މި ހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތަކުގެ 80 ޕަސެންޓް މި ސަރުކާރުގެ 100 ދުވަސް ތެރޭގައި ނިންމުމަށް ގަސްތުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އާ ސަރުކާރުގެ 100 ދުވަސް ތެރޭގައި ޒުވާނުނަށް އަމާޒުކޮށްގެން އެ މިނިސްޓްރީން ކުރުމަށް ހަމަޖެހިފައިވާ ކަންކަން އިފްތިތާހް ކުރުމަށް ރޭ އިސްކަންނަދަރު ކޮށީގައި ބޭއްވި ޖަލްސާގައި ހުށަހެޅި ޕްރެޒެންޓޭޝަނުގައި އެ މިނިސްޓްރީން ބުނީ ފުލުހުނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގު ނުނިމި ހުރުމުގެ މައްސަލަ ރައްދުވާ ގިނަ ޒުވާނުންނަށް ވަޒީފާ ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީ ބުނީ މިހާތަނަށް 4000 ވުރެ ގިނަ މައްސަލަ ފުލުހުން ބަލަމުންދާ އިރު 100 ދުވަސްތެރޭގައި އެ މައްސަލަތަކުގެ 80 ޕަސެންޓް ނިންމާނެ ކަމަށެވެ. އަދި އެ މައްސަލަ ނިންމުމަށް ފަހު ދައުވާ ކުރަން ޖެހޭ މައްސަލަތައް ދައުވާ ކުރުމަށް ފޮނުވުމަށް ފަހު ދެން ހުރި މައްސަލަތަކުގެ ރިކޯޑް ސާފްކުރެވޭނެ ކަމަށެވެ.

"އެހެން ހެދުމުން ވަޒީފާ އަށް ނުކުންނަން ބޭނުންވާ 2000 ވަރަކަށް ޒުވާނުނަށް ކުށުގެ ރިކޯޑް ސާފްވެ ވަޒީފާ ލިބުމަށް ތަނަވަސްވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ،" އެ ޕްރެންޓޭޝަނުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ފުލުހުނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ބޮޑެތި ކުށްތަކުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގެ ތަހްލީލްތައް އެއް މަސް ދުވަސް ތެރޭގައި ނިންމަން ފެށުމަކީ ވެސް 100 ދުވަސްތެރޭގައި ކުރާނެ ކަމެއް ކަމަށް އެ ޕްރެޒެންޓޭޝަނުގައި ވަނީ ބުނެފަ އެވެ. އަދި ބޮޑެތި ކުށްތައް ފިޔަވައި އެހެނިހެން މައްސަލަތަކުގެ ފޮރެންސިކް ތަހްލީލްތައް ގިނަ ވެގެން ތިން ދުވަސް ތެރޭގައި ނިންމަން ފެށޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަންކަން ކުރުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށެވެ.