24 Dec 2013, 12:49
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަކްރަމް އަބްދުލްޣަނީ (އަކޫ) އޮމާންގެ ސޫރު ސްޕޯޓްސްއަށް ދޫކުރަން ނިއު އިން ވަނީ ނިންމާފައެވެ. ފަސް މަސް ދުވަހުގެ ލޯންޓްރާންސްފާ އެއްގެ ދަށުން އަންނަ ޖެނުއަރީ މަހުން ފެށިގެން މޭމަހުގެ ނިޔަލަށް އެ ދެކުޅުންތެރިން ދޫކުރުމަށް ނިންމާފައިވާ ކަން އިއުލާނުކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ފުޓްބޯޅައިގެ އާ ހަރުފަތެއް ގިރާކުރުމަށް ރާއްޖެއިން ބޭރުން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފަން ޒުވާން ދެކުޅުންތެރިން ތިބީ ކެތްމަދު ވެފައެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު ޑޮމެސްޓިކް ހުރިހާ ތައްޓެއް އުފުލައިލި ރާއްޖޭގެ ޗެމްޕިއަން ޓީމަށް ކުޅުމަށް ފަހުގައެވެ.
ނިއު މިދިޔަ ސީޒަންގައި ހޯދި ހުރިހާ ކާމިޔާބީއެއްގެ މޭސްތިރި ކަމުގައި ހުރި އެޓީމުގެ ކުރީގެ ކޯޗު ބަލްގޭރިޔާގެ ވެލިޒާ ޕޮޕޯފް އޮމާންގެ ކްލަބާ ގުޅުމަށް ފަހު ރާއްޖޭގެ ކުޅުންތެރިންނަށް އޮމާންގެ ކުލަބުތަކުން ފުރުސަތު ހޯދައިދޭނޭ ކަމަށް ބުންޏެވެ. ހާއްސަކޮށް އޭނާގެ އިރުޝާދުގެ ދަށުން ނިއުއަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އެ ފުރުސަތު ދޭނެ ކަމަށް ކޯޗް ބުނި ބުނުމާ އެއްގޮތަށް އެންމެ ފުރަތަމަ ލިބުނު ދެ ކުޅުންތެރިން ކަމުގައި ވެގެން ދިޔައީ ސެންޓޭ އާއި އަކޫ އެވެ. އެހެން ކަމުން އެ ދެކުޅުންތެރިން ވެސް ތިބީ ފުޓްބޯޅައިގެ އާ ތަޖުރިބާތަކެއް ކުރުމަށް ކެތްމަދުވެފަ އެވެ.
"އަޅުގަނޑުމެން މިތިބީ އެފަދަ ރަނގަޅު ފުރުސަތެއް ލިބިއްޖިއްޔާ އޭގެ ބޭނުން ހިފަން ތައްޔާރަށް،" މިއަހަރުގެ އެފްއޭކަޕް ފައިނަލް މެޗަށް ފަހު ސެންޓޭއާއި އަކޫ ސަން އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ނަމަވެސް އެދެކުޅުންތެރިންގެ އުއްމީދުތަކާ ގުޅިފައިވާ ސޫރް ސްޕޯޓްސް ކްލަބްގައި މިހާރު ވަނީ މައްސަލަކެއް އުފެދިފައެވެ. ތިން މަސް ދުވަހުގެ މުސާރަ ނުލިބި ތިބި އެ ކްލަބުގެ ކުޅުންތެރިން ހަޅުތާލު ކުރަމުންދާއިރު ޕޮޕޯފްގެ މުސާރަވެސް ނުލިބޭ ކަމަށްވެ އެވެ.
ސެންޓޭއާއި އަކޫ ބޭރުގެ ކްލަބަކަށް ފޮނުވަން ނިއު އިން ނިންމީ އެ ކްލަބުންވެސް ވަރަށް ބޮޑެތި އުންމީދުތަކެއްގަ އެވެ. އަންނަ ސީޒަނަކީ ނިއުރޭޑިއަންޓަށް ދިވެހި ލީގާއި ގައުމީ މުބާރާތް ޖެހިޖެހިގެން ތިންފަހަރު ކާމިޔާބުކުރުމުގެ ފުރުސަތު ލިބިފައިވާ ސީޒަނަކަށް ވީ ނަމަވެސް ނިއު އިން ބުނެފައިވަނީ، ކްލަބުގެ ބޭނުން ތަކަށް ވުރެ ބޮޑަށް ނިއުއިން އިސްކަންދިނީ އެ ކުޅުންތެރިންގެ މުސްތަގުބަލަށް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފުޓްބޯޅައަށް ވެސް ލިބިގެންދާނޭ އިތުރު ކުރިއެރުމެއް ކަމަށެވެ.
ސެންޓޭއާއި އަކޫ އޮމާނަށް ފުރަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މިފަދަ ހަބަރު ތަކެއް ފެތުރުމުން އޭގެ ހަގީގަތް އޮޅުން ފިލުވަން "ސަން"އިން މަސައްކަތް ކުރީމެވެ. އެގޮތުން ނިއުގެ ބޯޑު މެންބަރު އަހްމަދު ޒަރީރު އާއި ވާހަކަ ދައްކައިލުމުން އޭނާ ވިދާޅުވީ، އެފަދަ ވާހަކަތަކެއް އަޑު އިވިފައިވާ ކަމަށާއި އެހެން ނަމަވެސް ރަސްމީ ސިފައެއްގައި އެކަން ނިއުއަށް އެނގިފައި ނެތްކަމަށެވެ.
