24 Dec 2013, 14:12
ގާނޫނުލް އުގޫބާތުގެ ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ އެ ބިލަށް އިސްލާހު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00އާ ހަމައަށް ކަމަށެވެ.
"ބުރާސްފަތި ދުވަހުގެ ހަވީރު 4:00އާ ހަމައަށް ގާނޫނުލް އުގޫބާތު ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ،" އަހްމަދު މުހައްމަދު ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރެއްވުމަށް ފަހު ބޮޑެތި ބަދަލުތަކާ އެކު މަޖިލީހުގެ ތަޅުމަށް ބިލް ފޮނުވާފައި ވަނީ މި މަހުގެ ކުރީކޮޅު އެވެ.
އެ ބިލްގައި ބުނެފައިވާ ގޮތުން ގަސްދުގައި މީހަކު މަރާލުމުގެ ކުށް އިއުތިރާފުގެ މައްޗަށް ބިނާކޮށް ސާބިތެއް ނުކުރެވޭނެ އެވެ.
އެ ބިލްގައި ޖުމްލަ 1204 މާއްދާ ހިމެނޭ ކަމަށް ބިލް ދިރާސާ ކުރި ކޮމެޓީން ވަނީ ބުނެފަ އެވެ.
އެ ކޮމެޓީގެ މުގައްރިރު އަހްމަދު ހަމްޒާ ވިދާޅުވީ މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން ބިލް ފާސްކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.