24 Dec 2013, 09:30
ކުރިއަށް އޮތް އަހަރު ދެކުނު އޭޝިޔާގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންނާއި ޒުވާނުންގެ ރޯލް ފުޅާކޮށް، ތަރައްގީކުރުމަށް ސާކް އެސޯސިއޭޝަން އޮފް ސްޕީކާސް އެންޑް ޕާލިއަމަންޓޭރިއަންސް (އެސްއޭއެސްޕީ) އިން ނިންމައިފި އެވެ.
މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ނިންމާލި އެސްއޭއެސްޕީގެ ހަތް ވަނަ ކޮންފަރަންސަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުން ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ޖަމިއްޔާގެ މަސައްކަތްތަކުގައި އަންހެނުންނާއި ޒުވާނުން ދައުރު ހަރުދަނާކުރުމަށް ކަމަށެވެ.
މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދިޔަ މިބައްދަލުވުމުގައި ސާކް ސަރަހައްދަށް ނިސްބަތްވާ ހަ ގައުމެއް ވަނީ ބައިވެރިވެފަ އެވެ. އެއީ އަފްގާނިސްތާން، ބޫޓާން، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ދިވެހިރާއްޖެ އެވެ. މިބައްދަލުވުމުގައި މި އަހަރު ބައިވެރިވެފައި ނުވަނީ ނޭޕާލާއި ބަންގުލަދޭޝް އެވެ.
ކޮންފަރަންސް ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޮކް ސަބާގެ ރައީސާ ޝްރީމަތީ މީރާ ކުމާރު ވިދާޅުވީ މިކޮންފަރަންސަކީ ކާމިޔާބު ކޮންފަރަންސެއް ކަމަށާއި ޖަމިއްޔާގެ ތެރޭގައި އަންހެނުން އަދި ޒުވާނުންގެ ދައުރު އިތުރުކުރުމުގެ ގޮތުން ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.
"މިކޮންފަރަންސް ވެސް މިނިންމާލަނީ ވަރަށް ކާމިޔާބު ކޮންފަރަންސެއްގެ ގޮތުގައި. އަންހެނުންގެ ކޮމިޓީ އަދި ޒުވާނުންގެ ކޮމިޓީއެއް މިހާރު ވާނީ އުފައްދާފައި. މި ދެ ކޮމިޓީއާ އެކު ކުރިއަށް އޮތް އަހަރު އަންހެނުންނާއި ޒުވާނުންގެ ދައުރު ކުރިއެރުވުމަށް ރައީސުން ވަނީ ނިންމަވާފައި،" މީރާ ވިދާޅުވި އެވެ.
މިއަހަރުގެ ކޮންފަރަންސްގައި ސްޕީކާސް އެންޑް މެމްބާސް ކޮންފަރަންސްގައި އެ ޖަމިއްޔާ އިން ވަނީ ޖަމިއްޔާގެ ތެރޭގައި އަންހެނުންގެ ކޮމިޓީއަކާއި ޒުވާނުންގެ ކޮމިޓީއެއް އުފައްދާ، މި ދެ ކޮމިޓީ އެ ޖަމިއްޔާގެ ޗާޓަރުގައި އެކުލަވާލާފަ އެވެ. ޒުވާނުންގެ ކޮމިޓީގައި ހިމެނޭނީ އުމުރުން 40 އަހަރުން ދަށުގެ މެމްބަރުން ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޒުވާނުންނާއި އަންހެނުންގެ ދައުރު ހަރުދަނާކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ހާއްސަކޮށް ޒުވާނުންނަކީ ދެކުނު އޭޝިޔާގެ ސަރަހައްދުގައި އެންމެ ބޮޑު އެއް އާބާދީކަމުން ޒުވާނުންގެ ދައުރު ފުޅާކުރަން ޖެހިފައިވާ ކަމަށެވެ.
"ޒުވާނުންނަކީ ދެކުނު އޭޝިޔާ އަދި ރާއްޖެއަށް ބެލިކަމުގައި ވިޔަސް އެންމެ ބޮޑު އާބާދީ. އެހެންކަމުން ޒުވާނުންގެ ދައުރު ހަރުދަނާކުރުމަށް މިފަހަރު އަޅުގަނޑުމެން މަސައްކަތްކުރާނަން. މިހާރު އަޅުގަނޑުމެން ނިންމާފައި ވާނީ 40 އަހަރުން ދަށުގެ މެމްބަރުންނަކީ ޒުވާނުން ކަމަށް. އަދި ޒުވާނުންގެ ކޮމިޓީއެއް އުފައްދާ ޖަމިއްޔާގެ ޗާޓަރަށް ވަނީ އިސްލާހުތަކެއް ގެނެވިފައި،" ޝާހިދު ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރާއްޖެ ވަޑައިގެންނެވި ފަސް ގައުމުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުން ވެސް ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފުކޮށްފަ އެވެ. އަދި މިއަހަރުގެ ކޮންފަރަންސް އިންތިޒާމުކުރުމުގައި މަޖިލީހުން ކޮށްފައިވާ މަސައްކަތަށް ހުރިހާ ރައީސުން ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ނިންމާލުމުގެ ކުރިން މިޖަމިއްޔާގެ އަށް ވަނަ ކޮންފަރަންސް ބާއްވާނެ ގައުމެއްގެ ގޮތުގައި ސްރީ ލަންކާ ވަނީ ހަމަޖައްސާފަ އެވެ. އެކޮންފަރަންސް އޮންނާނީ 2014 ވަނަ އަހަރުގަ އެވެ.