ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ފޯނު އޮޕަރޭޓަރު ކަމަށްވާ ޗައިނާ މޮބައިލުން އެޕަލް ގެ އައިފޯން 5 އެސް އާއި އައިފޯން 5 ސީ ޗައިނާގައި ވިއްކަން އެއްބަސްވެފައިވާކަން އިއުލާނުކޮށްފި އެވެ.

މި އެއްބަސްވުން އިއުލާނުކޮށްފައި ވަނީ މިއަދު ދެ ކުންފުނިން ވަކިވަކިން ނެރުނު ދެ ޕްރެސް ސްޓޭޓްމަންޓް ގައެވެ. އޭގައި ބުނެފައި ވަނީ 17 ޖެނުއަރީ 2014 އިން ފެށިގެން ޗައިނާ މޮބައިލްގެ ފިހާރަތަކުންނާ ޗައިނާގެ މައި ސިޓީ ތަކުގައި ހުންނަ އެޕަލްގެ ރީޓޭލް ފިހާރަތަކުން އައިފޯނު ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިޔާލައި ފޯނު ގަތުމަށް ޕްރީ ރެޖިސްޓަރީ ކުރުމުގެ ފުރުސަތު 25 ޑިސެމްބަރުގައި ހުޅުވައިލެވޭނެ ކަމަށެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް މިއަދު ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ޗައިނާގެ އައިފޯނު ބާޒާރަކީ އިތުރަށް ފުޅާވުމުގެ ފުރުސަތު ބޮޑު ބާޒާރެއް ކަމަށާއި ޗައިނާ އަކީ އެޕަލްއަށް ވަރަށް މުހިއްމު ބާޒާރެއް ކަމަށެވެ. އަދި ޗައިނީޒް އައު އަހަރާ ދިމާކޮށް އެ ގައުމުގެ އެންމެ ބޮޑު ކެރިޔަރުން އައިފޯނު ތައާރަފު ކުރުމަކީ އަހަރަށް ކިޔޭ އެންމެ ރަނގަޅު މަރުހަބާ ކަމުގައި އޭނާ ބުންޏެވެ. 2014 ގައި ޗައިނީޒް އާ އަހަރު ފެށެނީ ޖެނުއަރީ 31 ގައެވެ.

ޓިމް ކުކްގެ ސްޓޭޓްމަންޓާ ދާދި އެއް ހަމައެއްގައި ޗައިނާ މޮބައިލްގެ ޗެއާމަން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އެ ކުންފުނިން ވެސް މި އެއްބަސްވުމާ މެދު އުފާކުރާ ކަމަށާއި ޗައިނާ މޮބައިލްގެ 3 ޖީ އަދި 4 ޖީ ނެޓްވާކްގައި އައިފޯނު ބޭނުންކުރެވޭނެ ކަމަށެވެ. ދެ ކުންފުނިން ވެސް މި އެއްބަސްވުމަށް އައުމަށް މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.

760 މިލިއަން މީހުންނަށް ހިދުމަތްދޭ ޗައިނާ މޮބައިލް އާއި ދުނިޔޭގައި އެންމެ މަޝްހޫރު އަދި އެންމެ ގިނަ މޮބައިލް ފޯނު އުފައްދާ އެޕަލް އާއި ދެމެދު ވެވުނު މި އެއްބަސްވުމަކީ މޮބައިލް ފޯނު އިންޑަސްޓްރީގައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މާހިރުން ސިފަކުރެއެވެ. ޗައިނާ މޮބައިލްގެ ކަސްޓަމަރ ބޭސްގެ ކުޑަ އިންސައްތައަކުން އައިފޯނު ގަތަސް އެޕަލްއަށް ނުހަނު ފައިދާ ބޮޑު ވާނެއެވެ.