24 Dec 2013, 14:08
އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް ލަފާކޮށް 58 މިލިއަން ރުފިޔާއެއްގެ ބަޖެޓެއް ދިނުމަށާއި އޯގަނައިޒޭޝަން ފޮ ދަ ނެޓްވަކް އޮފް އެކްއާކަލްޗާ ސެންޓާސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް (ނާކާ)ގައި ރާއްޖެ އިން ބައިވެރިވުމަށް ވޯޓް ދެއްވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފި އެވެ.
މިއަދު 1:30ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ކަންތައް ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވި 61 މެމްބަރުންގެ ވޯޓް ލިބިގެނެނެވެ.
އަންނަ އަހަރަށް ލަފާކޮށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑިޓް އޮފީހުން ހުށައަޅަފައިވީ ނަމަވެސް މާލިއްޔަތު ކޮމެޓީ އިން ފާސްކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހަށް ދިނުމަށް ފާސްކޮށްފައި ވަނީ 58 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަދި މާލިއްޔަތު ކޮމެޓީ އިން ފާސްކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން އޮޑިޓް އޮފީހުން އިމާރާތެއް ހެދުމަށް ބަޖެޓުގައި ހިމަނާފައިވާ 34 މިލިއަން ރުފިޔާ ވަނީ އުނިކޮށްފަ އެވެ. އަދި އެ ޕްރޮޖެކްޓް އެހެން އަހަރެއްގެ ބަޖެޓްގައި ހިމެނުމަށް ލަފާ އަރުވާފައިވެ އެވެ. އެ އަދަދަކީ އެ އޮފީހުން ލަފާކުރި 61 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ އިތުރަށް ކަނޑައެޅި އަދަދެކެވެ.
ނާކާގައި ފާސްވުމަށް ނިންމާފައިވާ އިރު އެ މައްސަލަ އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށައެޅުމުން ބަހުސްގެ ވަގުތުގައި ވާހަކަ ދައްކާފައި ވަނީ އެމްޑީޕި އިން އެކަންޏެވެ. އެގޮތުން އެ ޕާޓީ ޕާލަމެންޓްރީ ގުރޫޕުގެ ނައިބް ލީޑާ އަލީ ވަހީދު ވަނީ އެމްޑިޕީ އިން އެކަމަށް ތާއީދު ކުރާ ކަމަށާއި އެފަދަ މުއާހަދާތަކުގައި ބައިވެރިވެގެން ލިބޭ ނަތީޖާއެއް ބެލުމަށް ގޮވާލައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައި ވަނީ އެޖެންޑާގައި އިތުރު މަސައްކަތެއް ނެތުމުންނެވެ.