23 Dec 2013, 14:24
މާތްވެގެންވާ މައްކާގެ ގަވަރްނަރުކަން ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބުދުﷲ ބިން އަބުދުލް އަޒީރު އާލް ސުއޫދުގެ ދަރިކަލަކަށް ދެއްވައިފި އެވެ.
އަލްޖަޒީރާ ބުނީ މައްކާގެ ގަވަރްނަރްކަން ރަސްގެފާނު އަބުދުﷲގެ ދަރިކަލުން ޕްރިންސް މިޝާލް ބިން އަބުދުﷲ އަށް ދެއްވާފައިވާ ކަމަށެވެ. އުމުރުފުޅުން 43 އަހަރުގެ މިޝާލް އަކީ ރަސްގެފާނު އަބުދުﷲގެ ހަ ވަނަ ފިރިހެން ދަރިކަލުންނެވެ.
މިޝާލްއަށް އެމަގާމު ދެއްވުމުގެ ކުރިން އެމަގާމުގައި ހުންނެވީ އަބުދުﷲ ރަސްގެފާނާ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ ޚާލިދު ބިން ފައިސަލް އެވެ. އުމުރުފުޅުން 73 އަހަރުގެ ޚާލިދު މައްކާގެ ގަވަރްނަރް ކަމުން ވަކިކުރެއްވުމަށް ފަހު އިއްޔެ ވަނީ އެޑިއުކޭޝަން މިނިސްޓަރުކަން ދެއްވައިފަ އެވެ.
މައްކާ އާއި ޖިއްދާ ހިމެނޭ މައްކާ ޕްރޮވިންސްގެ ގަވަރްނަރްކަމުގެ މަގާމަކީ ސައުދީ އަރަބިއްޔާގައި ވަރަށް ނުފޫޒު ގަދަ މަގާމެކެވެ.
ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ ގިނަ މަގާމުތަކެއްގައި މިހާރު ތިއްބެވީ އަބުދުﷲ ރަސްގެފާނުގެ ދަރިދަރިކަލުންނެވެ. އެގޮތުން ނެޝަނަލް ގާޑްގެ ވެރިޔަކަށް ދަރިކަލުން ޕްރިންސް މުއްތަލިބު ހުންނެވި އިރު ޕްރިންސް އަބުދުލް އަޒީޒު ހުންނެވީ ފޮރިން މިނިސްޓަރުގެ ނައިބަކަށެވެ. އަދި ޕްރިންސް ތުރުކީ އަކީ ވެރިރަށް ރިޔާޟުގެ ޑެޕިއުޓީ ގަވަރްނަރު އެވެ.