ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަކީ މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އަމީން އެގޮތަށް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާކުރުމާއި ޚިދުމަތް ދިނުމުގައި މިހާރު ހުރި މައްސަލަތަކާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަނާއި ޕާމަނަންޓް ސެކްރެޓަރީންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.


ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، އަމީން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އެކިއެކި އޮފީސްތަކުން އާންމުންނަށް ދެއްވާ ޚިދްމަތްތައް ދެއްވުމުގައި، މިހާރުން މިހާރަށް އިސްލާހު ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކަށް އާންމުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުން އަވަސްކުރުމާއި، ސަރުކާރުގެ އޮފީސްތަކުން ފޯނު ނުނެގުމުގެ މައްސަލައާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގައި، މިހާރަށްވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަކީ، މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަންކަން ކަމުގައި އަމީން ވިދާޅުވި އެވެ.

މިކަންކަން ތަންފީޒު ކުރުމުގައި، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެ، މިކަންކަން ރަނގަޅުކޮށްދެއްވުމަށް ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އަމީން އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ 100 ދުވަހުގެ މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުން ހަލުއިކުރުމާއި، އެ މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޒުވަމުންދާ މިންވަރާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމާ ގުޅޭގޮތުންވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައި ވެއެވެ.