"އެފަދަ ވާހަކަތަކެއް އަޅުގަނޑުމެންނަށް ވެސް އަޑު އިވިފައި ވަނީ. އެކަމަކު އަދި ރަސްމީ ސިފައެއްގައި އެފަދަ އެއްވެސް ވާހަކައެއް ސޫރު ކްލަބުން އަންގާފަ އެއް ނެތް. އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އެކަން އޮޅުން ފިލުވަން،" ޒަރީރު ވިދާޅުވި އެވެ.
ސޫރު ސްޕޯޓްސްގައި މައްސަލަ ޖެހިފައވާކަމަށް ދެކެވޭ މި ވާހަކަ ތަކަކީ، ރާއްޖެއިން ބޭރުގެ ލީގެއްގައި ހުނަރު ދައްކާލައި ފުޓްބޯޅައިގެ ތަފާތު ތަޖުރިބާތަކެއް ކުރަން ބޭނުންވެފައި ތިބި ސެންޓޭ އާއި އަކޫއަށް އަޑު އަހާލަން އެހާ ފަސޭހަ ވާހަކަ އަކަށް ނުވާނެ އެވެ. އެހެން ނަމަވެސް މިހާރު ފެތުރެމުންދާ ވާހަކަ ތަކަކީ ތެދުކަމަށް ވާނަމަ، މުސާރައިގެ މައްސަލައިގައި އެފަދަ ހާލަކަށް ވެއްޓިފައިވާ ކްލަބަކާ ގުޅެން ނުދެވި ތިއްބާ އެކަން އެނގުމަކީ އެ ދެކުޅުންތެރިންގެ ވެސް ނަސީބު ކަމުގައި ނޫނީ ނުވާނެ އެވެ.
"އެ ދެކުޅުންތެރިން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ނުވެއްޖިއްޔާ އެއީ ނިއު ރޭޑިއަންޓަށް ވެސް އަދި ރާއްޖޭގެ ފުޓްބޯޅައަށް ވެސް ލިބޭނެ ވަރަށް ބޮޑު ދެރައެއް. އަޅުގަނޑުމެން ބޭނުންވޭ ފުރުސަތުތައް ހޯދައިދީގެން އެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރަށްގީކުރަން. އެހެން ނަމަވެސް އެ ދެކުޅުންތެރިން އޮމާނަށް ނުދަނީސް މިފަދަ ހަބަރުތަކެއް ލިބުން އެއީ އެމީހުންގެ ނަސީބު. އެއީ އެތަނަށް ދާފަހުން މިފަދަ މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓިއްޖިއްޔާ މާ ބޮޑަށް ދެރަވާނެ. އަދި އޭގެ ގެއްލުން ވެސް ބޮޑުވާނެ،" ޒަރީރު ވިދާޅުވި އެވެ.
ސެންޓޭއާއި އަކޫ އަކީ ނިއުގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް މުހިއްމު ދެކުޅުންތެރިންނެވެ. ސޫރު ސްޕޯޓްސްއިން ރަސްމީ ސިފައެއްގައި އެ ދެކުޅުންތެރިން ނަށްވެސް މިފަދަ މައްސަލަ ތަކެއްގެ މައުލޫމާތު ލިބިފައި ނުވާއިރު ދެ ކުޅުންތެރިން ވެސް އަދި ތިބީ އޮމާނަށް ދިއުމުގެ އުންމީދުގަ އެވެ. އަދި ހަމަ އެހެންމެ ނިއުއިން ބުނީ އޮމާންގެ ކްލަބުގައި އެފަދަ މައްސަލަތަކެއް ހުއްޓައި އެ ދެކުޅުންތެރިން އޮމާނަށް ދިއުމަށް ވުރެ ގާތީ ނުދިއުން ކަމަށާއި އަދި އެހެން ވެއްޖެ ނަމަ ސީޒަން ފަށާއިރު އެ ކުޅުންތެރިން ތިބޭނީ ނިއުގައި ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ކްލަބު ލެވެލްގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ނިއުރޭޑިއަންޓުން ގައުމީ ޓީމުގެ ކެޕްޓަން އަދި ނިއުގެ ކުރީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ސީޒަން ނިމުމާ އެކު ދޫކޮށްލީ ވެސް ރާއްޖެއިން ބޭރުގެ ކްލަބަކަށް ދިއުމަށެވެ. އަދި މިހާރު ދަގަނޑޭ ވަނީ މެލޭޝިއާގެ ޕްރިމިއާލީގު (ދެވަނަ ޑިވިޝަން) ކްލަބެއް ކަމަށްވާ ޕޮލިސް ޑި-ރާޖާ މެލޭސިއާ (ޕީޑީއާރުއެމް)އާއި ގުޅި އެ ޓީމުގެ މުހިއްމު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދައިފަ އެވެ.
ރާއްޖޭ ކުޅުންތެރިން ބޭރުގެ ވަރުގަދަ ލީގުތަކަށް ކުޅެ ރަނގަޅު ފެންވަރުގެ ހުނަރާއި ތަޖުރިބާތަކެއް ހޯދާނަމަ އޭގެ ފައިދާ ހަމަ ޔަގީނުން ވެސް ގައުމުގެ ފުޓްބޯޅައަށް ކުރާނެ އެވެ.