މިހާރު ކުރިއަށްދާ 21 ވަނަ ހިޓާޗީ އެމްބީއޭ ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގެ ފުރަތަމަ މެޗު ހަރިކޭން ބާސްކެޓްބޯލް ކްލަބު އަތުން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ކާމިޔާބުކުރި ސެމީގެ ދެވަނަ މެޗުގައި ބޮޑު ތަފާތަކުން ކްލަބު އީގަލްސް ބަލިކޮށް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ރެޑްލައިން ކްލަބު ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕު ސްޓޭޖްގައި ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ދެޓީމު ސެމީގައި ވާދަކޮށް މޮޅުވާޓީމެއް ފައިނަލަށް ދާގޮތަށް އޮތްއިރު ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ދެ ގްރޫޕުގެ ދެވަނައަށް ދިޔަ ދެޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކާއި ސެމީގެ އަނެއް މެޗުން ބަލިވާ ޓީމާ ދެމެދު ތިންވަނަ ސެމީއެއް ކުޅެ އެ މެޗުން މޮޅުވާ ޓީމެކެވެ.

ހޯމަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒުގައި ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕު އެއްގެ ދެވަނަ ހޯދި ހަރިކޭން އާއި ގްރޫޕު ދޭއްގެ ދެވަނަ ހޯދި ޑީއެސްސީ އެވެ. އެމެޗުން ޑިއެސްސީ މޮޅުވީ 103-85 ޕޮއިންޓުންނެވެ. މި މެޗުގައި ޑިއެސްސީއަށް އެންމެ ގިނައިން ޕޮއިންޓު ހޯދައިދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަހްމަދު އައުޝަމް އެވެ. އޭނާ ވަނީ މެޗުގައި ޑީއެސްސީއަށް 24 ޕޮއިންޓު ހޯދައިދީފަ އެވެ. ހަރިކޭންއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 20 ޕޮއިންޓު ހޯދި މުހައްމަދު އަހްމަދު ސަމީރު އެވެ.

ގްރޫޕު އެކެއްގެ އެއްވަނަ ހޯދީ ކްލަބް އީގަލްސް އާއި ދޭއްގެ އެއްވަނަ ހޯދި އާރުއެލްސީ ކުޅުނު ސެމީފައިނަލް މެޗު 70 ޕޮއިންޓުގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރި އިރު އެ މެޗު އާރުއެލްސީ ކާމިޔާބުކުރީ 110-47 ޕޮއިންޓުންނެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ އާރުއެލްސީއަށް 25 ޕޮއިންޓު ހޯދައިދިން އަހްމަދު ޒަބީރު އެވެ.

މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރަން ކުޅޭ ތިންވަނަ ސެމީ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބާއި ކްލަބު އީގަލްސް ވާދަކުރާ މެޗު ކުޅެން ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ 8:30ގަ އެވެ.