ތަރައްގީގެ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާގެ ތަފުސީލު ހާމަނުކޮށް، ގަނޑުކޮށް ކަނޑައަޅާ ބަޖެޓަކަށް ތާއިދު ނުކުރައްވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހާލަތު ބެއްލެވުމަށް ށ. އަތޮޅުގެ ބައެއް ރަށްތަކަށް ޑީއާރުޕީން ކުރާ ދަތުރުގައި މިއަދު މެންދުރު ފަހު އެ އަތޮޅު ފޭދޫގައި ޑީއާރުޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކޮށްފައި ވަނީ ތަރައްގީގެ މަޝްރޫއުތަކުގެ ފައިސާ ގަނޑުކޮށް ހިމަނައިގެން ކަމަށާއި އެ ފަހަރު އެގޮތަށް ބަޖެޓް ފާސް ކުރީ ތިން މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ މަޝްރޫތަކުގެ ތަފްސީލު މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ވައުދުވުމުން ކަމަށެވެ. ނަމަވެސް އެ ތަފްސީލު މި އަހަރު މަޖިލީހަށް ހުށަނާޅައި އަދި އުސޫލެއް ނެތި ސަރުކާރުން ކަންތައް ކުރުމުން ގެންދިޔަ ކަމަށް ތަސްމީން ތުހުމަތުކުރެއްވި އެވެ.


ތަސްމީން ވިދާޅުވީ ފާއިތުވި ތަނުގައި ސަރުކާރުގެ އަމަލުތައް އެ ބީދައިން ހުރުމުން، ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓްގައި ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލް ނުހިމަނައި، ގަނޑުކޮށް ފައިސާ ހިމަނައިގެން ބަޖެޓް ފާސް ކުރަން އެއްބަސް ނުވާނެ ކަމަށެވެ.


އޭނާ ވިދާޅުވީ ސަރުކާރުން މި އަހަރު ހުށަހަޅާފައި ވަނީ ޕްރޮގްރާމް ބަޖެޓެއް ކަމަށް ބުނާ އިރު، ތަރައްގީގެ މަޝްރޫތަކުގެ ތަފްސީލު ބަޖެޓްގައި ނުހިމަނައިފި ނަމަ މަޖިލީހުގެ ތެރެއިން ޑީއާރުޕީ މަސައްކަތް ކުރާނީ އިސްލާހުތަކެއް ގެނެސްގެންގެ ބަޖެޓް ފާސްކުރުމަށް ކަމަށެވެ.


"ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓްތައް... ވާންޖެހޭނީ ހަމަޖެހިފައި އޮންނަ އުސޫލަކުން އެކަން ކަމަށް އެންމެ ބޭނުންވާ ފަރާތްތައް އެ ހިދުމަތްތައް ލިބެން ޖެހޭނެ[ގޮތަށް] އިންތިޒާމް ކުރެވިފައިވާ ގޮތަކަށް. އެހެން ކަމަށް ވުމާއެކު މި އަހުރުގެ ބަޖެޓް ފާސްކުރާނީ މި ދެންނެވި [މަޝްރޫއުތަކުގެ ތަފްސީލު] ކަންތައްތައް އިސްލާހު ކުރުމަށް ފަހުގައި." ތަސްމީން ވިދާޅުވި އެވެ.


ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭންޖެހޭނެ ސަބަބުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ކަންތައް ކުރުމުގެ ގާބިލުކަން ލިބިގެންވަނީ ޑީއާރުޕީގެ ކެންޑިޑޭޓުންނަށް ކަމަށެވެ. އަދި އެއީ ހަމަހަމަކަމާއެކު އެންމެހާ ރައްޔިތުންނަށް ހިދުމަތްތައް ދެވޭނެ އުސޫލްތައް ކަނޑައެޅިފައި ވަނީ ޑީއާރުޕީ އިން ކަމަށް ވާތީ، އެ އުސޫލުންތަކުގެ މަތިން ޑީއާރުޕީގެ ކެންޑިޑޭޓުން މަސްކަތްކުރާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ރަށްރަށަށް ޑީއާރުޕީން ކުރާ ދަތުރުތަކުގެ ސަބަބުން އެނގި ހާމަވެގެން ދަނީ އެ ޕާޓީގެ ސިޔާސަތުތަކަށް ތާއިދުކުރާ މީހުން ގިނަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ޑީއާރުޕީ ކާމިޔާބު ކުރާނެ ކަމާ މެދު ޝައްކެތް ނެތް ކަމަށެވެ.