23 Dec 2013, 20:55
ކޯސްޓްގާޑް އުޅަނދު ފަހަރު ބަނދަރުކޮށް، ބެލެހެއްޓުމަށް ކ. އުތުރު ތިލަފަޅުގައި ބަނދަރެއް ހަދަމުންދާ މަރުހަލާގައި، ފަޅު ހިއްކައިގެން އުފައްދާ އެ ރަށުގައި އިމާރާތްކުރާ ފުރަތަމަ އިމާރާތަކަކަށް މިސްކިތެއްގެ ބިންގާ މިއަދު އަޅައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ރަށަކީ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމްއެންޑީއެފް އިން ޙާސިލް ކުރާނެ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް އިޢުލާނު ކުރައްވާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ އިންފްރާސްޓްރަކްޗާ ބިނާކޮށް ސިފައިން ދިރިއުޅޭ އަދި މަސައްކަތުގެ ވެށި ތަރައްޤީ ކުރުމުގެ ދަށުން ހިއްކަމުންދާ ރަށެއް ކަމަށެވެ.
އެ ރަށުގެ މިސްކިތުގެ ބިންގާ އަޅުއްވައި މިއަދު އަޅުއްވައި ދެއްވީ މިނިސްޓަރު ނާޒިމް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު މުޙައްމަދާއި ބްރިގޭޑިއާ ޖެނެރަލް ޢަލީ ޒުހައިރެވެ. ސަތޭކަ މީހުންނަށް އެއްފަހަރާ ޖަމާޢަތުގައި ނަމާދުކުރެވޭ ގޮތައް ޢިމާރާތްކުރެވޭ އެ މިސްކިތަކީ ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގެ ދަށުން ޢިމާރާތްކުރެވޭ މިސްކިތެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް އެ ފަރާތުގެ ނަމެއް އެމްއެންޑީއެފަކުން ހާމައެއް ނުކުރެ އެވެ.
ސިފައިންގެ ކުރިމަގާ ގުޅިފައިވާ އުތުރުތިލަފަޅުގެ މަޝްރޫޢަކީ ސިފައިންގެ ވެލްފެއާ ކަންތައްތައް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި އުފައްދާފައިވާ ސިފައިންގެ ވެލްފެއާ ކުންފުނި "ސިވެކް" އިން ހިންގާ ޕްރޮޖެކްޓެކެވެ. އުތުރުތިލަފަޅުގައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އޮތް ޖެނުއަރީމަހުގެ ތެރޭގައި ނިމޭނ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ފިޔަވަހި ނިމޭއިރު، ކޯސްޓްގާޑުގެ އުޅަނދުފަހަރު އުތުރުތިލަފަޅުގައި ބަނދަރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.
އުތުރު ތިލަފަޅު ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ޑިފެންސް މިނިސްޓަރު ފައްޓަވައި ދެއްވީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އޮގަސްޓް 18، 2013 ގަ އެވެ. އުތުރު ތިލަފަޅުގެ މަޝްރޫޢަކީ ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ، ސިފައިންގެ މީހުންގެ ވެލްފެއާ ނިޒާމް ހަރުދަނާކޮށް ކުރިއެރުމަށްޓަކައި ފަށާފައިވާ މަޝްރޫޢެކެވެ.