23 Dec 2013, 12:21
އާދަޔާ ޚިލާފަށް ވަރުގަދަ އައިސް ތޫފާނެއްގެ ސަބަބުން ކެނެޑާގެ އެންމެ ބޮޑު ޝަހަރު ކަމަށް ވާ ޓޮރޮންޓޯ އާއި، ދެންވެސް ގައުމުގެ އިރުމަތީ ސަރަހައްދުގެ އެހެން ޝަހަރުތަކާއި އަވަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ކެނެޑާއިން ލިބޭ ރިޕޯޓުތައް ބުނެފިއެވެ.
މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެރި ތޫފާނުގައި، ކެނެޑާގެ އިރުމަތީ ސަރަހައްދުތަކަށް ބޯކޮށް ސްނޯ އާއި އައިސް ވާރޭ ވެހެމުންދާ ކަމަށް ވެސް ބީބީސީން ބުނެއެވެ.
ޓޮރޮންޓޯ އާއި އެހެން ބައެއް ޝަހަރުތަކާއި އަވަށްތަކުގައި އާއްމު ދަތުރުފަތުރުގެ ނިޒާމުގެ ގިނަ ބައިތަކެއް ހުއްޓުމަކަށް އައިސްފައި ވާ އިރު، އިންޖީނުގެތަކާއި ކަރަންޓު ވައިރުތަކަށް ލިބުނު ގެއްލުންތަކުގެ ނަތީޖާއެއްގެ ގޮތުން 400000 މީހުން ތިބީ ކަރަންޓުގެ ޚިދުމަތުން ވެސް މަހުރޫމު ވެފައެވެ.
ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އަރައި، އެތައް ފްލައިޓެއް ކެންސަލް ވުމާ ގުޅިގެން، ޓޮރޮންޓޯ އާއި އޮޓާވާ އާއި މޮންޓްރީލްގެ ވައިގެ ބަނދަރުތަކުގައި އެތައް ބަޔަކު ތާށި ވެފައި ތިބި ކަމަށް ވެސް ޚަބަރު ލިބެއެވެ.
ކެނެޑާގެ އިތުރުން ޔުނައިޓެޑް ސްޓޭޓްސްގެ އުތުރަށް ވެސް އަރައިފައި ވާ އައިސް ތޫފާނުގެ ސަބަބުން މިހައިތަނަށް މަދުވެގެން 11 މީހުން މަރު ވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ޓޮރޮންޓޯގެ މޭޔަރު ރޮބް ފޯރޑް ވިދާޅުވީ "މި ތޫފާނަކީ ޓޮރޮންޓޯގެ ތާރީޚުގައި ވެސް ޝަހަރު ތަޖުރިބާ ކުރި އެންމެ ނުރައްކައުތެރި އަދި ގެއްލުން ބޮޑު ތޫފާން" ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މިއަދުގެ ވަގުތެއްގައި ޓޮރޮންޓޯގައި ކުއްލި ހާލަތު އިއުލާން ކުރާން ވެސް ޖެހިދާނެއެވެ.
މި ވަގުތު އެންމެ އިސްކަމެއް ދެއްވަނީ ކަރަންޓު ކެނޑިފައި ވާ ސަނީބްރޫކް ހަސްފަތާލާއި ޓޮރޮންޓޯ އީސްޓް ޖެނެރަލް ހަސްފަތާލަށް ކަރަންޓުގެ ޚިދުމަތް އަލުން ދިނުމަށް ކަމަށް ވެސް މޭޔަރު ފޯރޑް ވިދާޅުވިއެވެ.
ޓޮރޮންޓޯ ހައިޑްރޯ ކުންފުނީން ބުނެފައި ވަނީ ކަރަންޓުގެ ޚިދުމަތުން މަހުރޫމު ވެފައި ވާ ހުރިހާ ތަންތަނަށް އަލުން ޚިދުމަތް ފޯރު ކޮށްދިނުމަށް 72 ގަޑިއިރު ވަރު ނަގާނެ ކަމަށެވެ.
ދަތުރުފަތުރުގެ ނިޒާމު އެންމެ ވަދި ވެގެންދާ މި ދުވަސްވަރު، ޔުނައިޓެޑް ސްޓޭޓްސްގައި ވެސް އައިސް ތޫފާނުގެ ސަބަބުން ގިނަ ފްލައިޓުތަކެއް ވަނީ ކެންސަލް ކޮށްފައެވެ. ޔުނައިޓެޑް ސްޓޭޓްސްގެ މިޝިގަނާއި، ނިއު ޔޯރކް ސްޓޭޓާއި، ނިއު އިންގްލެންޑް ސަރަހައްދުގައި ވެސް 400000 އަށް ވުރެ ގިނަ މީހުން ވަނީ ކަރަންޓުގެ ޚިދުމަތުން މަހުރޫމު ވެފައެވެ.
ޔޫއެސްގެ ނެޝަނަލް ވެދަރ ސަރވިހުން ބުނެފައި ވަނީ އަރަމުން އަންނަ އައިސްގެ ތޫފާނަކީ ވަރަށް ބޮޑު، ވަރަށް ވަރުގަދަ ތޫފާނެއް ކަމަށާއި، މިއަދު ވެސް ނިއު އިންގްލެންޑް ސަރަހައްދަށް ގިނަ އަދަދަކަށް ގަނޑުފެނާއި ސްނޯ ވެހިފާނެ ކަމަށެވެ.
އާއްމުކޮށް ސްނޯ ނުވެހޭ ސަރަހައްދެއް ކަމަށް ވާ މެދުއިރުމައްޗަށް ވެސް މި އަހަރުގެ ފިނި މޫސުމުގައި ވަނީ ބޯކޮށް ސްނޯ ވެހިފައެވެ. މި މަހުގެ މެދުތެރެއިން ފެށިގެން ފަލަސްޠީނާއި ސޫރިޔާ އާއި އުރްދުނާއި ލުބްނާނާއި މިޞުރުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ބައެއް ސަރަހައްދުތަކަށް ވެސް ސްނޯ ވެހިފައި ވެއެވެ.