24 Dec 2013, 13:42
މަޝްހޫރު ކަލަޝްނިކޯވް ރައިފަލް، ނުވަތަ އޭކޭ 47 ރައިފަލް ފަރުމާ ކުރި މިޚާއިލް ކަލަޝްނިކޯވް، އުމުރުން 94 އަހަރުގައި، މަރު ވެއްޖެއެވެ.
ރަޝިއާގެ އޮފިޝަލުން ޚަބަރު ދޭ ގޮތުގައި ކަލަޝްނިކޯވް މަރު ވެފައި ވަނީ ހޯމަ ދުވަހު، އިޒެވްސްކް ގައެވެ. އިޒެވްސްކަކީ ރަޝިއާގެ ވެރިރަށް މޮސްކޯގެ އިރުމައްޗަށް، 600 މޭލު ދުރުގައި އޮންނަ ޝަހަރެކެވެ.
ކަލަޝްނިކޯވް މަރު ވެފައި ވަނީ ހަށިގަނޑުގެ އެތެރެއިން ލޭ އައުމުގެ މައްސަލަ ދިމާ ވެ، ނޮވެންބަރު މަހުއްސުރެ ހަސްފަތާލުގައި އެނދުމަތި ކުރެވި ފަރުވާ ދެވެމުން ދަނިކޮށެވެ.
މިޚާއިލް ކަލާޝްނިކޯވް އުފަން ވީ 10 ނޮވެންބަރު 1919 ގައި، ހުޅަނގު ސައިބީރިއާގައެވެ. އޭނާ އަކީ އާއިލާއެއްގެ 18 ދަރީންގެ ތެރެއިން އެކެކެވެ.
ކަލަޝްނިކޯވް ފަރުމާ ކުރި އޭކޭ 47 ރައިފަލަކީ ދުނިޔޭގައި އެންމެ އާއްމުކޮށް ބޭނުން ކުރާ، އަދި ބޭނުން ކުރާން އެންމެ ފަސޭހަ އެއް ބަޑިއެވެ. ސީދާސާދާ ހަތިޔާރެއްގެ ގޮތުގައި މަޝްހޫރު ވެފައި ވާ އޭކޭ 47 އަކީ އުފައްދާން ޚަރަދު ކުޑަ، އިތުބާރު ބޮޑު، އަދި އުމުރު ދިގު ބަޑިއެކެވެ.
ކަލަޝްނިކޯވް ރޫސީ ވިލާތުގެ "ރަތް ލަޝްކަރާ" ގުޅުނީ 1938 ގައެވެ. އަސްކަރިއްޔާގައި މަސައްކަތް ކުރާން ފެށުމާ އެކު، އޭނާ ގެންދިޔައީ ރޫސީ ލަޝްކަރުގެ ހަތިޔާރުތައް އިތުރަށް ތަރައްގީ ކުރުމުގައި އޭނާގެ ހުނަރުވެރިކަން ބޭނުން ކުރަމުންނެވެ. ޚާއްސަކޮށް ރޫސީ ޓޭންކް ފައުޖުތަކުގެ ހަތިޔާރުތައް އިތުރަށް ވަރުގަދަ ކުރުމަށް އޭނާ ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ.
ރޫސީ ސިފައިން ބޭނުން ކުރުމަށް ޓަކައި ޚާއްސަ މެޝިން ބަޑިއެއް ވެސް ކަލަޝްނިކޯވް ފަރުމާ ކުރިއެވެ. ދެވަނަ ބޮޑު ހަނގުރާމަ ހިނގަމުން ދަނިކޮށް، އޭނާ އެ ބަޑި ފަރުމާ ކުރީ، ޖަރުމަން މީހުން ބޭނުން ކުރާ ބަޑިތަކާ ވަރުން އަޅައިލެވޭ ފަދަ ބަޑިއެއް ރޫސީންނަށް ނުހެދެނީ ކީއްވެގެންތޯ އޭނާގެ އެކުވެރި ސިފައިންގެ މީހަކު އޭނާއާ ސުވާލު ކުރުމުންނެވެ.
އޭކޭ 47 ފަރުމާ ކުރުމުގެ މަސައްކަތް ކަލާޝްނިކޯވަށް ނިންމައިލެވުނީ 1947 ވަނަ އަހަރުއެވެ. އޭގެ ދެ އަހަރު ފަހުން، ރޫސީ ސިފައިން އެ ބަޑި ބޭނުން ކުރާން ފެށިއެވެ.
ކަލާޝްނިކޯވްގެ އުމުރު 90 އަހަރާ ގާތް ކުރަންދެން އޭނާ މަސައްކަތް ކުރީ އިޒެވްސްކުގައި، އޭނާ ފަރުމާ ކުރި ބަޑި ފުރަތަމަ ފަހަރަށް ހެދި ކުންފުނީގެ ޗީފް ޑިޒައިނަރުގެ ވަޒީފާގައެވެ.
އޭކޭ 47 ފަރުމާ ކުރި ފަރުމާކުރުންތެރިޔާގެ ހައިސިއްޔަތުން، ކަލާޝްނިކޯވަށް ރޫސީ ދައުލަތުން ގިނަ ޝަރަފުތަކަކާއި މެޑަލްތަކެއް ދީފައި ވެއެވެ. އޭޣެ ތެރޭގައި އޯރޑަރ އޮފް ލެނިންގެ ޝަރަފާއި، ހީރޯ އޮފް ސޯޝަލިސްޓް ލޭބަރގެ ޝަރަފު ހިމެނެއެވެ. ނަމަވެސް އޭނާގެ ބަޑީގެ ސަބަބުން އޭނާއަށް މާކަ ބޮޑު މާލީ ފައިދާއެއް ލިބިފައެއް ނުވެއެވެ. ސަމާސަޔަކަށް ކަލާޝްނިކޯވް އެއްފަހަރަކު ބުނެފައި ވަނީ "ގޭދޮށުގައި ހުންނަ ވިނަ ކޮށާ އާލާތެއް ފަރުމާ ކުރެވުނު ނަމަވެސް، ތަންކޮޅެއް ގިނަ ފައިސާ ލިބުނީސް" ކަމަށެވެ.
ކަލާޝްނިކޯވް ބުނާ ގޮތުގައި، އޭކޭ 47 އާ މެދު އޭނާ ފަޚުރުވެރި ވިޔަސް، އޭނާ ހިތާމަ ކުރާ ކަމެއް ވެސް ވެއެވެ. "ހުރިހާ ވައްތަރެއްގެ މުޖުރިމުން އަހަރެންގެ ހަތިޔާރުގެ ބޭނުން ކުރާ ޚަބަރުތައް އަޑު އިވުމުން އަހަރެންނަށް ވަރަށް ވޭން ލިބޭ." 2008 ވަނަ އަހަރު، ކަލާޝްނިކޯވް ބުނެފައި ވެއެވެ.