މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިދުމަތް ހޯދަން އަންނަ ފަރާތްތައް މަޑުކުރުމަށް ތައްޔާރުކުރެއިފައިވާ "ބަނދަރު މައިޒާން" މިއަދު ހުޅުވައިފި އެވެ.

އެމްޕީއެލްގެ ބަނދަރު މައިޒާންގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ސިޔާސަތުގެ ދަށުން މިއަދު ހުޅުވި ބަނދަރު މައިޒާންގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި
ސަރުކާރުން ދިވެހި ރައްޔިތުންނަށް އާންމުކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި މިހާރު ފައްޓަވާފައިވާ މަސައްކަތްތަކަކީ ނަތީޖާ ހާސިލް ކުރެވޭނެ ކަންތައްތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމިންގެ ޒައާމަތުގެ ފުރަތަމަ ސައްތާގައި ހާސިލް ކުރެވޭނެ ލަނޑުދަނޑިތައް ވަރަށް ގިނަ. އޭގެތެރެއިން ވަރަށް މުހިންމު މަސައްކަތްތަކެއް ގުޅިފައި ވަނީ މިކުންފުންޏާ." އާމީން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ އެސިސްޓެންޓު މެނޭޖާ އިބްރާހިމް އަފްޒަލް ވިދާޅުވީ، ބަނދަރު މައިޒާން ހުޅުވުމުގެ ސަބަބުން އެތަނުގައި މަސައްކަތް ކުރާ ލޮރީ ޑްރާވަރުންނާއި މަޖޫރީންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދާނެ ކަމަށެވެ. އަދި އެ މައިޒާން ހުޅުވުމުގައި އެ ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުން ދެއްވި އެއްބާރު ލުމަށް އަފްޒަލް ޝުކުރު އަދާކުރެއްވި އެވެ.