10 Dec 2010, 14:22
ދިފާއީ ވަޒިރު ކަމުގެ މަގާމުގައި ހުންނެވި އަމީން ފައިސަލް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ މަގާމަށް މިއަދު ޢައްޔަން ކުރައްވައިފި އެވެ.
އަމީން ފައިޞަލް މި މަގާމަށް މި އައްޔަން ކުރެއްވީ، ރުހުންނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ރޭ ހުކުމް ކުރެއްވުމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކުރީގެ ރައީސް މުހައްމަދު އަމީންގެ ކާފަ ދަރިކަލުން އަމީން ފައިސްލަކީ ރުހުން ނުލިބުނު ހަތް ވަޒީރުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ނިޔާއާ ގުޅިގެން ޑިފެކްޓޯ މުވައްޒަފު ނުވަތަ އިދާރީ މުވައްޒަފު ގޮތުގައި ހުންނަވާފައި އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވެވި ފުރަތަމަ ބޭފުޅާ އެވެ. އަމީނަކީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި އެއް ވަޒީރެވެ. ވަގުތީ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ހޯމް މިނިސްޓަރުގެ ގާއިމު މަގާމުވެސް ފުރުއްވެވި އަމީން ވަޒީރު ކަމަށް ވަޑައިގަތީ ނޮވެމްބަރު13، 2008 ގަ އެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ވެސް ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ. އެހެން ކަމުން އެ މިނިސްޓްރީ ހިންގުން އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީއާ ރައީސް ނަޝީދު ވަނީ ހަވާލުކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ އަލީ ހާޝިމް، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމު ހުސްވެފައިވާތީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ހިންގެވުން ވަގުތީގޮތުން ހިންގެވުން، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަހުމޫދު ރާޒީއާ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރެއްވެވީ ކަމަށެވެ.
ރުހުން ނެތް ވަޒީރުންގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ބޯ ލަނބާނެ ކަމަށާއި އެއީ އެއީ އެތައް އިބުރަތެއް ލިބޭ ހުކުމެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.