ޖުމްހޫރީ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ޑރ. މުހައްމަދު ސައުދާ ހަވާލުކޮށްފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ޑރ. ސައުދު މިއަދު ވިދާޅުވީ ޖޭޕީގެ ޖެނެރަލް ސެކްރެޓަރީގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އެމަނިކުފާނާ ހަވާލުކުރެއްވީ ރޭގައި ކަމަށެވެ. އަދި ޖޭޕީގެ ކައުންސިލުން ވަކިގޮތެއް ނިންމަންދެން އެ މަނިކުފާނު އެ މަގާމުގައި ހުންނަވާނެ ކަމަށްވެސް ޑރ. ސައުދު ވިދާޅުވި އެވެ.

"ޝާހް އެހުންނެވީ ޖުމްހޫރީ ޕާޓީގެ ގޮޑިއެއްގައި މިހާރު ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް. ސަރުކާރަށް ވަގުތު ދެއްވަން ވެސް ޖެހޭނެ. އަނެއްކާ ޕާޓީގެ ދެ އިންތިހާބު ކުރިއަށް އޮތީމާ ވަރަށް އަވަދިނެތި ބައިވަރު މަސައްކަތްތަކެއް ކުރިއަށް އެބަދޭ. އެހެންވީމާ ޕާޓީ އެތެރޭގައި އިދާރީ ވަރަށް ބައިވަރު ކަންތައްތައް ހަމަޖައްސަންހުރޭ،" ޑރ. ސައުދު ވިދާޅުވި އެވެ.

ޑރ. ސައުދު އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލުކުރެއްވި ނަމަވެސް އަދިވެސް އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަކީ ހަސަން ޝާހް އެވެ. ހަސަން ޝާހް އަކީ މިހާރު މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރެކެވެ.

ހިއުމަން ރިސޯސަސްގެ ދާއިރާ އިން ޕީއެޗުޑީ ހާސިލުކުރައްވާފައިވާ ޑރ. ސައުދަކީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނަވަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް "ވާދަވެރި ރަނިންމޭޓަކު" ނުލިބުމުން ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ތާއިދު ކުރައްވާފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މެންބަރެއްގެ ގޮތުގައި ޕީޕީއެމްގެ އިންތިގާލީ ކައުންސިލްގެ މެންބަރުކަން ވެސް ޑރ. ސައުދު ކުރައްވާފައިވެ އެވެ.