ސްރީލަންކާގެ އަހުލީ ހަނގުރާމަ ހިނގި ސަރަހައްދުން ގިނަ ބައެއްގެ ހަށިތައް އެކުގައި ވަޅުލާފައިވާ ކަށްވަޅެއް ފެނިގެން އެކަން ތަހުގީގުކުރަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ލަންކާގެ އުތުރުގެ މަންނާރު ޑިސްޓްރިކްޓުން ފެނުނު އެކަށްވަޅުގައި ދިހަވަރަކަށް މީހުންގެ ކަށިތައް ހުރި ކަމަށް އެގައުމުގެ ނޫސްތަކުން އިއްޔެ ބުންޏެވެ. އެކަށްވަޅުގެ މައްސަލަ ތަހުގީގުކުރަން ނިންމީ އިތުރު ހަތަރު މީހެއްގެ ބޮލުގެ ނާށިގަނޑު ފެނުމުން ކަމަށް ސްރީލަންކާ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ދަ ހިންދޫ ނޫހުން ބުންޏެވެ.

ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ސީނިއަ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޖިތު ރޯހާނާއާ ހަވާލާދީ އެނޫހުން ބުނީ ތަހުގީގު މިއަދު ފަށާނެ ކަމަށެވެ.

މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކަށް މިދިޔަ ހުކުރު ދުވަހު އެކަށްވަޅު ފެނުނީ ހޮޅިވަޅުލުމަށް ޓަކައި ކޮންނަނިކޮށެވެ.

ސްރީލަންކާގެ އަހުލީ ހަނގުރާމައިގައި ގިނަ ބަޔަކު މަރައި އެއްވަޅެއްގައި ވަޅުލާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކުރިން ވެސް ދިޔައީ ތުހުމަތު ކުރަމުންނެވެ. އެފަދަ ކަށްވަޅެއް މިދިޔަ އަހަރު ވެސް ވަނީ ފެނިފަ އެވެ.

ސްރީލަންކާގައި ވަކި ދައުލަތެއް ގާއިމްކުރަމަށް އެގައުމުގެ ސަރުކާރާ ހަނގުރާމަ ކުރަމުން ދިޔަ ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް ( އެލްޓީޓީއީ) ބަލިވި ހަނގުރާމައިގައި ސްރީލަންކާ ސިފައިން އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން އެތުހުމަތުތައް ދޮގުކުރެއެވެ. ތަމަޅައިންނާ ސަރުކާރާ ދެމެދު 30 އަހަރުވަންދެން ހިނގި ހަނގުރާމަ ނިމުނީ 2009 ވަނަ އަހަރު ތަމަޅައިން ބަލިވުމުންނެވެ.