އިންޑިއާގައި އަލަށް އުފައްދާފައިވާ ކޮރަޕްޝަނާ ދެކޮޅު އާމު އާދްމީ ޕާޓީ (އޭއޭޕީ) އިން އެގައުމުގެ ވެރިރަށް ދިއްލީގެ ލޯކަލް ގަވަމަންޓް އިންތިހާބު ކާމިޔާބުކޮށް، އާ ސަރުކާރެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އާމު އާދްމީ ޕާޓީ ނުވަތަ އާދައިގެ މީހުންގެ ޕާޓީގެ ނަންދީފައިވާ ޕާޓީގެ ފަރާތުން ދިއްލީގެ އާ ޗީފް މިނިސްޓަރު (ސީއެމް)ގެ މަގާމާ ހަވާލުވެވަޑައިގަންނަ ވާނީ އަރުވިންދު ކެޖެރިވާލް އެވެ. ކެޖެރިވާލް އަކީ މީގެ ކުރިން އިންޑިއާގައި ސިވިލް ސާވިސްގެ ވަޒީފާއެއްގައި ހުންނެވި ބޭފުޅެކެވެ.

އޭއޭޕީ އިން ދިއްލީގެ ލޯކަލް ގަވަމަންޓް އިންތިހާބު ކާމިޔާބުކޮށްފައި ވަނީ ދިއްލީގެ ގާނޫނު ހަދާ މަޖިލީހުގެ 70 ގޮޑީގެ ތެރެއިން 28 ގޮޑި ކާމިޔާބުކޮށްގެން ނެވެ. އޭއޭޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބެނީ ކޮންގުރެސް ޕާޓީ އިން ކާމިޔާބުކުރި އަށް ގޮޑި އެއްކޮށްލައިގެން އޭއޭޕީ އަދި ކޮންގުރެސް ޕާޓީ އިން ހަދާފައިވާ ކޯލިޝަންގެ ސަބަބުން ނެވެ.

ލޯކަލް ގަވަމަންޓް އިންތިހާބުން އެންމެ ގިނަ އަދަދެއްގެ ގޮޑި ކާމިޔާބުކޮށްފައި ވަނީ އިންޑިއާގެ އިދިކޮޅު ޕާޓީ ބީޖޭޕީ އިން ނެވެ. ބީޖޭޕީއިން މިއިންތިހާބުގައި 32 ގޮޑިކާމިޔާބުކުރި ނަމަވެސް، ދިއްލީގައި ސަރުކާރެއް ގާއިމްކުރުމަށް 36 ގޮޑީގެ އަގުލަބިއްޔަތެއް ބޭނުންވާތީވެ ސަރުކާރެއް ގާއިމްކުރެވެން ނެތް ކަމަށް އެޕާޓީ އިން ވަނީ ބުނެފަ އެވެ.

އިންތިހާބުގެ ނަތީޖާ ފުރަތަމަ އައި ގޮތުން އެއްވެސް ޕާޓީއަކަށް ބޭނުންވާ އަގުލަބިއްޔަތު ނުލިބުމުން ސަރުކާރެއް ނުއުފެއްދޭނެ ކަމަށް ގިނަ ބަޔަކު ލަފާކުރި އެވެ. އޭރު އޭއޭޕީ އަދި ބީޖޭޕީއިން ވެސް ބުނަމުން އައި ސަރުކާރެއް އުފައްދަން ބޭނުންވާ ވަރުގެ އަގުލަބިއްޔަތެއް ނެތުމަށް އެކަން ކުރެވެން ނެތް ކަމަށެވެ. އަދި އެހެން ޕާޓީއަކާ ކޯލިޝަން ހަދައިގެން ވެރިކަމަށް އަންނަން ބޭނުންނުވާ ކަމަށް ދެ ޕާޓީ އިން ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް އޭއޭޕީގެ ނިންމުން ބަދަލުކޮށް އެޕާޓީ އިން ވަނީ ކޮންގުރެސް ޕާޓީއާ އެކު ކޯލިޝަނެއް ހެދުމަށް ފަހު އާ ސަރުކާރެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އިއުލާންކޮށްފަ އެވެ.

އޭއޭޕީގެ ސަރުކާރު މިހަފުތާގެ ތެރޭގައި ހުވާކުރައްވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.