެއް އަތޮޅެއްގައި ގާއިމުކުރުމުގެ މަސައްކަތް ދިރޭތަކެތީގެ ނަސްލު ހިމަޔަތްކުރުމުގެ ދަށުން ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް މަދުކުރުމަށް ހިންގަމުންގެންދާ މަޝްރޫއުގެ ދަށުން މަސްވެރިކަމުގެ ދާއިރާގައި އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ބޭނުންކުރާ މިންވަރު ދަށްކުރުމަށް ޓަކައި ފަސް ކުންފުންޏަކަށް 2.2 މިލިއަން ރުފިޔާގެ ފައިސާގެ ހިލޭ އެހީ ދިނުމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީގެ މަގުޗާޓުގައި ވަނީ ކަނޑައަޅާފަ އެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ސަރުކާރުގެ ފުރަތަމަ ސައްތައިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތައްތަކުގެ ތެރޭގައި އެންވަޔަރަމަންޓް ޕޮލިސް އުފެއްދުމުގެ އަމަލީ މަސައްކަތާއި ވެހިކަލް އެމިޝަން ސްޓޭންޑަޑް އަށް އަމަލުކުރަން ފެށުން ހިމެނެ އެވެ.