އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަރިއަހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި، ރާއްޖެ އާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި ކުރިއަށް އޮތް ތާނގައި އެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރައްވައި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ސަފީރަށް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީ އަށް މިވަގުތު ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވި އެވެ. އަދި ތަޢުލީމީ ދާއިރާއަށާއި ޞިއްޙީ ދާއިރާއަށާއި ތިމާވެށީގެ ދާއިރާ އަށް މިހާރަށް ވުރެ ބޮޑަށް އެމެރިކާގެ އެހީތެރިކަން ރާއްޖެއަށް ހޯއްދެވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެ އިން ބޭނުންވާ ކަންކަމުގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް އަބަދު ވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.