24 Dec 2013, 09:39
އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި މަހުގެ 17 ވަނަ ދުވަހު އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖު ޕޮލިސްޓޭޝަނުން ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކާކުމަކެއް ފޮރިން މިނިސްޓްރީއަކުން ނުބުނެ އެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ފޮރިނާސް ރަޖިސްޓްރޭޝަން އެމެންޑްމަންޓް ގާނޫނާއި އަދި ޕާސްޕޯޓާ ބެހޭ ގާނޫނުގެ ދަށުން ކަމަށް މެޑިކަލް ކޮލެޖު ޕޮލިސްޓޭޝަނުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ހައްޔަރުކުރުމަށް ފަހު ހަމަ އެ ދުވަހު ޓްރިވެންޑްރަމްގައި ހުންނަ އެޑިޝަނަލް ޗީފް ޖުޑީޝަލް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާތޯ އާއިލާގެ ފަރާތުން ވަކީލަކު މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް މެދުވެރިކޮށް އެ މިނިސްޓްރީން އެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ހަމަ އެހެންމެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އަދި ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މައްސަލައިގައި އެ މިނިސްޓްރީ އަށް ވެދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.