އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕްގެ މެޗުތައް ކުޅެން ހަމަޖައްސާފައިވާ ގަލޮޅު ރަސްމީ ބޯޅަދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރިން ކޮށްފައިވާ އިއުލާނު ބާތިލްކޮށް އެ މަސައްކަތްތައް އަލުން ބިޑަށް ލައިފި އެވެ.

ދަނޑުތައް މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރިން އިއުލާނުކޮށްފައި ވަނީ ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާގޮތުން އެކަމާ ހިތްހަމަ ނުޖެހިގެން އޭއެފްސީގެ ކޮމްޕެޓިޝަން ކޮމެޓީން އެ މުބާރާތް ފިލިޕީންސަށް ބަދަލުކުރަން ޖެހިދާނޭ ކަމުގެ އިޝާރާތެއް ކޮށްފައި ވަނިކޮށެވެ.

ނޮވެމްބަރު މަހުގެ ފަހުކޮޅުގައި މަސައްކަތް ކުރާނޭ ފަރާތެއް ހޯދުމަށް އިއުލާނުކުރުމަށް ފަހު އޭރު ބުނެފައިވަނީ މި މަހުގެ 10ގައި މަސްކަތް ބަޔަކާ ހަވާލުކުރެވޭނޭ ކަމަށެވެ. އެހެން ނަމަވެސް ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ ކުރިން ކުރި އިއުލާނުގެ "ސްކޯޕް" އަށް ބަދަލުތަކެއް ގެންނަން ޖެހުމުގެ ސަބަބުން އެ އިއުލާނު ބާތިލްކުރީ ކަމަށެވެ.

އަންނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށް ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް "މަޑު ދުވެއްޔެއްގައި" ކުރިއަށް ދިޔަނަމަވެސް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނެފައިވަނީ އެ މުބާރާތް އަންނަ އަހަރު ބާއްވާނީ ރާއްޖޭގައި ކަމަށެވެ.

"އަންނަ އަހަރުގެ ޗެލެންޖް ކަޕް ރާއްޖޭގައި ބޭއްވުމަށް އެއްވެސް ހުރަހެއް ނެތް. އިރާދަކުރެއްވިޔާ އެ މުބާރާތް އަންނަ އަހަރު ބާއްވާނީ ހަމަ ރާއްޖޭގައި،" އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު ކުރިން މީޑިއާގައި ވިދާޅުވެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ "ބީލަން ހުށަހެޅުއްވުމުގެ ދައުވަތު"ގައި ބުނެފައިވާ ގޮތުން ގަލޮޅު ރަސްމީ ދަނޑާއި އައްޑު އަތޮޅު ހިތަދޫ ސްޓޭޑިއަމް މަރާމާތު ކުރުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ ޕްރޮޖެކްޓަކަށް 30،000ރ. ދައްކަންޖެހޭނެ އެވެ. އަދި ބިޑްހުޅުވާ ތާރީހުންފެށިގެން 118 ދުވަސް ބިޑްސެކިއުރިޓީގެ މުއްދަތުގެ ގޮތުގައި ހަމަޖައްސާފައިވާއިރު، ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ދައްކަން ޖެހޭނޭ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ އަގު އަދާ ކުރާނީ ދެ އަހަރު ދުވަހަށް ބަހާލައިގެން ކަމަށް ވެސްބުނެފައިވެ އެވެ.

ފިނޭންސުން ބުނީ، ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ ޑިސެމްބަރު މަހުގެ 25ން 30އަށް ކަމަށާއި ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30އިން މެންދުރު ފަހު 2:30އަށް އެ މިނިސްޓްރީގައި ކަމަށެވެ. އަދި މި ޕްރޮޖެކްޓްތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު ފަހު 1:00ގައި، އެ މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި ބިޑް ހުޅުވުން އޮންނާނީ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ކަމަށެވެ.

ޗެލެންޖް ކަޕް ފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވިއްޖެ ނަމަ އޭގެ ފައިދާ ރާއްޖޭގެ ފުޓްބޯޅައިގެ އިތުރުން އިގްތިސާދަށް ވެސް ކުރާނެ އެވެ. އަދި ހަމަ އެހެންމެ މި މުބާރާތް ރާއްޖޭގައި މިފަހަރު ނުބޭއްވިއްޖެ ނަމަ އެކަމުގެ ލަދުވެތިކަން ބޮލުގައި އެޅުމުގެ އިތުރުން ކުރިއަށް އޮތްތަނުގައި ރާއްޖެއަށް މިފަދަ ފުރުސަތުތައް ލިބުމުގައި އުނދަގޫތަކެއް ވެސް ކުރިމަތިވާނެ އެވެ.

ޗެލެންޖް ކަޕަށް ދަނޑުތައް މަރާމާތު ކުރުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ނުފެށިއްޖެ ނަމަ އެ މުބާރާތް ފިލިޕީންސްގައި ބާއްވަން އޭއެފްސީގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އަދި ހަމަ އެހެންމެ ހުސްވި ހަފްތާގެ ތެރޭގައި އޭއެފްސީގެ މަތީފެންވަރުގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް ދަނޑުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ހާލަތު ވަނީ މޮނިޓާ ކޮށްފަ އެވެ. އަދި އެ ވަފުދު އެނބުރި ދިއުމަށްފަހު ރާއްޖޭގައި މުބާރާތް ބޭއްވުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ގޮތެއް އޭއެފްސީގެ ކޮމްޕެޓިޝަން ކޮމެޓީއަށް ހުށަހަޅާނެ އެވެ.

ޗެލެންޖު ކަޕްގެ މަސައްކަތް ކުރިއަށްދާ ގޮތް މޮނިޓާ ކުރުމަށް ރާއްޖެ ޒިޔާރަތްކުރި އޭއެފްސީގެ ވަފުދާ ބައްދަލުކުރެއްވުމަށް ފަހު ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ވިދާޅުވެފައިވަނީ، އެ ވަފުދާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އަދި މުބާރާތައް ތައްޔާރުވުމުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.