23 Dec 2013, 14:47
ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރިން ގާނޫނުލް އުގޫބާތު ބިލް ފާސްކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ ބިލް ދިރާސާކުރި ކޮމެޓީގެ މުގައްރިރު އަހްމަދު ހަމްޒާ ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ހަމްޒާ ވިދާޅުވީ ޕީޕީއެމްގެ ފަރާތުން އެ ބިލަށް ހުށަހަޅަން ގަސްދުކޮށްފައި ވަނީ ދެ އިސްލާހު ކަމަށާއި އަދި އެމްޑީޕީގެ ފަރާތުން އެއްވެސް އިސްލާހެއް ހުށަހަޅަން މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ. އެހެންކަމުން ބޮޑެތި އިސްލާހުތަކެއް އެ ބިލަށް ހުށަހަޅާނެ ކަމަށް ގަބޫލުނުކުރެވޭތީ މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރިން މަޖިލީހުން ބިލް ފާސްކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހަމްޒާ ވިދާޅުވި އެވެ. "މާބޮޑު އިސްލާހުތަކެއް ހުށަހަޅައިފިނަމަ އަނެއްކާވެސް ކޮމެޓީއަށް ބިލް ޖެހޭނީ ފޮނުވަން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި ބިލަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅާނެ ކަމަށް. އެހެންކަމުން މަޖިލީސް ޗުއްޓީއަށް ދިޔުމުގެކުރިން ބިލް ފާސްވާނެކަމަށް ގަބޫލުކުރެވެނީ،" ހަމްޒާ ވިދާޅުވި އެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ކޮމެޓީގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު އެކުލަވާލެވިފައިވާ ގާނޫނުލް އުގޫބާތުގެ ބިލަކީ އިސްލާމީ ޝަރީއަތާ އެއްގޮތަށް އެކުލަވާލެވިފައިވާ ބިލެއް ކަމަށާއި އެއީ އިސްލާމީ ޝަރީއަތާ ޚިލާފު ބިލެއްކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. ކޮމެޓީގެ މުގައްރިރު ހަމްޒާ ވިދާޅުވީ އެ ބިލް ދިރާސާ ކުރުމުގައި ދީނީ އިލްމުވެރީންނާއި ފަނޑިޔާރުންގެ އިތުރުން ބަންޑާރަ ނާއިބާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާ ހޯއްދަވާފައިވާނެ ކަމަށެވެ. ގަސްދުގައި މީހަކު މަރާލުމުގެ ކުށް އިއުތިރާފުގެ މައްޗަށް ބިނާކޮށް ޝަރީއަތަށް ސާބިތުނުކުރެވޭނެ ކަމަށް އެ ބިލްގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގާނޫނަށް އަމަލުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާތާ އެއް އަހަރު ފަހުން ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ ގާނޫނާއި އެހެން ގާނޫނުތަކާ ފުށުއަރާނަމަ އެކަންކަން މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ.