23 Dec 2013, 21:29
ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭންފެށި ދެ ވަނަ ކުންފުނި ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ރީބްރޭންޑްކޮށް، އެ ކުންފުނީގެ ނަން "އުރީދޫ މޯލްޑިވްސް"އަށް ބަދަލުކޮށްފި އެވެ.
މެދުއިރުމައްޗާއި އުތުރު އެފްރިކާގައި ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެމުން އަންނަ ވަތަނިއްޔާ ޓެލެކޮމް އިންޓަނޭޝަނަލް ކުންފުނީގެ ދަށުން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ "ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް"ގެ ނަން ބަދަލު މިކުރީ އެ ކުންފުނީގެ ހިދުމަތް ރާއްޖޭގައި ދެމުން އަންނަތާ އަށް އަހަރު ފަހުންނެވެ.
ރާއްޖޭގެ މުވާސަލާތީ ހިދުމަތަށް އިންގިލާބީ ތަރައްގީއެއް ގެނައި ކުންފުނީގެ ނަން ބައިނަލްއަގްވާމީ ބްރޭންޑެއް ކަމަށްވާ އުރީދޫއަށް ބަދަލު ކުރީ ކުރުނބާ މޯލްޑިވްސްގައި މިރޭ ކުރިއަށް ދިޔަ ހާއްސަ ހަފުލާއެއްގަ އެވެ. ބްރޭންޑް އިފްތިތާހް ކޮށްދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު އަމީން އިބްރާހީމް އާއި އުރީދޫ ގްރޫޕުގެ ސީއީއޯ ޑރ. ނާސިރު މަރާފިހް އެވެ.
އުރީދޫއަކީ އަރަބި ބަހެކެވެ. އޭގެ މާނައަކީ "އަހަރެން ބޭނުން" އެވެ. ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ ނަން އުރީދޫ އަށް ބަދަލުކުރި އިރު އެ ކުންފުންޏަކީ އޭޝިޔާގައި އުރީދޫއަށް ބަދަލުކުރި ފުރަތަމަ ކުންފުންޏެވެ. އެ ކުންފުނިން ބުނީ އުރީދޫ އިން ދައްކުވައިދެނީ ރާއްޖޭގެ ކަސްޓަމަރުންނާއި ކުންފުނިތަކާއި އޮތް ވަރުގަދަ ގުޅުން ކަމަށާއި ލިބެން ހުރި ތަފާތު އަދި ފުރިހަމަ ހިދުމަތްތައް ކަމަށެވެ.
"އުރީދޫ ބްރޭންޑުގެ މައިގަނޑު އަމާޒަކީ ދިވެހިންނަށް އުރީދޫ ބްރޭންޑުގެ ވައުދު ކަމަށްވާ އިންސާނީ ތަރައްގީގެ ވައުދު ފުރިހަމަ ކޮށްދޭން މަސައްކަތްކުރުން. އަޅުގަނޑުމެން މަސައްކަތް ކުރާނީ މޯބައިލް ޓެކްނޯލޮޖީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން ރަނގަޅުކޮށް ދިރިއުޅުން ބަދަލުކުރުވަނިވި ފައިދާތަކެއް ހިއްސާކުރަން. އަޅުގަނޑުމެންގެ ކުންފުނިތަކުން ރާއްޖޭގެ ކުންފުންޏަކީ އޭޝިއާގައި މި ބްރޭންޑަށް ބަދަލުކުރި ފުރަތަމަ ކުންފުނި. މިއިން އަންގައިދެނީ އަޅުގަނޑުމެން މި މާކެޓަށް ބާރުއަޅާ މިންވަރު،" އުރީދޫ ގުރޫޕުގެ ސީއީއޯ ޑރ. ނާސިރު މަރާފިހް ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާރޫން ޝަހުލް ހަމީދު ވިދާޅުވީ، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ މުއާސަލާތީ ކުންފުނިން ރާއްޖޭގެ ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދޭނޭ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އުރީދޫގެ ހިދުމަތްތައް މެދުވެރިކޮށް މީހުންގެ ދިރިއުޅުން ބަދަލުކޮށް އަދި މުޖުތަމައުއަށް ހަގީގީ ބަދަލެއް ގެނެވޭނެ،" ހާރޫން ވިދާޅުވި އެވެ.
އުރީދޫ އިން ބުނީ މިރެއިން ފެށިގެން އެ ކުންފުނީގެ ހުރިހާ "މެޓީރިއަލްސް"ތަކެއްގައި ބޭނުން ކުރާނީ ވަތަނިއްޔާގެ ބަދަލުގައި އުރީދޫ ކަމަށާއި އަދި ކުންފުނީގެ ގްލޯބަލް ބްރޭންޑް އެންބެސެޑާ، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ އިޝްތިހާރުތައް ރާއްޖޭގައި ބޭނުން ކުރަމުން ގެންދާނޭ ކަމަށެވެ.