24 Dec 2013, 12:38
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެނދުނުގެ ދަންފަޅީގައި "ކުރާނެ އިތުރު މަސައްކަތެއް ނެތުމުން" މަޖިލީހުގެ ޖަލްސާމެދު ކަނޑާލައިފި އެވެ.
މިއަދު ހެނދުނު 9:00 ގައި ފެށި ޖަލްސާގައި ފުރަތަމަ ބަހުސްކޮށްފައި ވަނީ އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމިގޮތުގެ މައްޗަށެވެ. އަދި ހެނދުނު ދަންފަޅީގައި ވަނީ ބަހުސްކޮށް ނިންމާލައިފަ އެވެ. މިއަދު ދެން އޮތީ އެރިޕޯޓް ފާސްކުރުމަށް ވޯޓަށް އެހުމެވެ.
މިއަދުގެ ޖަލްސާގައި ބަހުސްގައި ވާހަކަ ދެއްކި މެމްބަރުން ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބަޖެޓް ދިނުމަށް ގޮވާލައި ވާހަކަދައްކަވައިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑިޓް އޮފީހުން ހުށައަޅަފައިވީ ނަމަވެސް މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓްގައި ވާގޮތުން އޮޑިޓާ ޖެނެރަލް އޮފީހަށް ދިނުމަށް ފާސްކޮށްފައިވަނީ 58 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. އެ ބަޖެޓް ފާސްކުރާނީ މިއަދު މަޖިލީހުގެ މެންދުނު 1:30 ގައި މަޖިލީހުގައި ޖަލްސާގައި ނަގާ ވޯޓަކުންނެވެ.
މިއަދުގެ ޖަލްސާގައި ވަނީ އޯގަނައިޒޭޝަން ފޮ ދަ ނެޓްވަކް އޮފް އެކްއާކަލްޗާ ސެންޓާސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް (ނާކާ)'' ގައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ އިގުތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށައަޅާފަ އެވެ.