ފުލުހުންގެ ވަޒީފާ އަށް 50 މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވަޒީފާ އަށް މީހުން ބޭނުންވެގެން ހޯދަން އިއްޔެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފިރިހެން 25 އަދި އަންހެން 25 މީހަކު ބޭނުންވާ ކަމަށެވެ.

މުސާރައިގެ ގޮތުގައި 4،650ރ. ކަނޑައަޅާފައިވާ އިރު، މަގާމުގެ މަސްއޫލިއްޔަތެއް ކަމުގައި ބުނެފައި ވަނީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަންޖެހޭނެ ކަމަށެވެ. ފުލުހުންގެ ވަޒީފާ އަށް ހޮވޭ 50 ފަރާތުން މަސައްކަތް ކުރަން ޖެހޭ ތަނެއްގެ ގޮތުގައި ބުނެފައި ވަނީ އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކެވެ.

އެވަޒީފާ އަށް މީހުން ހޮވާ އިރު، ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަށްދޭ އެޕްޓިޓިއުޑް ޓެސްޓުން ފާސްވާން ޖެހެ އެވެ. އަދި ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަންގައި ކުރާ އިންޓަވިއު އާއި ބެކްރައުންޑް އެސެސްމަންޓް އިން ފާސްވާން ޖެހެ އެވެ.

ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތަތަކުން ވަޒީފާ އަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ 13 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ލިޔުންތަކާ އެކު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ފޯމު ހުށަހަޅަން ޖެހެ އެވެ.

ފުލުހުން ބުނީ މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާތިލު ވާނެ ކަމަށާއި އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާ އަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކާ ކަމަށެވެ.