ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.

މިގޮތުން، ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ހެލްތު މިނިސްޓަރުގެ ނައިބު މުހައްމަދު މާހިރެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އާއިޝަތު ބިޝާމާއި ހޯމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފާއި ޔޫތު މިނިސްޓަރުގެ ނައިބު ނާއިފް ޝައުކަތާއި އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު އައްޒާއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ރަޝީދާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އާމިނަތު ރަޝީދާއާއި ޑެޕިއުޓީ ކޮންޓްރޯލަރު އޮފް އިމިގްރޭޝަން އަބްދުﷲ ވަހީދާއި މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ ޖަނީ އިން މުހައްމަދު ޒުބައިރެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ އަކީ މަސްތުވާ ތަކެއްޗާބެހޭ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފައްދަވާފައިވާ ބޯޑެކެވެ. އެ ބޯޑުގެ ޗެއާމަނަކަށް މިހާތަނަށް ހުންނެވީ ލުބުނާ މުހައްމަދު ޒާހިރު ހުސައިން އެވެ.