ޕާކިސްތާނުގެ ކުރީގެ އަސްކަރީ ލީޑަރު ޕަރުވޭޒް މުޝައްރަފު ކޯޓަށް ގެންދިޔަ މަގުމަތީގައި ގޮވާތަކެތި ފެނުމުން، މުޝައްރަފާ ދެކޮޅަށް ކުރެވޭ ޝަރީއަތް ފަސްކޮށްފި އެވެ.

މުޝައްރަފާ ދެކޮޅަށް މިހާރު ކުރެވެމުންދާ ޕާކިސްތާނުގެ ދައުލަތަށް ހިޔާނަތްތެރިވުމުގެ ދައުވާތައް ބެލުމަށް ހަމަޖެހިފައިވާ ހާއްސަ ކޯޓުގައި މިއަދު ބާއްވަން އޮތް ޝަރީއަތުގެ މަޖިލިސް ދެން އޮންނާނީ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު ކަމަށް ބީބީސީ އިން ބުނެ އެވެ.

ޕާކިސްތާނުގެ ފުލުހުންނާ ހަވާލާދީ ބީބީސީ އިން ބުނީ މުޝައްރަފް ކޯޓަށް ގެންދަނިކޮށް އިސްލާމްއާބާދުގައި ހުންނަ ނެޝަނަލް ލައިބްރަރީ ކައިރިން ފަސް ކިލޯގެ ބަރުދަން ހުރި ގޮވާތަކެތި ފެނިފައިވާ ކަމަށެވެ. މުޝައްރަފްގެ ޝަރީއަތް ކުރިއަށްދަނީ ނެޝަނަލް ލައިބްރަރީގެ ތެރޭގަ އެވެ.

ގޮވާތަކެތި ފެނުމުން ކޯޓުން ބުނެފައި ވަނީ ޖެނުއަރީ އެއް ވަނަ ދުވަހަށް ޝަރީއަތް ފަސްކުރީ ކަމަށާއި މިމުއްދަތުގެ ތެރޭގައި މުޝައްރަފްގެ ސަލާމަތީ ކަންކަން ބެލުމަށް ފުލުހުންނަށް ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލާގައި އިއްޔެ އޮތް އަޑުއެހުމުގައި ކޯޓުގައި ވާހަކަ ދައްކަވަމުން އުމުރުން 70 އަހަރުވެފައިވާ މުޝައްރަފު ވިދާޅުވީ އޭނާއާ ދެކޮޅަށްކޮށްފައިވާ ދައުވާތައް ބެލެން ޖެހޭނީ އަސްކަރީ ކޯޓެއްގައި ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ ޝަރީއަތް އަސްކަރީ ކޯޓެއްގައި ނުބާއްވަން ނިންމާފަ އެވެ.

އެ ދައުވާތަކަކީ 2007 ވަނަ އަހަރު ގާނޫނު އަސާސީ އަށް އަމަލުކުރުން ހުއްޓާލާ ކުއްލި ހާލަތު އިއުލާންކުރި މައްސަލައާ ގުޅިގެން ކުރެވޭ ދައުވާތަކެކެވެ.

މީގެ އިތުރުން ވެސް ތަފާތު ދައުވާތަކެއް އިސްލާމްއާބާދުގެ އެކިއެކި ކޯޓުތަކުގައި މުޝައްރަފާ ދެކޮޅަށް ކުރެވިފައިވާ އިރު، މުޝައްރަފު ވިދާޅުވެފައި ވަނީ މިހުރިހާ ދައުވާތަކަކީ ވެސް ސިޔާސީ ދައުވާތަކެއް ކަމަށެވެ.

މުޝައްރަފާ ދެކޮޅަށް ކުރާ އެހެން ދައުވާތަކުގެ ތެރޭގައި މީހަކު މަރަން އަމުރުކުރުމުގެ ދައުވާތަކަކާއި ޝަރުއީ ދާއިރާއަށް ހުރަސްއެޅުމުގެ ދައުވާއެއް ހިމެނެ އެވެ.